މަސްތުވެގެން މަގުމަތީގައި ބިއްޖެހިފައި، ޝަކުވާތައް ގިނަ

ސޯޝަލް މީޑިއާގައި އެކަކު އާންމުކުރި ވީޑިއޯއަކުން ފެންނަނީ މަގެއްގައި ޕާކްކޮށްފައި ހުރި ދެ ސައިކަލެއްގެ އަތްގަނޑުގައި ހިފަހައްޓައިގެން ހުރި މީހަކު ނިދިގެން ތާއްޔާ ޖެހޭ މަންޒަރެވެ. އޭނާގެ ވަށައިގެން ހިނގާ އެއްވެސް ކަމެއް ނޭނގެ އެވެ. ހަގީގަތަކީ އެއީ ނިދި ޖެހިގެން ވެއްޓެންދާ މީހެއް ނޫން ކަމެވެ. އެއީ މަސްތުވާތަކެތީގެ ޝިކާރަ އަކަށް ވެފައިވާ ޒުވާނެއްގެ ހާލެވެ.


މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ހިނގައިބިނގާވެ ނޫޅޭވި، "ގުދުވެފައި" ތިބޭ ޒުވާނުން މާލޭގައި އަނެއްކާ ވެސް ގިނަވެއްޖެ އެވެ. އެފަދަ ކިތަންމެ ވީޑިއޯއެއް ސޯޝަލް މީޑިއާ ގައި މި ދުވަސްކޮޅު ދަނީ އާންމު ކުރަމުންނެވެ. އެހެންވެ، ގިނަ ބައެއްގެ ހިތުގައި މިހާރު އުފެދިފައި އޮތް ސުވާލަކީ މަސްތުވާތަކެތީގެ ވަބާ ކުރިއަށް ވުރެ ރާއްޖޭ ގައި ބޮޑުވީތޯ އެވެ؟ ނޫނީ އެފަދަ މީހުންނަށް މާފު ދިނުމަށް ފަހު ޖަލުން މިނިވަން ކުރީތޯ އެވެ؟

މި ޒުވާނުންގެ ސަބަބުން މާލޭގެ މަގުމަތީގައި ހިނގާ މީހުންނަށް އޮތީ ބިރުވެރިކަމެވެ. އެގޮތަށް ތިބޭ ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.

އަލީ ނިޒާރު ކުރެއްވި ޓުވީޓު.

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު، ޒުވާނުންގެ ބައެއް ވީޑިއޯތަކާ އެކު، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު މުސީބާތަށްވާ އިރު، މި ފެންނަނީ ދައުލަތް ހިމޭންވުމުގެ ނަތީޖާ ކަމަށެވެ.

މާލެ ތެރޭގައި ޒުވާނުން މަސްތުވެގެން އުޅޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން އިހްލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު، އެހެން ބައެއް މީހުން ބުނީ މި ގައުމުގައި އިހްލާސްތެރި މަސައްކަތެއް ކުރާނެ ބަޔަކު ނެތް ކަމަށެވެ.

މި މައްސަލައިގައި ބައެއް މީހުން ކުރަނީ ވަރަށް ނުރައްކާތެރި ތުހުމަތެކެވެ.

ޒުވާނުން އެގޮތަށް ތިބެނީ މަސްތުވާތަކެތީގެ ވަރަށް ބާރުގަދަ ވައްތަރެއް ދައުރުވަމުން ދާތީ ކަމަށް އެމީހުން ބުނެ އެވެ. ބައެއް މީހުން އޮރިޔާންވާ އިރު، އަނެއް ބަޔަކު ވަނީ ޒޮމްބީތަކަކަށް ކަމަށް އެމީހުން ދެކެ އެވެ.

އެކަމަކު، އެ މައްސަލައިގައި ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވެގެން މާލޭގެ މަގުތަކުގައި ތިބޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހުގީގު ކުރުމަށް ފަހު، ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަމުންދާ ކަމަށެވެ.

"މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ކޮންމެ ދުވަހަކު ޑްރަގް އޮޕަރޭޝަންތައް ހިންގައި މަސްތުވާތަކެތި އަތުލައިގަނޭ. މި އޮޕަރޭޝަންތަކަކީ ކޮންމެ ދުވަހަކު ވެސް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދާ އޮޕަރޭޝަންތައް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ ބޮޑު މައްސަލައެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ބޮޑެވެ. އަމިއްލަ ހާލާއިގެން ނޫޅެވޭ ޒުވާނުންގެ ވީޑިއޯތަކުން ހަގީގީ މަންޒަރު ސާފެވެ. އެކަމާ ބަޔަކު ކަންބޮޑުވެގެން އުޅޭ ހެނެއް ހިއެއް ނުވެ އެވެ.