މަޑުއްވަރީން އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި ރ. މަޑުއްވަރީން އިތުރު ތިން މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.


ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް މިދިޔަ މަހު މަޑުއްވަރީގައި ފުލުހުން ފެށި އޮޕަރޭޝަންގައި ބައެއް ގެތައް ފާސްކޮށް، ބައެއް މީހުން މީހުން ހައްޔަރު ކުރުމުގެ އިތުރުން ބައެއް މީހުންނަށް ނަސޭހަތް ދީފައިވެ އެވެ. އެ އޮޕަރޭޝަންގައި ޖެންޑާ މިނިިސްޓްރީން ވެސް ބައިވެރިވި އެވެ.

ފުލުހުން މިއަދު ބުނީ، އެ އޮޕަރޭޝަންގެ ތެރެއިން އިއްޔެ މަޑުއްވަރީން ހައްޔަރުކުރީ އުމުރުން 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް އަދި 28 އަހަރުގެ މީހެއް ކަމަށެވެ. އެކަމަކު އެ މީހުން ހައްޔަރުކުރީ ކޮން ތުހުމަތެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މަޑުއްވަރީގައި ދީނީ ހަރުކަށި ފިކުރު ބަޔަކު ފަތުރަމުން ދަނީ ފުޅާ ދާއިރާއެއްގަ އެވެ. ކުޑަކުދިން ހައްގުތަކުން މަހްރޫމް ކުރުމާއި އެ ކުދިން ކައިވެނި ކުރުވުން ފަދަ ކަންކަން އެ ރަށުގައި ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އެކަމާ ދެކޮޅަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފެށީ ހަރުކަށި ފިކުރަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.