ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް އަންނަން ޖެހޭ: އީވާ

ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް، ރާއްޖޭގަައި މުވާސަލާތީ ޚިދުމަތް ދޭން ގެންނަންޖެހޭ ޖެހޭ ކަމަށާއި އެކަން ކުރަން ޖެހެނީ އެ ދެ ކުންފުނިން ރަނގަޅު ޚިދުމަތެއް ނުދޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި "ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލު"ގެ ބަހުސްގައި އީވާ ވިދާޅުވީ، ދިރާގާއި އުރީދޫން ދޭ ޚިދުމަތުގެ ފެންވަރު ދަށް އިރުގައި އެހެން ގައުމުތަކާ އަަޅާ ބަލާއިރު އަގު ވެސް ރަނގަޅު ނޫން ކަމަށެވެ. މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް އެ ދެކުންފުނިން ދޭ ޚިދުމަތުގެ ފެންވަރު ދަށްކަން ހުރި މިންވަރު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުތަކަށް ހަގީގަތުގައި ޚިދުމަތް ނުވެސް ލިބޭ އެވެ.

"އެ ބޮޑު އަގުގައި އެ ކުޑަކުޑަ ސްޕީޑުގައި އެ ލިބޭ އިންޓަނެޓްގެ ޚިދުމަތަކީ 2020 ގައި އިންޓަނެޓް ޚިދުމަތޭ އިއްޒަތްތެރި ރައީސް، ދަންނަވަން ވެސް އަޅުގަނޑަކަށް ނުކެރޭނެ،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުންފުނިތަކަށް މޮނޮޕޮލީ އޮތުމުގެ ސަބަބުން މުޅި ގައުމަށް އެ ކުންފުނިތަކުން ގައުމުގެ އިގުތިސާދީ ބާރު ހޯދައި، އޭގެ ސަބަބުން ސިޔާސީ ނުފޫޒު ވެސް ލިބޭ ކަމަށެވެ. އެގޮތުން، ރާއްޖޭގެ މީޑިއާ ވެސް އެފަދަ މޮނޮޕޮލީ ތަކުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިކުނޑިތަކާ ކުޅުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް އީވާ ވިދާޅުވި އެވެެ.

"އަދި އިއްޒަތްތެރި ރައީސް، މީޑިއާތަކުން ވެސް އެ ކުންފުނިތަކުގެ ވާހަކައެއް ލިޔާކަށް ވެސް ނުވެސް ކެރޭ. އުރިދޫ އޭ، ދިރާގޭ ވަތައްނިއްޔާއޭ، އަދި ނުވަތަ އަޅުގަނޑުމެންގެ ސަރުކާރުގެ ޔޫޓިލިޓީ ކުންފުނިތަކޭ ކިޔައިގެން ވެސް ވާހަކައެއް، ދެކޮޅަށް ވާހަކައެއް ޖަހާލާތަނެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

"އެ ބޮޑު އަގުގައި އެ ކުޑަކުޑަ ސްޕީޑުގައި އެ ލިބޭ އިންޓަނެޓްގެ ޚިދުމަތަކީ 2020 ގައި އިންޓަނެޓް ޚިދުމަތޭ އިއްޒަތްތެރި ރައީސް، ދަންނަވަން ވެސް އަޅުގަނޑަކަށް ނުކެރޭނެ،" އީވާ

ރާއްޖޭގައި ދޭ އިންޓަނެޓް އަގު ހެޔޮ ނުކުރެވޭ މައްސަލައިގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް ވިދާޅުވީ އޭގެ ހަގީގީ ސަބަބަކީ މޮނޮޕޮލީ ކަމަށެވެ. އޭނާ ވިދާޅުވީ، މުވާސަލާތީ ހިދުމަތްދޭ ހަމައެކަނި ކުންފުނީގެ ގޮތުގައި ދިރާގު އޮތް އޮތުން ނިމުމަަކަށް ގެނެސްފައި ވިޔަސް އެ ދެ ކުންފުނީގެ ހިއްސާދާރުންނަކީ މިހާރު އެއް ބަޔަކަށް ވާތަން ފެންނަ ކަމަށެވެ.

"އަޅުގަނޑުމެނަށް މައުލޫމާތު އެބަ ލިބޭ މި ދެކުންފުނީގައި މޭޖާ ޝެއާ ނުވަތަ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަކީ އެއް ކުންފުންޏެކޭ. އެހެންވީމާ ހަގީގަތުގައި ރައްޔިތުންނަށް މި އިންޓަނެޓްގެ ޚިދުމަތް އަދި ފޯނުގެ ހިދުމަތް އަގުހެޔޮ ކުރުމަށްޓަކައި ސަރުކާރުން މި ހުރިހާ މަސައްކަތް މިވަނީ ފެނަށް ގޮސްފައި،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ، ފޯނާއި އިންޓަނެޓްގެ އަގު ހެޔޮކުރެވުނު ބަޔަކު ސަރުކާރަށް ނައި ކަމަށާއި އެ ވާހަކަ ދައްކަދައްކައި ރައްޔިތުން ވަރުބަލިވެއްޖެ ކަމަށެވެ. އިންޓަނެޓްގެ ހިދުމަތް ރާއްޖެ އަށް ވުރެ އަގުބޮޑު ގައުމެއް މި ސަރަހައްދުގައި ވެސް ނެތްކަމަށާއި އެކަމަކު ބައެއް ގައުމުތަކުގައި އިންނެޓަކީ މިހާރު އަސާސީ ހިދުމަތެއް ކަމަށް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އިންޓަނެޓް އަގުހެޔޮ ނުވާ މައްސަލައިގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް ވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަލީ ހުސައިން ފާޑުވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިނިސްޓަރު ހަމަ ވަރަށް ގަދައަށް ޓްވިޓާގައި ވެސް އެބަ މަސައްކަތް ކުރައްވާ، ހަމަ ދަނޑުވެރިިކަމާ ބެހޭ ޓްވީޓްތައް ވެސް އެބަ ކުރައްވާ. އަދި ގެދޮރު އެޅުމާ ބެހޭ ގޮތުން ވެސް ޓްވީޓް އެބަކުރައްވާ. އަދި އެވަރުން ނުވެގެން އަޅުގަނޑުމެން ޓްވިޓާގައި ދައްކާ ވާހަކަތަކަށް ޖަވާބުދާރީ ވެސް އެބަވޭ. އެހެން ނަމަވެސް އިންޓަނެޓްގެ އަގެއް ހަމަ އެއްގޮތަކަށް ވެސް ހެވެއް ނުވޭ،" އެއް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މަލީހާ ގުޅޭ ގޮތުން އަލީ ހުސައިން ވިދާޅުވި އެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމުގެ ހުރިހާ ބާރެއް ރައީސް އޮފީހުގައި

އިންޓަނެޓްގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، މި ސަރުކާރަށް މިހާތަނަށް އެކަމުގައި ރައްޔިތުންނަށް ނަތީޖާއެއް ދެއްކިފައެއް ނުވެ އެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ވިދާޅުވާ ގޮތުން ނަމަ، އެ މިނިސްޓްރީން އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ނިންމައި ވަނީ ރައީސް އޮފީހަށް ފޮނުވައިފަ އެވެ. އެހެންވެ، މަލީހަށާއި މިނިސްޓްރީ އަށް ޕޮލިސީ ފެންވަރުގައި އެއްވެސް ކަމެއް ނިންމެން އޮތީ ރައީސް އޮފީހުން ވަކި ޖަވާބެއް ދިނުމުންނެވެ.

މަލީހް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު "މިހާރު" އަށް ވިދާޅުވެފައި ވަނީ އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި، އެ އަހަރުގެ ޖޫން މަހުގެ 19 ގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނަށް އެ ނިންމުންތައް ފޮނުވާފައިވާނެ ކަމަށެވެ. އެހެންވެ، ދެން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް މިނިސްޓްރީން ކުރާނީ ރައީސް އޮފީހުން ލިބޭ އިރުޝާދަކަށެވެ.

އެނގިފައިވާ ގޮތުގައި، އިންޓަނެޓުގެ އަގު ހެޔޮކުރުމާ ގުޅޭ ނިންމުންތައް ރައީސް އޮފީހަށް ފޮނުވިތާ އަށް މަސް ވީއިރު ވެސް ވަކި ޖަވާބެއް ނުވަތަ ވަކި އިރުޝާދެއް ރައީސް އޮފީހުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަކަށް ނުދެ އެވެ.

މަލީހް ވިދާޅުވެފައިވާ ގޮތުގައި، އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމާއި އެއާ ގުޅުން ހުރި މަސައްކަތްތައް ސަރުކާރުން ކުރަނީ އެކި މަރުހަލާތަކަށް، އަހަރުތަކަށް ބަހާލައިގެންނެވެ. އެހެންވެ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ވެސް އެކަމާ ގުޅުން ހުރި މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވެފައި އެވެ.

އޭގެ ތެރޭގައި ހިމެނެނީ އެކަށީގެންވާ ބަދަލެއް ގެނައުމަށް، އިންޓަނެޓްގެ ޚިދުމަތް ދޭ ފަރާތްތަކުގެ ވާދަވެރިކަން އިތުރު ކުރުމާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ މޮނީޓަރިން ނިޒާމު ވަރުގަދަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި ރާއްޖޭން ބޭރުން ސަބްމެރިން ކޭބަލް ގެނައުން ފަދަ ކަންކަން ކަމަށް މަލީހް ވިދާޅުވެފައި ވެ އެވެ.

ރައީސް އޮފީހުން ތައްޔާރުކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި އޮތީ އަތްފޯރާ އަގެއްގައި ފެންވަރު ރަނގަޅު އިންޓަނެޓް ޚިދުމަތް ލިބޭކަން ކަށަަަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މި އަހަރާއި 2021 ވަނަ އަހަރު ކުރުމަށެެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރަން ކަނޑައަަޅާފައިވާ ކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދޭ ފަދަ ފިޔަވަޅުތަކެއް އެޅުމެވެ.

މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އިންޓަނެޓްގެ ޚިދުމަތުގެ އަގު އެންމެ ބޮޑީ ރާއްޖޭގަ އެވެ. އަދި އެކަމަށް ހައްލު ނައިސް ދިގުލައިގެން ދާތީ ގިނަ ބައެއްގެ ފާޑު ކިޔުންތައް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.