އެމްއޭސީއެލްގައި މެނޭޖިން ޑިރެކްޓަރަކު ނެތި އަހަރެއް!

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މެނޭޖިން ޑިރެކްޓަރު އައްޔަން ނުކޮށް އަހަރެއް ވެއްޖެ އެވެ.


ރައީސް އޮފީހުން މިދިޔަ ޖޫން މަހު ބުނެފައި ވަނީ، އެމްއޭސީއެލް އަށް މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރުން ލަސްވަނީ އެތަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭނެތީ ކަމަށެވެ. އޭގެ ފަހުން މިހާތަނަށް ފަސް މަސް ފާއިތުވި އިރު އެތަނުގެ އެ ބުނާ އޮނިގަނޑެއް އެކުލަވާލައި އަމަލުކުރަން ފަށައިފައެއް ނުވެ އެވެ.

ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ވަންނަ އެއް ކުންފުނި، އެމްއޭސީއެލްއަކީ އެކެއްގެ ދަށުގައި ހިންގާ ވަރަށް ވުރެ ބޮޑު ތަނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެތަނުގެ އޮނިގަނޑަށް ބަދަލު ގެންނަން ޖެހޭ ސަބަބަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުންފުންޏަށް ބަދަލު ގެންނަ އޮނިގަނޑު ނިމުނު ކަމެއް ރައީސް އޮފީހުން އަދި ޔަގީންކޮށެއް ނުދެ އެވެ.

އެންމެ ފަހުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އާދިލް މޫސާ އެވެ. އެތަނުގައި 26 އަހަރު ޚިދުމަތް ކުރައްވައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިޓަޔަމެންޓް ޕެކޭޖަކާ އެކު އޭނާ އިސްތިއުފާ ދެއްވީ އެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު، އާދިލް އިސްތިއުފާ ދެއްވުމުން، އޭގެ ފަހުން އެމްއޭސީއެލް ހިންގަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.

މި ދުވަސްވަރު، އަނެއްކާވެސް އެމްއޭސީއެލްއާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި، އާ ސީ ޕްލޭން ޓާމިނަލް ހިންގަން ރާއްޖޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރަށް ދޭން އުޅޭ މައްސަލަ ހިމެނެ އެވެ.

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ޓާމިނަލް، މިހާރުގެ މާކެޓް އަގަށް ވުރެ ކުޑަކޮށް ޓީއެމްއޭއަށް ދީފި ނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް އެމްއޭސީއެލް އަށް ގެއްލިދާނެ ކަމަށް، އޮޑިޓަ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ އޮޑިޓަކުން ވަނީ ހާމަވެފަ އެވެ.

އެމްއޭސީއެލް އިން ބުނެފައި ވަނީ މިހާރު ހިންގާ ގޮތަށް، ސީ ޕްލޭން އޮޕަރޭޓްކުރާ ވަކިވަކި ކުންފުނިތަކުން ޓާމިނަލް އޮޕަރޭޓްކުރާ ގޮތަށް، އަންނަ މެއި މަހު އެތަން ހުޅުވާލާނެ ކަމަށެވެ.

އެމްއޭސީއެލްގެ ބޯޑުގައި ސަރުކާރުގެ އެންމެ ޑިރެކްޓަރަކު ވެސް ނެތި މުޅިން ވެސް ޓޫރިޒަމްގެ ބޮޑެތި މަހުޖަނުން ކޮންޓްރޯލްކުރާ ތަނެއްގެ ގޮތުގައި އޮތުމުގެ ޝަކުވާ ވެސް ބޮޑެވެ.

މި ސަރުކާރުން ވެސް އެންމެ ބޮޑު އިސްކަމެއް ދޭ އެއް މަޝްރޫއަކީ އެއާޕޯޓު ތަރައްގީ ކުރުމެވެ. އެއާޕޯޓުގައި މިހާތަނަށް ހިންގާ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގައި ހިމެނޭ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ.

ޔާމީންގެ ސަރުކާރުގެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނުނު އެ މަސައްކަތް ވަކި ހިސާބަކުން އޮތީ ހުއްޓިފަ އެވެ. އެކަމަކު ޑިޒައިނަށް ބަދަލު ގެނެސް ބިންލާދިން ގްރޫޕުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

އާ ޓާމިނަލް ނިމި، ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ޓާމިނަލަށެވެ. އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ގަ އެވެ.