ހުޅުމާލޭގައި ހަމަލާ ދިނީ ތުރުކީ މީހަކަށް

ހުޅުމާލޭގެ ގެސްޓް ހައުސްއަކުން ނުކުމެގެން ދަނިކޮށް މިރޭ ހަމަލާދީފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ އުމުރުން 33 އަހަރުގެ ތުރުކީ މީހަކަށް ކަމަށް ފުލުހުން ބުނެފި އެވެ.


ހަމަލާދީފައި ވަނީ ސައިކަލުގައި ދިޔަ ދެ މީހަކު ކަމަށް ވެ އެވެ. ފުލުހުން މިހާރު ދަނީ ހަމަލާ ދިން ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ ހަމަލާ ދީފައި ވަނީ ހުޅުމާލޭގެ ނިރޮޅު މަގާއި ބޮކަރުމާ ހިނގުމުގެ ކަންމަތިން ކަމަށެވެ.

ބިދޭސީ މީހާގެ ވާތް ފަރާތު މެޔަށާއި ކޮލަށާއި ކޮނޑު މައްޗަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ މީހާ އަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުުހުން ބުންޏެވެ.

މަންޒަރު ދުށް މީހުންގެ ފަރާތުން ފުރަތަމަ އެނގުނީ ހަމަލާ ދިނީ ހުޅުމާލޭގެ ގެސްޓް ހައުސްއަކުން ނުކުމެގެން ދިޔަ ޗައިނާގެ ދެމަފިރިންގެ ތެރެއިން އަންހެން މީހާ އަށް ކަމަށެވެ. ނަމަވެސް ފުލުހުން ފަހުން ކަށަވަރު ކޮށްދިން ގޮތުގައި ހަމަލާ ދިނީ ތުރުކީގެ ފިރިހެނަކަށެވެ.

މާލެ އާއި ހުޅުމާލޭގައި ފޭރުމާއި ވަޅިން މީހުންނަށް ހަމަލަ ދިނުން އަނެއްކާ ވެސް އިތުރުވަމުން ދާއިރު، މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ވަނީ ޓެކްސީ ޑްރައިވަރަކަށް ހަމަލަދީ މަރާލައިފަ އެވެ. ހުޅުމާލޭގައި ގާސިމް ހަސަނަށް ހަމަލަދިނީ އޭނާގެ އަތުން ފޭރުމުގެ ތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.