އެއް ރަށާއި އަނެއް ރަށުގެ ބަހުސުން ވާނީ ގެއްލުން: ނަޝީދު

ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް އަޅާކިޔައި ޒުވާބު އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށް ވިދާޅުވެ، އެގޮތަށް ކަންތައް ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރުންނަށް މިއަދު އިލްތިމާސްކުރައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށް ފަހު އެޖެންޑާގެ ފުރަތަަ އައިޓަމަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުވާ މިންވަރަކުން ހަމަނުޖެހުން އުފެދުން ގާތްވާނެ ކަމަށެވެ. އެގޮތުން މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އިތުރުވާ ވަރަކަށް އެ ހަމަނުޖެހުން ބޮޑުވެ، ފުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު "ސިޔާސީ ލީޑަރުންގެ ގޮތުގައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އެ ބާވަތުގެ ކަންކަން ފުޅާކުރުމަށް އަޅުގަަނޑުމެން ބާރު ނޭޅުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެދިވަޑައިގަތުން މިއައީ މާލެއަށް ދިމާވެފައި މިވަނީ ފަލަސްތީނަށް ޖެހިފައިވާ ހާލު ކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އިއްޔެ ރޭ ވިދާޅުވުމުން، މާލެ އާއި އެހެން ރަށްރަށުގެ މީހުން ތަފާތުކުރުމުގެ ބަހުސް ވަރުގަދަވެ، އޭނާއާ ބައެއް އެހެން މެމްބަރުންނާ ދެމެދު ސޯޝަލް މީޑިއާގައި ވެސް ޒުވާބުތަކެއް ހިނގަމުން ދަނިކޮށެވެ.

"ކަނޑު ތޮއްޓާ ހަމައަށް ހިއްކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް މިތަންތަނުގައި ވަޒަންވެރިކުރުވީ. މާލޭ މީހުން ތިބި ގޮތަށް ތިބީ. ހަމަ ގާތްގަނޑަކަށް މިތަނަށް ދިމާވެފައި މި އޮތީ ފަލަސްތީނަށް ދިމާވެފައިވާ ކަމެއް،" ރާއްޖެ ޓީވީ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވި އެވެ.

އަނދުން ހުސައިންގެ އެވާހަކަޔަށް ރައްދު ދެއްވަމުން ދާންދޫ ދާއިރާގެ ޔައުގޫބު އަބްދުﷲ ޓްވިޓާގައި ވިދާޅުވީ އިޒްރޭލުގެ ނުބައި ނުލަފާ މީހުންނާ އެއް ހަމަޔަކުން ރަށްރަށުގެ މީހުން މިނެކިރާތީ ލަދުވެތިވެ، ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އިޒުރޭލްގެ ނުބައިނުލަފާ މީހުންނާ އެއް ހަމަޔަކުން މިރާއްޖޭގެ 'ރާއްޖެތެރޭ މީހުން' މިނެކިރާތީ އެކަމާ ލަދުވެތިވެ، ކަންބޮޑުވެ، ދެރަވޭ،" ޔައުގޫބު ލިއުއްވި އެވެ.

އޭނާ ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭގެ ފަހުން އަނދުން ހުސައިން ޔައުގޫބަށް ރައްދު ދެއްވީ ތުހުމަތުތަކަކާ އެކުގަ އެވެ. އެގޮތުން އޭނާ އަކީ އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭތީ އެކަމާ ދެކޮޅަށް އަޑު އުފުއްލެވުމަށް ފަހު މިހާރު އެވާހަކަ ނުދައްކަވާ ކަމަށެވެ. އެހެންކަމުން މިހާރު އެ ހުންނެވީ "ދަށުވެފައި" ކަމަށް ތުހުމަތުކުރެއްވި އެވެ.

ނަޝީދު އިޝާރާތްކުރެއްވީ އެ ދެ މެމްބަރުންގެ އަރައިރުމަށް ކަމަށް ބެލެވެ އެވެ. މިއަދުގެ ޖަލްސާގައި ފުރަތަމަ ބަހުސް ކުރަން އޮތީ ވެސް މާލެ އާއި ރަށްރަށުގެ މީހުންނާ ދެމެދު ބަހުސް އުފެދޭ ކަމެކެވެ. އެއީ މާލޭގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށް ގޮވާލައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ބަހުސެވެ.

އެ ބަހުސްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވާހަކަ ދައްކަވަނިކޮށް، ނިޒާމީ ނުކުތާ ނަންގަވައިގެން ޖާބިރު ތުހުމަތުކުރެއްވީ ހަސަން ލަތީފަކީ ރަށްރަށުގެ މީހުންނާ ދެކޮޅު ބޭފުޅެއް ކަމަށެވެ.

އެހެންވެ ހަސަންގެ ވާހަކަ ނިންމެވުމާ އެކު ނަޝީދު އަނެއްކާވެސް މެމްބަރުންނަށް ނަސޭހަތް ދެއްވި އެވެ.