ޖެންޑާ މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުގެ ވެރިން ބަދަލުކޮށްފި

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ވެސް ނުވާ އަންހެންކުއްޖަކަށް އެ ކުއްޖާގެ މުނިކާފަ އާއި އާއި ކާފަގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވުމުގެ ތުހުމަތާ އެކު، ކުޑަކުދިންނާ ގުޅޭ އެފަދަ ކަންކަން ބެލުމުގައި ޖެންޑާ މިނިސްޓްރީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމުގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެ މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުގެ ވެރިން ބަދަލުކޮށްފި އެވެ.


އެ މިނިސްޓްރީގެ ޑިރެކްޓަރު ކޮމިއުނިކޭޝަން އިިބްރާހިމް މުހައްމަދު ރޭ ވިދާޅުވީ، އެ ފިޔަވަޅު އެޅީ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ. ނަމަވެސް ގެނައި ބަދަލުތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބަދަލުކުރި ވެރިންގެ ތެރޭގައި، ޖެންޑާ މިނިސްޓްރީގެ އެންމެ ބޮޑު އެއް ޑިވިޝަން، ސޯޝަލް ސާވިސް ޑިވިޝަން ހިމެނެ އެވެ. އެ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަކްރަމް ހުސައިން އަދި ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ އަޝްރަފު ވަނީ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފަ އެވެ.

އަކްރަމް މިހާތަނަށް ހުންނެވީ ސޯޝަލް ސާވިސް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާގެ މަގާމުގަ އެވެ. އަޝްރަފު ހުންނެވީ އެ ޑިވިޝަންގެ ސުޕަވައިޒަރަކަށެވެ.

އެ ދެ ބޭފުޅުންގެ ބަދަލުގައި، ޖެންޑާ މިނިސްޓްރީގެ އެހެން ދެ މުވައްޒަފަކާ ވަނީ، ސޯޝަލް ޑިވިޝަންގެ ހިންގުން ހަވާލުކޮށްފަ އެވެ.

ސޯޝަލް ޑިވިޝަންގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ ހާލަތު ބެލެހެއްޓުމާއި މެންޑޭޓާ ގުޅިގެން ހުށަހަޅާ މައްސަލަތައް، ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބެލެހެއްޓުން ހިމެނެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ މައްސަލަތަކާއި އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކާއި އަންހެނުން އަދި ގެވެށި އަނިޔާގެ މައްސަލަތައް ހިމެނެ އެވެ.

ރަށްރަށުން ހުށަހަޅާ މައްސަލަތައް ބަލާނީ އެ އަތޮޅެއްގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ސެންޓަރުންނެވެ. އަތޮޅުތައް ސުޕަވައިޒު ކުރާނީ އެ މިނިސްޓްރީގައި ތިބޭ ސުޕަވައިޒަރުންނެވެ. މާނަ އަކީ އަތޮޅުތަކަށް ހުށަހަޅާ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ މިނިސްޓްރިން އެ އަތޮޅަކަށް ކަނޑައަޅާފައި ހުންނަ ސުޕަވައިޒަރެވެ.

ސޯޝަލް ޑިވިޝަންގައި ދެ ސުޕަވައިޒަރުން ތިބޭ ކަމަށް ވެ އެވެ. އަޝްރަފަކީ އޭގެ ތެރެއިން އެކަކެވެ.

ކަނޑުހުޅުދޫގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައާ އެކު، ކުޑަކުދިންނާ ގުޅޭ މިފަދަ ކަންކަމުގައި މުޅި ގައުމު "ހޭލައި" ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް ޖެންޑާ މިނިސްޓްރީ ވަނީ އައިސްފަ އެވެ. އެހެންވެ، އެ މިނިސްޓްރީގެ ތެރެއިން ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ، ހިއުމަން ރައިޓްސް ކޮމިޓީން ނިންމި ކަންކަން ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖެންޑާ މިިނިސްޓަރު ޝިދާތާ ޝަރީފަށް އަންގަވައިފަ އެވެ. އެކި ކަންކަން ރަނގަޅު ކުރުމަށް ދީފައި ވަނީ އެކި މުއްދަތު ތަކެވެ.

ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގެ އެންގުމާ އެއްގޮތަށް ޖެންޑާ މިނިސްޓްރީން އިއްޔެ ވަނީ ފުރަތަމަ ކުރަންޖެހޭ ކަންކަން ނިންމައިފަ އެވެ. އެއީ ނުރައްކަލަށް ހުށަހެޅޭނެ އާއިލާތަކާއި ކުޑަކުދިން ދެނެގަންނާނެ މިންގަނޑު އެކުލަވައިލުމެވެ. އެ މިންގަނޑު ހެދުމަށް މަޖިލީހުގެ ކޮމިޓީން ދީފައި އޮތީ ދެ ދުވަހެވެ. އެހެންވެ، އެ މުއްދަތުގެ ތެރޭގައި އެކަން ފުރިހަމަކޮށް، މަޖިލީހަށް ޖެންޑާ މިނިސްޓްރީން ހުށަހެޅީ އިއްޔެ އެވެ.