13 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްމާދު ހައްޔަރުކޮށްފި

ކައިވެނީގެ ނަމުގައި 12 އަހަރުގެ ކުއްޖަކު ރޭޕްކޮށް، 13 އަހަރުގައި ވިހެއި މައްސަލައިގައި ތުހުމަތުކުރެވޭ އިސްމާއިލް ހައްމާދު އިއްޔެ ހައްޔަރުކޮށްފި އެވެ.


އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ހައްމާދު، 26، ހައްޔަރުކުރީ ހޮސްޕިޓަލުން ދޫކޮށްލުމުން އިއްޔެ ކަަމަށެވެ. އައިޖީއެމްއެޗުގައި އޭނާ އަށް ފަރުވާދިނީ، ދީނީގޮތުން ހަރުކަށި ފިކުރުގެ ތެރެއިން އުފެދުނު ހިޔާލުތަފާތުވުމެއްގައި އެހެން މީހަކާ ދެމެދު ހިނގި މާރާމާރީއަކާ ގުޅިގެންނެވެ.

ފުލުހުން ބުނިގޮތުގައި 13 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ހާއްމާދާ ދިމާވެ އެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަަސަން ހަނީފް ވިދާޅުވީ ހަރުކަށި ފިކުރަށް ނިސްބަތްވާ އާއިލާއެއްގެ ކުދިންތަކެއް ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމްކޮށްފައިވާ މައްސަލައެއް ބަލަމުން ދަނިކޮށް 13 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ހުށަހެޅީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ކަަމަށެވެ.

ފުލުހުން އާއްމުކުރި މައުލޫމާތަށް ބަލާއިރު، 13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވީ އާއިލާއާ އެކު އުޅެމުން ދަނިކޮށެވެ. އެ އާއިލާގައި ހަ ކުދިން ތިބެ އެވެ.

އެ މައްސަލަ ރިޕޯޓްކުރުމާ ހަމައަށް، 13 އަހަރުގެ ކުއްޖާއާ ގުޅޭ ކަންކަން ތަހުގީގު ކުރަމުން އައީ، އިހުމާލުގެ މައްސަލައެއްގެ ގޮތުގަ އެވެ.

ހަނީފް ވިދާޅުވި ގޮތުގައި 13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގަ އެވެ.

މި ތުހުމަތަށް ހައްމާދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަކީ މީގެކުރިން ޓެރަރިޒަމްގެ ކުށެއް ސާބިތުވެ، ހުކުމް ތަންފީޒުކޮށްފައިވާ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަން މިއަދު ވެސް ފުލުހުން ފާހަގަކުރި އެވެ.

ވިހާފައިވާ ކުއްޖާގެ ޑީއެންއޭއާ ތުހުމަތު ކުރެވޭ މީހާ [ހައްމާދު]ގެ ޑީއެންއޭއާ ދިމާވެފައިވާ ކަމުގައި ވެސް ދަންނަވަން. --ޕޮލިސް

ހަނީފް ވިދާޅުވީ ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގެ ތަހުގީގުގައި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާ އެކު ވެސް އަންނަނީ މަޝްވަރާތައް ކުރަމުން ކަމަށެވެ.

އިހުމާލުގެ މައްސަލަ ފުލުހުން ތަހުުގީގު ކުރަމުން ދިޔައިރު އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ނުގެންދިޔައީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން ހަނީފް ވިދާޅުވީ، އޭރު ގަބޫލުކުރެވުނީ 13 އަހަރުގެ ކުއްޖާ އަށް އެންމެ އެކަށީގެންވާ މާހައުލަކީ މަންމަ ގާތުގައި ބެހެއްޓުން ކަމަށެވެ. އެގޮތަށް ނިންމީ އެ ކުއްޖާގެ މައްސަލައިގައި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި މަޝްވަރާތަކަށް ފަހުގައި ކަން ވެސް ހަނީފް ފާހަގަކުރެއްވި އެވެ.

އެނގިފައިވާ ގޮތުގައި، އެ ކުއްޖާ މިހާރު ވެސް އުޅެނީ އާއިލާ އެކުގަ އެވެ.

ފުލުހުން މިއަދު ވެސް ބުނީ އެ ކުއްޖާ ކައިވެންޏެއް ކުރި ކަން މިހާތަނަށް އެނގިފައެއް ނުވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަަމަށެވެ.