މި ދެއްކީ ތިން ބާރު މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ މިސާލެއް: ރައީސް

ސަރުކާރުގެ ފުރަތަމަ އަހަރާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސްދުވަހުގެ ތެރޭގައި ދައްކައިދިނީ ދައުލަތުގެ ތިން ބާރު މިނިވަންކަމާ އެކު މަސަައްކަތް ކުރުމާ އެކު އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ، ޒިންމާދާރު ކުރުވުމުގެ މިސާލެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސްް ވިދާޅުވީ ތިން ބާރު ވަކިވެފައި އޮންނަ ޑިމޮކްރަސީގެ މި ނިޒާމުގެ ހުރިހާ މަންފާއެއް އޮތީ ރައްޔިތުންނަށް ކަމަށެވެ. ދައުލަތުގެ ކޮންމެ ބާރެއް ވެސް އެ ބާރެއްގެ ދުސްތޫރީ އިމުގެ ތެރޭގައި އެބައެއްގެ މަަސައްކަތަށް ސަމާލުކަން ދޭ ނަމަ ރައްޔިތުންނަށް ލިބޭ މަންފާ މިހާރަށް ވުރެ ބޮޑުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"[މިދިއަ އަހަރު] ރައްޔިތުންނަށް ފެނިގެން މިދިޔައީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާ އެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކޮށްްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މިދިޔަ އަހަރު ފޮނުވި 49 ބިލެއްގެ ތެރެއިން 27 ބިލް ފާސްކޮށްފައިވާ ކަމަށެވެ. އެކަމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި އަހަރު ސަރުކާރުން 59 ބިލެއް މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި މެންބަރުން ރިޔާސީ ބަޔާން އަޑު އައްސަވަނީ

"އެއީ މިހާރު އަމަލުކުރަމުން އަންނަ ބައެއް ގާނޫނުތައް އިސްލާހުކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅިން އަލަށް އުފައްދާ ގާނޫނުތަކާ ބެހޭ 24 ބިލެއް،" ރައީސް ވިދާޅުވި އެވެ.