ކުޑަކުއްޖަކާ "ކައިވެނި" ކުރި މީހަކާއި އެ ކުއްޖާގެ މަންމަ ފުވައްމުލަކުން ހައްޔަރު ކޮށްފި

އުމުރުން 15 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން ކައިވެނި ކޮށްގެން އުޅޭ ކަމަށް ބުނެ އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ފިރިހެންމީހާ އާއި އެ ކުއްޖާގެ މަންމަ ފުވައްމުލަކުން ހައްޔަރުކޮށްފި އެވެ.


އެ ސިޓީގައި އުޅޭ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާގެ މަންމަ (35 އަހަރު) ހައްޔަރު ކުރީ ދަރިފުޅާ މެދު އިހުމާލުވުމުގެ މައްސަލައެއްގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ރޭ ބުނީ ހަރުކަށި ފިކުރު ގެންގުޅޭ އެ ފިރިހެން މީހާ އަކީ މީގެ ކުރިން ވެސް އުމުރުން 18 އަހަރުން ދަށުގެ އަންހެންކުދިންނާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހަރުކަށި ފިކުރު ގެންގުޅޭ މީހުން ކޯޓުން ބޭރުން ކުޑަކުދިންނާ ކައިވެނި ކޮށް، އެ ކުދިންނާ އެކު ޖިންސީ ގުޅުން ހިންގަމުން ދާ ކަން މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވި އެވެ. މިފަދަ ކަންކަން އާންމުވެފައިވާ ރ. މަޑުއްވަރީގައި މިދިޔަ ޑިސެމްބަރު މަހު ފުލުހުން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގައި ބައެއް މީހުން ހައްޔަރުކުރި އެވެ.