އަނަސް ވެސް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވެސް ކުރިމަތިލައްވަން ނިންމަވައިފި އެވެ.


ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ކައުންސިލް އިންތިޚާބަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވަން އަނަސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ހުރި ގޮންޖެހުންތައް ހައްލުކޮށް، މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ހިންދެމިލައި އުޅެވޭނެ އަމާން، ރައްކާތެރި ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އެ ހިތްފަސޭހަކަން މާލެ އަށް ގެނެސްދިނުމުގެ މަސްއޫލިއްޔަތާ ކުރިމަތިލާން ނިންމެވީ އުފަލާ އެކު ޚިދުމަތް ކޮށްދެއްވަން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

މޭޔަރަކަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވި ޓުވީޓް.

އަނަސްގެ އިތުރުން ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ގިނަ ބަޔަކު އިއުލާންކޮށްފައިވެ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވެސް ވާދަކުރައްވާނެ ކަން ކުރިން އިއުލާން ކުރެއްވި އެވެ. އެކަމަކު އަމިއްލަ ސަބަބުތަކަކާ ގުޅިގެން އޭނާގެ ނިންމުން މިހާރު ވަނީ ބަދަލުކުރައްވައިފަ އެވެ.

މޭޔަރު ކަަމަށް ވާދަކުރައްވާނެ ކަން އިއުލާންކުރި ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ އަނަސްގެ އިތުރުން މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ކައުންސިލްގައި މެދު ހެންވޭރު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އެމްޑީޕީގެ ކައުންސިލަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނިޔާޒާއި އިބްރާހިމް ރަޝީދު (ބްރޯ) އެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގަ އެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ އެވެ. މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކުރާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ގާނޫނުގައި ކުރިން އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.