މާލެ ފުރެން އަދި ކައިރި ވެސް ނުވޭ: މަލީހް

މާލޭގެ ކުލި ކޮންޓްރޯލް ކުރުމުގެ ބަހުސްގެ ތެރެއަށް ވަދެވަވަޑައިގެން ހިޔާލުފާޅުކުރައްވައި، މާލެ އަދި ފުރެން ކައިރިވެސް ނުވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.


ކިޔެވުމާއި ވަޒީފާ އަދާކުރުމާއި ސިއްހީ ފަރުވާ ފަދަ ބޭނުންތަކުގައި މާލޭގައި ދިރއުޅެން މަޖުބޫރުވެފައިވާ އިރު، ދިރިއުޅޭ ތަންތަނުގެ ކުލި ބޮޑުވުމުގެ ޝަކުވާ އޮތީ އިންތިހާގަ އެވެ. މިކަމުގައި ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދޭން އެދި މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން އިސްނަގައި ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ.

މާލޭގައި 154،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، ކުލި ކޮންޓްރޯލް ކުރުމަކީ ހިޔާލު ތަފާތު މައްސަލަ އެކެވެ. އެމްޓީޔޫ އިން ގަބޫލުކުރާ ގޮތުގައި، ގާނޫނީ ހައްލެއް މިކަމުގައި ސަރުކާރަށް ހޯދިދާނެ އެވެ. މިކަމާ ދެކޮޅަށް ވަކާލާތު ކުރާ މީހުން ދައްކަނީ، ލޯން ނަގައިގެން ހަދާފައިވާ އިމާރާތްތަކުގެ ކުލި އެގޮތަށް ކުޑަކުރަން މަޖުބޫރު ކުރުވުމަކީ ވެސް އިންސާފެއް ނޫން ކަމަށެވެ.

ސޯޝަލް މީޑިއާގައި މި ބަހުސް ދަނިކޮށް، މިނިސްޓަރު މަލީހް ވިދާޅުވީ މާލެ ނިސްބަތް ވަނީ، ހުޅުމާލޭ 2 ފޭސް އާއި ވިލިމާލެ އައި ގުޅިމާލެ އާއި ތިލަމާލެ އަށް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ، ގުޅީފަޅާއި ތިފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ރާވާފައިވާ ވާހަކަ އަށެވެ.

މި ތަންތަން ތަރައްގީ ވުމުން، މާލެ ވާނީ ބޮޑު ސަހަރަކަށް ކަމަށް ވިދާޅުވި އެވެ.

"ހައުސިންގެ ތަފާތު ވެރައިޓީ އަންނަންވީ. ޕަބްލިކް ޓްރާންސްޕޯޓް، ގްރީން އޭރިއާ، ޕާކިން، ޝޮޕިން މޯލް، ސިނަމާ އަންނަންވީ،" މަލީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެ އަދި ފުރިހަމަވާން ކައިރި ވެސް ނުވެ އެވެ.

މަލީހް މިގޮތަށް ވިދާޅުވި އިރު، ސިޔާސީ ބައެއް ބޭފުޅުން ގެންގުޅުއްވާ މި ވިސްނުމަށް ޓެނަންޓްސް ޔޫނިއަން އިން ވަނީ މިދިޔަ ހުކުރު ދުވަހު ފާޑުކިޔައިފަ އެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ފަރާތްތަކުން ދައްކާ ހައްލަކީ ހައުސިން ސަޕްލައި އިތުރުކުރާ ވާހަކަ އާއި އެހެން ސަރަހައްދުތައް ތަރައްގީ ކުރުމުން، މާލެ އަށް އޮންނަ ޑިމާންޑް ކުޑަވާނެ ކަމުގެ ޔަގީން ކަމެވެ. އެއާ އެކު ވެސް ފެންނަނީ މާލެ ސަރަހައްދަށް ބޮޑެތި އިންވެސްޓްމެންޓްތައް އިތުރު ކުރާތަން ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފެށިއިރު، ދާދި ފަހުން ސަރުކާރުން ވަނީ ކުއްޔަށް ތަންތަން ދިނުމާ ބެހޭ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލުގައި، ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރަން ބައެއް ކަންކަން ލާޒިމް ކޮށްފައިވެ އެވެ. އެކަމަކު ކުލި ކޮންޓްރޯލް ކުރަން އެ ބިލުގައި ހިމަނާފައެއް ނުވެ އެވެ.