ދެ އަހަރު ނުފުރޭ ކުއްޖާ އަށް ޖިންސީގޯނާކުރި މައްސަލަ މާދަމާ ކޯޓަށް ހުށަހަޅާނެ

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ކާފަ އާއި މުނިކާފަ ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ މާދަމާ ކޯޓަށް ހުށަހެޅޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު"ން ދެންނެވި ސުވާލަކާ ގުޅިގެން ޝަމީމް ވިދާޅުވީ ކުއްޖާ އަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އިތުރުން އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ވެސް ދައުވާ އުފުލާނެ ކަމަށެވެ. އެ ކުއްޖާ އަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ކާފަ އާއި މުނިކާފައަށެވެ. މީގެއިތުރުން އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ޖިންސީގޯނާގެ ތުހުމަތެއް ނުކުރެ އެވެ.

އެއް އަހަރާއި ނުވަ މަހުގެ ކުއްޖާ ދިރިއުޅުނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މަންމަ އާއި ބައްޕައާ އެކުގަ އެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކާފަ އާއި މުނި ކާފަ ވެސް އުޅުނީ އެ ގޭގަ އެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރިތާ 30 ދުވަސް މި މަހުގެ 16 ގައި ހަމަވާނެ އެވެ.

"ތި ވިދާޅުވާ މައްސަލައިގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް މާދަމާ ކޯޓަށް މައްސަލަ ހުށަހެޅޭ ވަރަށް މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑު މިއަދު ވެސް މި މައްސަލަ ތަހުގީގު ކުރައްވާ ބޭފުޅުންނާ ބައްދަލުކޮށް، މަސައްކަތް ކުރިއަށްދާ ގޮތް ސާފުކުރިން،" ޝަމީމް ވިދާޅުވި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ އިތުރުން އިހުމާލުވީ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ތިބުމާ އެކު އެކަން ސާފުވާނީ ފުލުހުން އެ މައްސަލަ މިއަދު ފޮނުވުމުން ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޝަމީމް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ވެސް ތަހުގީގު ފެށި ހިސާބުން ފުލުހުންނާ އެކު ޕީޖީ އޮފީހުގެ ވަކީލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ވެސް މިފަދަ ކޮންމެ މައްސަލައެއްގެ ތަހުގީގު ފެށޭއިރަށް، ޕީޖީ އޮފީހުން އެ މައްސަލަތަކުގައި ފުލުހުންނާ އެކު މަސައްކަތް ކުރައްވާނެ ވަކީލުން އަންނަނީ ހަމަޖައްސަމުންނެވެ. މައްސަލަތައް ކުރިއަށް ގެންދަނީ ވަކީލުންނާއި ފުލުހުންނާ ދެމެދު ލިއުންތައް ބަދަލުކުރެވި ވާހަކަ ދެކެވިގެން ކަމަށް ޕީޖީ ވިދާޅުވި އެވެ.

"މިއީ، ތަފާތު ދެ މުއައްސަސާ. ފުލުހުންނަކީ ވަރަށް ބައިވަރު މީހުން މަސައްކަތް ކުރާ ބޮޑު މުއައްސަސާއެއް. އެ ބޭފުޅުންގެ އުސޫލްތަކެއް އެބަހުރޭ. އަބަދު އެންމެ އަރާމުކޮށް އެންމެ ފަސޭހަކޮށް ނޫން މަސއްކަތްތައް ދަނީ. ނަމަވެސް ދެ މުއައްސަސާ އަށް ވެސް ގުޅިގެން މަސައްކަތް ކުރެވޭ،" ޝަމީމް ވިދާޅުވި އެވެ.

ކާފަ އާއި މުނި ކާފަގެ ފަރާތުން އަނިޔާލިބެމުން ދިޔަކަން އެ ކުއްޖާ މަންމަގެ ފަރާތު އާއިލާއާ ހިއްސާކުރީ އަމިއްލަ އަށެވެ.

އެ ކުއްޖާ އަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ކާފަ އާއި މުނި ކާފަގެ ފަރާތުން އެ ރަށުގެ އެހެން ކުދިންނަށް އެ ބިރު ކުރިމަތިވެފައިވެ އެވެ. މުނި ކާފަ ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ރެކޯޑު މުއައްސަސާތަކުގައި އޮވެ އޭނާ ދޫކޮށްލާފައި ހުރި އިރު، އަމިއްލަ ދަރިއަކާ ބެހެން އުޅުމުގެ ތުހުމަތު ކާފަ އަށް ވެސް ކުރެ އެވެ. އޭނާގެ އަންހެނުންނަށް އެނގޭ ކަމަށް ތުހުމަތުކުރާ އެ މައްސަލަ މުއައްސަސާއެއްގައި ރިޕޯޓް ނުކުރީ އެވެ.

ސަބަބެއް ކަމަށް ކަނޑުހުޅުދޫގެ ރައްޔިތުން ބުނަނީ، ކާފަ އާއި މުނި ކާފަގެ އާއިލާގެ ނުފޫޒު އެ ރަށުގެ މުއައްސަސާގެ ތެރޭގައި ގަދަވުމެވެ. އެހެންވެ ރިޕޯޓް ކުރިއަސް ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީން ކަމެއް ނެތީ އެވެ.