ވޫހާން ސިޓީގައި ތިބި ދިވެހިންނަށް ސަރުކާރުން މާލީ އެހީދެނީ

ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވައްތަރު އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީ ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.


ފޮރިން މިނިސްޓްރީން މިއަދު ބުނީ، ވޫހާން ސިޓީގައި ހަތް ދިވެއްސަކު ދިރިއުޅޭ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅެވެ. އެކަމަކު، އެ މީހުންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން މާލީ އެހީ ދޭން ނިންމާފައިވާ ކަމަށާއި ޗައިނާގައި ހުންނަ ދިވެހި އެމްބަސީން އެ ފައިސާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެތަނުން ބުންޏެވެ.

ވުހާން ސިޓީގައި ތިބި ދިވެހިން، އެ ސިޓީން ބޭރަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ވައިރަސް ފެތުރޭ ސަރަހައްދުތައް ޗައިނާ އިން ވަނީ ކަރަންޓީނު ކޮށްފަ އެވެ. އެހެންވެ އެ ތަންތަނުން ބޭރަށް ދިއުމާއި އެތެރެވުމަކީ މިވަގުތު މަނާ ކަމެކެވެ.

ފޮރިން މިނިސްޓްރީން މިރޭ ކުރި ޓުވީޓް

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެކަމުގެ މަޝްވަރާތައް، ޗައިނާ ސަރުކާރާއެކު ކުރަމުން އަންނަ ކަމަށާއި އެތަނުގައި ތިބި ދިވެހި ދަރިވަރުންނަށް ރައްކާތެރިކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށެވެ.

ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެ މީހުންނާ ގުޅޭނެ މައުލޫމާތު ފޮރިން މިނިސްޓްރީ ނުވަތަ ބެއިޖިންގައި ހުންނަ ދިވެހި އެމްބަސީގެ ކޮންސިއުލާ ނަމްބަރު 7983400 އާ ހިއްސާކޮށްދޭން ބަޔާނުގައި އެދިފައިވެ އެވެ.

ވޫހާން ސިޓީ އިން މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ފެނުނު ވައިރަސް މިހާތަނަށް 1300 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 41 މީހަކު ވަނީ މަރުވެފަ އެވެ. އެ ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ޗައިނާ އިން ވަނީ ވޫހާން ސިޓީ އާއި އެ ތަނާ ކައިރީގައިވާ ބައެއް ސަރަހައްދުތައް ވަނީ ކަރަންޓީނު ކޮށްފަ އެވެ. ކަރަންޓީނު ކޮށްފައިވާ ސަރަހައްދުގެ އާބާދީ 56 މިލިއަނަށް އަރަ އެވެ.