ސްނޯކްލިން އަށް ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ

އއ. މަޑިވަރު ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅުނު ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.


މި ހާދިސާގައި މަރުވީ، ރަސްދޫ ޑައިވް ސެންޓަރުގައި މަސައްކަތްކުރާ، ރ. މީދޫ ދެރަހަ، އަބްދުﷲ އަޒްވާން 22، އެވެ.

އޭނާ މަރުވީ ޓޫރިސްޓުންތަކެއް ގޮވައިގެން ސްކޯންލިން އަށް ގޮސް އުޅެނިކޮށް ކަމަށް ވެ އެވެ. އަޒްވާން، ކަނޑުގެ 23 މީޓަރު އަޑިން ނަގައިގެން އއ. ރަސްދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެނގިފައި ވެ އެވެ.

އަޒްވާން މަރުވިއިރު، މާދަމާ އަކީ އޭނާގެ 23 ވަނަ އުފަން ދުވަހެވެ.

ފުލުހުން ބުނީ މަޑިވަރު ބޭރަށް ސްނޯކްލިން އަށް ގޮސް އުޅެނު ދިވެހި ފިރިހެނަކު މަރުވެގެން ރަސްދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.