"ހުވަފެނަކުން ހަގީގަތަކަށް" – ބްރިޖުގެ މަސައްކަތް ފޮތެއްގެ ސިފައިގައި

ހުޅުލޭ ދެކުނާއި މާލޭ ލޮނުޒިޔާރަތްކޮޅާ ދެމެދު އޮންނަ އެ ކަނޑުއޮޅިއަކީ އިހަކާ ޖެހެންދެން ވެސް ދިވެހިރާއްޖޭގެ އިގުތިސާދުގެ މައި އެއް ދޮރޯށްޓެވެ. ބޭރު އޮޑިފަހަރު މާލޭގެ ވިޔަފާރި ބަނދަރަށް ވަންނަން ބޭނުންކުރި ގާދޫކޮލުގައި މިހާރު ފަތުރާލެވިފައި އެވަނީ ރާއްޖޭގެ އިގުތިސާދުގެ މައި ތިން ރަށް ކަމަށްވާ މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ފާލަމެކެވެ؛ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ.


އެއީ ރާއްޖޭގައި މިހާތަނަށް ބިނާކުރެވުނު މަދަނީ އެންމެ ބޮޑު އިންޖިނިއަރިންގެ ބިނާ އެވެ. އެތަން ހެދުމުގެ މަސައްކަތްކުރަމުން ދިޔައިރު، އެހިސާބުގައި ދިރިއުޅުއްވާ އަހުމަދު ޝިޔާމްގެ ދުރުމި އަބަދުވެސް ހުންނަނީ އެކަމަށް އަމާޒުވެފަ އެވެ. ލިޔުންތެރިކަމަށް ހުންނަ ޝައުގާ އެކު ޝިޔާމް ގެންދެވީ ފެންނަ ކަންކަން ނޯޓްކުރައްވަމުންނެވެ. ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ގެންދެވީ އިންޖިނިއަރިން އަށް ހުރި ޝައުގުވެރިކަމާ އެކު އެކަމާ ގުޅޭ މަޒްމޫންތަކެއް ބްލޮގުގައި ލިޔުއްވަމުންނެވެ. ޕްރޮޖެކްޓްތައް ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ ވަޑި އިސްމާއިލް އަބްދުﷲ ގެންދެވީ އެ މަސައްކަތުގެ މަންޒަރުތައް ކެމެރާގައި ރައްކާކުރައްވަކުންނެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ބެހޭގޮތުން ދިވެހި ޕަބްލިޝިން ގްރޫޕުން ޝާއިއުކުރި 158 ސަފުހާގެ ފޮތް. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމުގައި އެ ތިން ބޭފުޅުން ވެސް އޭރު ހިންގަވަމުން ގެންދެވީ ތަފާތު ތިން މަގަކުންނެވެ. އެކަމަކު އެއް ދުވަހެއްގައި ހަތަރު އަނގޮޅިއަކުން ބައްދަލުވެ މަޝްވަރާކުރެވުނީ ތިން ބޭފުޅުންގެ ޝައުގުވެރިކަމާ ގުޅިފައިވާ ބްރިޖުގެ އެ މައުލޫމާތުތަކާއި ފޮޓޯތަކާއި ލިޔުންތައް އެކައްޗެއްގެ ގޮތުގައި ޑޮކިއުމެންޓްކުރުމަށެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި އަންގާރަ ދުވަހުގެރޭ އިފްތިތާހުކުރި " ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް – ހުވަފެނަކުން ހަގީގަތަކަށް" މި ފޮތަކީ އެ ތިން ބޭފުޅުން ފަހުން އެއް މަގެއްގައި ހިންގަވައިގެން ކުރެއްވި މަސައްކަތެވެ.

އެ ފަދަ ބްރިޖަކުން ހުޅުލެ އާއި މާލެ ގުޅުވައިލުމުގެ ހިޔާލަކީ، ރާއްޖޭގައި އެކި ދުވަސްވަރު ވެރިކަން ކުރެއްވި ބޭފުޅުން ދުށް ހުވަފެނެކެވެ. މާލެ އަށް ދިމާވި ބައިބޯވުމުގެ މައްސަލަ ހައްލުކުރަން 1997 ގައި ހުޅުލޭ ފަޅުތެރޭގައި ހުޅުމާލޭގެ ނަމުގައި ރަށެއް ހިއްކަން ފެށީއްސުރެ އެ ހުވަފެން ފެންނަލެއް ގިނަވީ އެވެ. މި ފޮތަކީ 2018 ވަނަ އަހަރު ހަގީގަތަކަށްވި އެ ހުފަވެނުގައި ކުލަ ޖައްސަން ކުރެވުނު މަސައްކަތް، އަންނަން އޮތް ޖީލުތަކަށާއި ދިވެހި ތާރީހަށް ފޯރުކޮށްދެއްވުމަށް ޝިޔާމް، ޑރ. ހަސަން އަދި ވަޑި އިސްމާއިލް ކުރެއްވި މުހިއްމު މަސައްކަތެއް ވެސް މެ އެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ފޮތުގެ ސަފުހާއެއް: މިފަދަ ވަރަށް ގިނަ ޑްރޯން ފޮޓޯތައް މި ފޮތުގައި ހިމެނޭ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ ތިން ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ބްރިޖަކީ ރާއްޖޭގެ ތަރައްގީ އަށް އެޅުނު މުހިއްމު، ކުރިއަށް އޮތް 100 ވަރަކަށް އަހަރު، އޭގެ ފައިދާހުރި އަސަރުތައް ރައްޔިތުންނަށް ކުރާނެ މުހިއްމު މަސައްކަތެވެ. އެހެންވެ "ފާލަމާ ބެހޭ ތަފާތު ހިޔާލުތައް ކުރެވުނު ދުވަސްވަރާއި އެކަމަށް ޒަރޫރަތު މަޖުބޫރުކުރި ގޮތާއި" އެންމެ ފަހުން "ފާލަން ހަގީގަތަކަށް ވެގެން އައި ގޮތް" އަދި "ފާލަމުގެ އެކި ބައިތައް ބިނާކުރި ގޮތް" ލިޔުއްވީ އެވެ.

މިފަދަ ފޮތެއް ލިޔަން ގަސްދުކުރި އަނެއް ސަބަބަކީ، ތިން ބޭފުޅުން ލިޔުއްވާފައިވާ ގޮތުގައި (އެ ތިން ބޭފުޅުން ފަދައިން) ފާލަން ބިނާކުރި ދުވަސްވަރު އެކަން ކުރާ ގޮތް ދުށުމަށް މާލޭގެ އިރުމަތީ ގޮނޑުދޮށަށް ވަރަށް ގިނަ ބަޔަކު ދާތީ، ފާލަމުން ކުރާނެ އިޖްތިމާއީ އަދި އިގްތިސާދީ މަންފާގެ އިތުރަށް، ފާލަމުގެ އިންޖިނިއަރިން އަށް ރައްޔިތުން ޝައުގު ހުންނަކަން ފާހަގަކުރެވިގެންނެވެ. އެހެންވެ މި ފޮތުގައި އިސްކަން ދީފައި އޮތީ ފާލަން ހެދި ގޮތް، އަންނަން އޮތް ޖީލުތަކަށް ފޮޓޯ އިން އޮޅުން ފިލާނޭ ގޮތަށް ކިޔައިދިނުމަށެވެ.

މި ފޮތުގައި، މާލޭގެ ބިން ފުރި ވިލިނގިއްޔާއި ހުޅުލޭގައި މީހުން ދިރިއުޅެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު އަމީނާއި އަދީބު ހުސެއިން ސަލާހުއްދީން ކުރެއްވި ހިޔާލުފުޅުން ފަށައިގެން، ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖެއް އެޅުމަށް ކުރެވުނު މަސައްކަތުގެ ތާރީހު ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ހުޅުލެ އާއި އެ ރަށުގެ ދެކުނުކޮޅުގައި އޮތް ފަޅުރަށެއް ކަމަށްވާ ގާދޫ ގުޅުވާލުމާއި މާލެ އާއި ފުނަދޫ ގުޅުވަން ބްރިޖެއް އަޅަން ނާސިރު ކުރެއްވި މަސައްކަތް ހިމެނެ އެވެ. އަދި މާލެ އާއި ހުޅުލެއާ ދޭތެރެ ބްރިޖެއް އެޅުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދައުރުގައި ކުރެވުނު ހިޔާލުތަކަކުގެ ވާހަކަތަކުން ފެށިގެން ބްރިޖުގެ މަސައްކަތަށް އަމަލީ ސިފަ ގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރެވުނު މަސައްކަތް، ޝިޔާމްގެ ލިޔުއްވުންތަކުން ތަފްސީލްކޮށްފައިވެ އެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ފޮތުގެ ސަފުހާއެއް: ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުންތަކުގެ އިތުރުން ޗައިނީސް ބަހުން ލިޔެފައިވާ ފޮޓޯ ކެޕްޝަންތައް މި ފޮތުގައި ހިމެނޭ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޗައިނާގެ ފުދުންތެރިކަމަކީ މި މަސައްކަތް އަވަސް މިނެއްގައި ކުރެވުނު ސަބަބުކަން ބަޔާންކޮށް އެކަމާ ގުޅޭ މަޒްމޫނެއް ހިމަނައި އޭގައި، މުރަކައިން އުފެދިފައިވާ ދެ ރަށެއް ގުޅުވަން ފުން ކަނޑެއްގައި ހާހެއްހާ މަސައްކަތްތެރިން 24 ގަޑިއިރު ކުރި މަސައްކަތުގެ ފުރިހަމަކަމާއި ދިމާވި ގޮންޖެހުންތަކުގެ ވާހަކަތައް ގެނެސްފައިވެ އެވެ.

ދިވެއްސާއި އިނގިރޭސި ބަހުން ލިޔެފައިވާ މި ފޮތުގައި ޗައިނާ ބަހުން ވެސް ބައެއް މައުލޫމާތު ލިޔެފައިވެ އެވެ. އެހެންވެ މިއީ ރާއްޖޭން ބޭރުގައި ވެސް އޭގެ ބޭނުން ހިފިދާނެ ފޮތެކެވެ. އިނގިރޭސި ބަހުން ހިމެނޭ ލިޔުންތަކުގެ ތެރޭގައި ބްރިޖެއްގެ ބޭނުން ޖެހުނު ގޮތާއި ޗައިނާ އާއި ރާއްޖޭގެ ގުޅުންތައް އަދި ބްރިޖުގެ މަސައްކަތާ ގުޅޭ ޓެކްނިކަލް ވަކިވަކި ބައިތަކަށް އަލިއަޅުވަލާފައިވާ ލިޔުންތައް ހިމަނާފައިވެ އެވެ. އެގޮތުން ބްރިޖް އަޅަން ހެދި ޕްލެޓްފޯމާއި ބްރިޖުގެ މުޑިތަކާއި އެ މުޑިތަކުގެ މަކުޑިތައް ހެދި ގޮތުގެ ޓެކްނިކަލް މައުލޫމާތު ހުރުމުން މިއީ މިއީ އިންޖިނިއަރިން އަށް ޝައުގުވެރިވާ ފަރާތްތަކަށް މުހިއްމު މައުލޫމާތުތަކެއް ލިބޭނެ ފޮތަކަށް ވާނެ އެވެ. ޑރ. ހަސަންގެ ދިރާސާކުރުމުގެ ކުޅަދާނަކަން އެ ލިޔުންތަކުން ފާހަގަކުރެވެ އެވެ.

ފޮތް ލިޔެ އުފެއްދެވި ތިން ބޭފުޅުން ކަމަށްވާ ޑރ. ހަސަން (ކ) އާއި ވަޑި އިސްމާއިލް (މ) އަދި އަހުމަދު ޝިޔާމް.

މި ފޮތުގައި މަޒްމޫންތަކުގެ އިތުރުން ޓެކްނިކަލް މައުލޫމާތާއި ބްރިޖް އެޅުމަށް އެކި ދުވަސްވަރު ހެދި ޗާޓުތަކާއި އަދި މިހާރު އަޅާފައި އޮތް ބްރިޖުގެ ޓެކްނިކަލް މެޕްތަކުގެ އިތުރުން ބްރިޖް ހަދަމުން ދިޔައިރާއި މިހާރުގެ ބޮޑެތި ކުލަ ފޮޓޯތައްވެ އެވެ. ފޮތް، ލޮލަށް ރީތިވުމާއި ޗާޕުގެ ނަލަކަމުގެ ޝުކުރުހައްގުވަނީ މި ފޮތުގެ އެއް މުނައްސިފް އަދި ރާއްޖޭގެ ޗާޕާއި ފޮޓޯގްރަފީގެ ތަޖުރިބާކާރު ވަޑި އިސްމާއީލަށެވެ. މިއަދުން ފެށިގެން ބުކްޝޮޕްތަކުން ލިބެން ހުންނާނެ މި ފޮތް ތައްޔާރުކޮށްފައިވަނީ "ކޮފީ ޓޭބަލް ބުކް" ކޮންސެޕްޓަށެވެ.

"އެކަމަކު މިއީ ކޮފީ މޭޒަކަށް ވުރެ މަތީގައި އޮންނަން ޖެހޭ ފޮތެއް،" ފޮތް ރިވިއުކުރެއްވި އޮގަރު އިބްރާހިމް ވަހީދު ވިދާޅުވި އެވެ. "މި ފޮތް ދިވެހިރާއްޖޭގެ މަދަރަސާތަކުގައި، ކުތުބާހާނާގައި އޮންނަން ޖެހޭނެ. މި ފޮތް ޓެެކްސްޓް ފޮތެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ."