ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ބޮޑު ކުށަކަށް ހަދަން އިސްލާހު ހުށަހަޅައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށް ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހަދަން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.


ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށްޓަކައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި 11 ކުށެއް އެ ގާނޫނުުގައި މިހާރު ހިމަނާފައިވެ އެވެ. އެކަމަކު އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކެއް މިހާރު ނުހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ވެސް އެ ގާނޫނުގައި ހިމެނުމަށެވެ.

ބޮޑެތި ކުށްތަކުގެ ގޮތުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބަޔާންކުރާ ކުށްތަކުގައި އެހެން ކުށްތަކާ ތަފާތު އުސޫލުތަކުން ބައެއް ކަންކަމުގައި އަމަލު ކުރުމުގެ ފުރުސަތު އޮވެ އެވެ. އެގޮތުން އެފަދަ ތުހުމަތު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގައި ޚާއްސަ އުސޫލުތަކެއް އޮންނައިރު ދައުވާ ކުރުމުގެ މުއްދަތު އިތުރުކޮށް ދިނުމުގެ ފުރުސަތު ވެސް ލިބެނީ ބޮޑެތި ކުށްތަކުގައި އެކަންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ޖިނާއި ބޮޑު ކުށަކަށް ހަދަން ހުށަހެޅިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. އެކަންކަމުގައި އިހުމާލުވަމުންދާ ކަމަށް ބުނެ ދައުލަތުގެ އިދާރާތަކަށް ގިނަ ފާޑު ކިޔުންތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ.