ރިޔާސީ އިންތިޚާބާ މެދު އަދި ނުވިސްނަން: ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު އަދި ނުވިސްނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އާސްކް ސްޕީކަ" ޕްރޮގްރާމްގައި އާންމުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި އެހާ ބާރަށް ގޮސް، ރިޔާސީ އިންތިހާބަށް ކުރިމަތިލާން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށެވެ. އެކަމަކު، ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުމަށް އެމަނިކުފާނުގެ އުމުރު ދޮށި ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެނައުމަށް ނަޝީދު ތާއީދުކުރައްވަންތޯ ބަޔަކު ކުރި ސުވާލުގެ ޖަވާބުގަ އެވެ.

"އަޅުގަނޑު ސިޔާސީ ކަންކަމުން ވެސް ދުރަށް ޖެހެން ގަސްދެއް ނުކުރަން. ދެން ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަދި ނުވިސްނަން. އަޅުގަނޑަށް ފެންނަ ގޮތުގައި މިހާރު ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ،" ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

އާންމުން ކުރި ސުވާލުތަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ޖަވާބު ދެއްވަނީ. --- ފޮޓޯ: މަޖިލިސް

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް މިހާރު ވެސް އެބަ ކުރެއްވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމަނިކުފާނާ އެކީގައި މަސައްކަތްޕުޅު ކުރެއްވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސަށް ތާއީދު ކުރައްވާ ވާހަކަތޯ ޕްރެޒެންޓަރު އަދި މަޖިލީހުގެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ސުވާލު ކުރެއްވުމުން ނަޝީދު ވަރަށް ބޮޑަށް ހިނިފުޅުވަޑުވަމުން ވިދާޅުވީ "ތި ސުވާލު ތި ކުރައްވަނީ ތިޔަބޭފުޅާ" ކަމަށެވެ. އޭގެފަހުގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަބަދުވެސް ތާއީދު ކުރައްވާ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އަޅުގަނޑަށް ތާއީދު ކުރައްވާނެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެ މީހުންގެ ތެރެއިން ކާކުތޯ ކުރިމަތިލާނީ؟ އަޅުގަނޑުމެން ކިހިނެއްތޯއޭ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރާނީ؟ ހަމަގައިމު ވެސް އަޅުގަނޑުމެން އެއްބަސްވާ ކަމެއް ކުރާނަން. އެއަކު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނެތް،" ޓީވީއެމްގައި ބޭއްވި ޕްރޮގްރާމްގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރިޔާސީ ނިޒާމަކަށް ތާއީދު ކުރެއްވި ބޭފުޅެއް ނޫނެވެ. ހަމަޖެހުން ގެނައުމަށާއި ގައުމެއް ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެތޯ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ. ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ދިވެހި ރައްޔިތުން ކަމަށާއި އަދި އެމަނިކުފާނު އެފަދަ މަސައްކަތްޕުޅެއް ފައްޓަވާނީ މުޅި އެމްޑީޕީން އެ ގޮތް ބޭނުންވެއްޖެ ނަމަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އާންމުން ކުރި ސުވާލުތަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ޖަވާބު ދެއްވަނީ. --- ފޮޓޯ: މަޖިލިސް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ކަނޑައެޅީ ނަޝީދެވެ. އެ ޕާޓީގެ ތެރޭގައި ރިޔާސީ ޕްރައިމަރީއެއް ބޭއްވި އިރު، އިންތިހާބުގައި ވާދަ ކުރެއްވީ ވެސް ނަޝީދު އެކަންޏެވެ.

އެކަމަކު، ނަޝީދުގެ މައްޗަށް އޭރު ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށްލުމާ ގުޅިގެން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތެއް ނުވި އެވެ. އަދި އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ނިންމީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސުމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ދެއްވީ ނަޝީދަށް ވާދަކުރެވޭ ގޮތް މެދުވެރިވެއްޖެނަމަ އަނބުރާ ޓިކެޓް ވެސް ދޭ ގޮތަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމުގެ އަޑުތަކެއް މީގެކުރިން ފެތުރުމުން އެ ދެ ބޭފުޅުން ވެސް ވިދާޅުވީ އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. ދެ ބޭފުޅުން ވަނީ ދާދި ފަހުން ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފަ އެވެ.

ނަޝީދު މިރޭ ވިދާޅުވި ގޮތުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވައިގެން ހައްލު ނުވާނެ ކަމެއް ނޯންނާނެ އެވެ.