މަޑުއްވަރިން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރައި އަނިޔާވެރިކަން އިސްކުރަމުންދާ މައްސަލައިގައި ފުލުހުންނާއި ސިފައިން ރ. މަޑުއްވަރީގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ހައްޔަރު ކުރީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ ތިން މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެކަމަކު، އެމީހުން ހާޒިރު ކުރި ކޯޓެއް ފުލުހުން ނުބުނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަޑުއްވަރިން ހައްޔަރު ކުރީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރާ "ބޮޑުންގެ" ތެރޭގައި ހިމެނޭ ހުސެއިން ސިޔާދު، 34، އާއި ހަސަން ރާޒީ، 29، އާއި އެ ރަށުގައި އުޅޭ ނ. މަނަދޫ މީހެކެވެ. ހައްޔަރު ކުރި 30 އަހަރުގެ މީހާގެ ނަމެއް ރަށުގެ ގިނަ މީހުންނަކަށް ނޭނގެ އެވެ.

ފުލުހުން ބުނި ގޮތުގައި މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރަނީ ވަރަށް ފުޅާ ދާއިރާއެއްގަ އެވެ. ހަރުކަށި ފިކުރުގެ މީހުން ސިފަ ކުރާ ގޮތުން މި ދައުލަތަކީ ކުފުރުގެ ދައުލަތެކެވެ.

އެމީހުންގެ ހަރުކަށި ފިކުރު ގަބޫލު ނުކުރާ މީހުންގެ މުދަލާއި ނަފްސާއި ފުރާނައަކީ ގެއްލުން ދެވިދާނެ އެއްޗެއްގެ ގޮތުގައި ގަބޫލު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ފުލުހުން އިއްޔެ ވަނީ މަޑުއްވަރީގެ ހަ ގެއަކާއި ދޯންޏެއް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ ސާމާނު ހޯދައިފަ އެވެ.

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަރުކަށި ފިކުރު ފަތުރާ މީހުން ގަބޫލު ކުރާ ގޮތުގައި ޝަރުއީ ކައިވެންޏަކާއި ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އަނބިންގެ ގޮތުގައި ގެންގުޅުމާއި އެމީހުންނާ އެކީގައި ޖިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމެކެވެ.

ބަޝީރު ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިން އޮޕަރޭޝަން ހިންގަނީ މިފަދަ ނުބައި ކަންކަން މުޖުތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

ވަކިން ޖަމާއަތް ހަދައިގެން މަޑުއްވަރީގައި ނަމާދުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ބޭރު ރަށްރަށުގެ މީހުން ގެނެސް އެ މީހުން ގަބޫލުކުރާ ދީނީ މިންގަނޑުތައް އުނގަންނައި ދިނުން ވެސް ފުޅާ ދައިރާއެއްގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީރިއާ ހަނގުރާމަ އަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަނެއް ބަޔަކު އެއާޕޯޓުން ހުއްޓުވާފައި ވެސް ވެ އެވެ.