ހުޅުމާލޭގައި ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ރޭ ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ޒަހަމްވި ތިން މީހުންގެ ތެރެއިން އެކަކީ ޗައިނާގެ ޓޫރިސްޓެކެވެ. ދެން ހުރި ޗައިނާގެ މީހާ އަދި އޮސްޓްރޭލިއާގެ މީހާ އަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުންނެވެ. އެ މީހުންނަށް ހަމަލާދިނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރިޔަސް ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޒަހަމްވި ތިން މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ރޭ ވަނީ ފަރުވާ ދީފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ ތިން މީހުންގެ ހާލު ވެސް ސީރިއަސްއެއް ނޫނެވެ.
މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ހަމަލަދީފައި ވަނީ ހުޅުމާލޭގެ ތިން ސަރަހައްދަކުންނެވެ. އެއީ ޓީޓައިމްސް ކެފޭ ކައިރި އާއި ވައިޓް ހާޕް ކައިރި އަދި ތަންދޫރީ ފްލޭމްސް ކައިރި އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ތުރުކީގެ މީހަކަށް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހަމަލަދީ ޒަހަމް ކޮށްލާފައި ވެ އެވެ. ހުޅުމާލޭގެ ނިރޮޅު މަގާއި ބޮކަރުމާ ހިނގުމުގެ ކަންމަތިން އެ މީހާ ދަނިކޮށް ތޫނު އެއްޗަކުން ހަމަލަދިނީ، ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށް އޭރު ބުނެފައި ވެ އެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ އެ މައްސަލައިގެ ތުހުމަތަށް ވެސް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.