ސިފައިންގެ މަރުކަޒަށް ވަން ވޭނެއް ހުއްޓުވައި ސެކިއުރިޓީ ވަރުގަދަކޮށްފި

މިދިޔަ މަހު ވެހިކަލެއްގައި ސިފައިންގެ މައި މަރުކަޒަށް ވަން މީހަކު ހައްޔަރުކޮށް ތަހުގީގުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.


ބަންޑާރަކޮއްޓަށް ވަން މީހަކު ސިފައިންގެ ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ކަމަށް މީޑިއާ އިން ރިޕޯޓްކުރުމާ ގުޅިގެން އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ މަހުގެ 18 ގައި ވޭނެއްގައި ބަންޑާރަކޮއްޓަށް ވަން ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ. ސީ ބޯޑު ޖަހާފައިވާ އެ ވެހިކަލްގައި އޭނާ ވަނީ މައި ގޭޓުންނެވެ.

އޭގައި އިނީ ބިދޭސީ މީހާ އެކަންޏެވެ. އެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ސިފައިންގެ ތެރެ އަށް ބިދޭސީ މީހާ ވަނީ، އެހެން ވެހިކަލެއްގެ ފަހަތުން ގޮހެވެ. ވެހިކަލްގައި އިން މީހާ ސިފައިންގެ ގޮއްވާލާނެ ކަމަށް އިންޒާރު ދިން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް އެކަމާ ބެހޭ ގޮތުން އެމްއެންޑީއެފުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި މި ހާދިސާ އަށް ފަހު ސަލާމަތީ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

ރާއްޖޭގައި މިއަދު އޮތް ހާލަތުން ނުރައްކާތެރި އެއްވެސް ކަމަކަށް ޝައްކު ކުރެވިއްޖެ ނަމަ އެކަން ސަލާމަތީ ޚިދުމަތްތަކަށް އެންގުމަށް އެމްއެންޑީއެފުން އެދެ އެވެ. ހައްދުފަހަނާޅާފައިވާ އައިސިސް ފިކުރަށް ތަބާވެ، ޕްރޮމޯޓްކުރަމުންދާ މީހުން ހުއްޓުވަން ޓެރަރިޒަމްގެ ގާނޫނު ފާސްކޮށް ސަލާމަތީ ޚިދުމަތްތަކުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.