ކައްޕި އަދިވެސް ނުފެނޭ، ގެއްލުނު ގޮތް ތަހުގީގު ކުރަނީ

މާލެ އަތޮޅު ކަގި ކައިރީގައި އޮންނަ ފަރަކަށް އުރިފައިވާ "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ގެއްލުނު ގޮތް ތަހުގީގު ކުރަމުން އަންނަ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ހދ.ކުޅުދުއްފުށި، ހަވީރީ ނާޒް، މުހައްމަދު، 37، ގެއްލުނު ކަން ދޯނީގެ ފަޅުވެރިން ކޯސްޓް ގާޑަށް ރިޕޯޓް ކުރީ އިއްޔެ ހެނދުނެވެ. އެކަމަކު އެ ސަރަހައްދުން ދަތުރުކުރި އުޅަނދު ފަހަރުގެ ކައްޕިން ދައްކާފައިވާ ވާހަކަތަކުން މިހާރު އެނގިފައިވާ ގޮތުގައި ދޯނި ފަރަށް އަރާފައި ވަނީ އާދީއްތަ ވިލޭރޭ ފަތިހުގެ ވަގުތެއްގަ އެވެ.

މުހައްމަދު ހޯދަން އެމްއެންޑީއެފް ޑައިވަރުން މިހާރު ވެސް އެ ސަރަހައްދުގައި ފީނަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ވެސް ބުންޏެވެ. އެކަމަކު އޭނާ ގެއްލުނު ގޮތާ ބެހޭ ގޮތުން އެމްއެންޑީއެފުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ދޯނީގެ ބިދޭސީ ދެ ފަޅުވެރިން އަދިވެސް ތިބީ އެ ދޯނީގަ އެވެ. ދޯނީގެ ވެރިފަރާތުން އަންނަނީ އެ ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކައްޕި ގެއްލުނު ގޮތް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެހެން ބުނުން ފިޔަވައި އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މުހައްމަދު ގެއްލުމުގެ ކުރިން ދޯނީގެ ކައިރިއަށް ދިޔަ ލޯންޗެއްގެ ކެޕްޓަން "މިހާރު"އަށް ކިޔައިދިން ގޮތުގައި އާދީއްތަ ދުވަހު އޭނާ އެ ދޯންޏާ ކައިރި ކުރި އޭގައި ތިން މީހުން ތިއްބެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންތޯ ސުވާލުކުރުން އެހީއެއް ބޭނުން ނުވާ ކަމަށް އެމީހުން ބުނި ކަމަށް ވެސް އެ ކައްޕި ބުންޏެވެ.

މުހައްމަދު ހޯދަން އެމްއެންޑީއެފްގެ ޑައިވަރުން ފީނާ ސަރަހައްދު، އެމްއެންޑީއެފުން ވަނީ މީޑިއާއާ ހިއްސާކޮށްފަ އެވެ. އެ ޗާޓުން ފެންނަނީ، ދޯނި ފަރަށް އަރާފައި ހުރި ހިސާބުން، ކަތްގާ ދިމާއަށް ޑައިވަރުން ފީނަމުން، ހޯދަމުން ދާ ކަމެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ކަގި ކައިރިއަށް ދާން އޭނާ ފީނާގަތް ކަމެވެ.

މުހައްމަދު މޫދަށް ފޭބި ނަމަ އެކަން ދޯނީގައި ތިބި ދެ ފަޅުވެރިންނަށް އެނގޭނެ އެވެ. އެމްއެންޑީއެފާއި ފުލުހުން މާ ގިނަ މައުލޫމާތުތަކެއް ހާމަނުކުރިޔަސް، އެ ސަރަހައްދު ބަލަން ޑައިވަރުން މަސައްކަތްކުރާނީ އޭނާ ކަނޑަށް ފައިބައިގެން ފަތާފައި ދިއަކަމުގެ މައުލޫމާތު ދެ ފަޅުވެރިން ދިނުމުން ކަމަށް ބެލެވެ އެވެ.

މުހައްމަދު ހޯދަން ސިފައިން ބަލަމުން އަންނަ ސަރަހައްދު

ކަތްގަކީ ރިސޯޓެއްގެ ގޮތުގައި މިހާރު ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.

ޓީޓީއެސް ފާނަ ދޯންޏަކީ މުދާ އުފުލުމާއި މުދާ ރައްކާކުރުމުގެ މަސައްކަތް ކުރާ ޓީޓީއެސް ކުންފުނިން ދުއްވާ އުޅަނދެކެވެ. އެއީ ދިގު މިނުގައި ގާތްގަނޑަކަށް 100 ފޫޓް ހުރި ދޯންޏެކެވެ. ދޯނި ފުންކުރުމުގެ މަސައްކަތް ޓީޓީއެސް އިން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ދޯނި ފަރަށް އެރީ މުދާ ހިފައިގެން ދަތުރުކުރަނިކޮށް ކަަމެއް ނުވަތަ މުދާ ހުސްކޮށްފައި މާލެ އަންނަނިކޮށް ކަމެއް، ޓީޓީއެސް އަކުން ނުބުނެ އެވެ. އެ ކުންފުނިން ބުނީ ފުލުހުން މައްސަލަ ބަލަމުން އަންނާތީ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ދޯނީގެ މެދުގައި ހުރި އެއްޗެހިތަކެއްގައި ނޫ ކުލައިގެ ސަތަރިގަނޑެއް އަޅާ ނިވާކޮށްފައި ހުރި ތަން އެމްއެންޑީއެފުން އާންމުކުރި އެއް ފޮޓޯއިން ފެނެ އެވެ.