ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި

ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވައިލައިފި އެވެ.


ޖޭއެސްސީގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން، ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅުތަކުގެ މައްސަލަ ކޯޓުތަކަށް ނުބެލޭ ގޮތް ހަދައި، އެފަދަ ނިންމުންތައް ކުރުމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހެއް އެކުލަވައިލަން ޖެހެ އެވެ. އެ މަޖިލީހުގައި ތިއްބަވާނީ ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ މި އަހަރަށް އެކުލަވައިލި އެ މަޖިލީހުގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން، އެ މަޖިލީހަށް މައްސަލަ ހުށަހެޅުމުގެ އިންތިޒާމް ޑީޖޭއޭގައި މިހާރު ވަނީ ހަމަޖެހިފަ އެވެ.

ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅޭނީ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާ ނިންމުންތައް ފިޔަވައި އެހެން ނިންމުންތަކެވެ.