ހިޔާނާތުގެ ފައިސާ ލިބިފައިވާ އެންމެންގެ މައްޗަށް ދައުވާކޮށްދިނުމަށް ނަޝީދު އެދިވަޑައިގެންފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މަންފާ ހޯދި މީހުން ރައްޔިތުންނަށް ސާފުކޮށްދީ، އެ މީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.


ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ މި ބޮޑު ޖަރީމާ ހިންގެވި އިރު، ޚިޔާނާތުގެ ފައިސާގެ ތެރެއިން 3.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ. އަދި ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ އަދަދު 267 އަށް އަރަ އެވެ.

ބަޖެޓަށް ބަހުސް ކުރެއްވި މެމްބަރަކު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ދެއްކެވުމާ ގުޅިގެން އެކަމާ ގުޅުވައި ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން މަޖިލިހުގެ މެމްބަރަކަށް ފައިސާ ލިބިފައިވޭތޯ ނުވަތަ ނުވޭތޯ ސާފު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ޚިޔާނާތް ތަހުގީގު ކުރާ ކޮމިޝަންގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި ވީހާ ވެސް އަވަހަށް އެކަމުގައި ބައިވެރިވާ ހުރިހާ ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

"މި މަޖިލިހުގެ މެމްބަރުންނަށް ތުހުމަތު ކުރެވިފައިވާ އިރު، އެއީ ކޮން މެމްބަރުންނެއް ކަން، މަޖިލިހުގެ މެމްބަރުންނަށް ނުވަތަ ރާއްޖޭގެ ރައްޔިތުންނަށް ސާފުވެވަޑައިނުގަންނަވަނީ ކަމަށްވާ ނަމަ، ތުހުމަތު އެ ރައްދު ވަނީ 87 މެމްބަރުންނަށް. އެހެންވީމަ، މީގައި ސާފު، ސާދާކޮށް ތިއްބެވި މެމްބަރުންގެ ހިތްނުތަނަވަސްވާނެ. މިކަން ސާފު ނުވެ އޮތްހާ ހިނދަކު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހުނު މީހުންނަކީ ކޮބައިކަން ވަރަށް ސާފުކޮށް އެޓާނީ ޖެނެރަލް އޮފީހާއި ރިޔާސީ ކޮމިޝަނަށް އެނގޭނެ އެވެ. އަދި ބޮޑު ޚިޔާނާތާ ގުޅިގެން ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ހޯދުންތަކެއް ހޯދި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަދީބުގެ ދެ ފޯނާއި ލެޕްޓޮޕް އެމްޑީޕީ އަށް ލިބުމާ ގުޅިގެން އެ ތަކެތި ފޮރެންސިކް އެކައުންޓަންޓަކާ ހަވާލު ކުރި ކަމަށެވެ. އަދި ފޮރެންސިކް އެކައުންޓަންޓް ރިޕޯޓު އޮތް ގޮތަށް ބަންޑާރަ ނައިބާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހަވާލު ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހުނު މީހުންނަށް ދައުވާކޮށްދޭން ނަޝީދު އެދިވަޑައިގެންނެވި. --- ފޮޓޯ: މަޖިލިސް

ނަޝީދުގެ ވާހަކަފުޅުގައި 73،000 އަށް ވުރެ ގިނަ ޓެކްސްޓު މެސެޖެއްގެ ވާހަކަ ވިދާޅުވި އެވެ. ނަޝީދު ވިދާޅުވާ ގޮތުގައި އެއީ އަދީބާއި އެހެން މީހުންނާ ދެކެވިފައި ހުރި ވާހަކަތަކެކެވެ. ނަޝީދު އިޝާރާތް ކުރެއްވި ގޮތުން މަޖިލިހުގެ ބައެއް މެމްބަރުން ވެސް ވަނީ އަދީބާ މުއާމަލާތް ކުރައްވައިފަ އެވެ.

"އެ ހުރިހާ ޓެކްސްޓެއް ވަކިން ލިޔެވި، އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވި، އޭނާއަކީ ކާކުތޯ، މި ފޯނު ނަންބަރަކީ ކާކުތޯ މި ޓެކްސްޓު އެ ދިޔައީ ކާކަށްތޯ ސާފުވެ، މަޖިލިހުގެ ކޮން މެމްބަރުންގެ ފޯނުކޮޅުތަކަށްތޯ ޓެކްސްޓު ދިޔައީ، ކޮންކޮން މެމްބަރުންނެއްތޯ ކުރީގެ ނައިބު ރައީސްއާ ޓެކްސްޓުން މުއާމަލާތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަނީ. މި ހުރިހާ މައުލޫމާތެއް ސާފުކޮށް އެނގޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ފުލުހުން ވިޔަސް އަދި އެހެން ބަޔަކު ވިޔަސް، އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރާ ކަމަށް ނުދެންނެވޭނެ ކަމަށެވެ.

"މި ވާހަކަ ދައްކަނީ މި ކަން ވަރަށް ރަނގަޅަށް އެނގި ހުރި މީހެއް،" ނަޝީދު ވިދާޅުވި އެވެ.