ސީޕްލޭން ޓާމިނަލްގެ މައްސަލަ: ސައީދަށް ބޮޑު ތުުހުމަތެއް!

އާ ސީޕްލޭން ޓާމިނަލްގެ ޑީލް، ޓީއެމްއާ އެކު ނިންމައި އެއްބަސްވުމުގައި އަވަސް އަރުވާލައިގެން ސޮއިކުރަން އުޅުނީ ކުރީގެ ސަރުކާރުގައި ކަމަށް ވިދާޅުވެ އެ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ތުހުމަތުތަކެއް ކުރައްވައިފި އެވެ.


މަޖިލީހުގައި ވާހަކަ ދައްކަވަމުން އިލްޔާސް އިއްޔެ ވިދާޅުވީ އާ ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭ އަށް ލިބޭގޮތަށް ޑްރާފްޓެއް ހަދައި އެއްބަސްވުމަކަށް ބަދަލުކުރަން އުޅުނީ ސެޕްޓެމްބަރު 16، 2018 ގެ ކުރިންނެވެ. ޓީއެމްއޭއާ އެކު ސޮއިކުރަން ނިންމި އެ މުއާމަލާތްތަކުގައި އިސްކޮށް ސައީދު އުޅުއްވި ކަމަށް އިލްޔާސް ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް ސައީދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

"އެމްއޭސީއެލްގެ ކަންތައް ބަލަހައްޓަވަން އޭރު އިންނަވާ ވަޒީރަކު، އިކޮނޮމިކް ކައުންސިލުން ހަމަޖައްސާފައި. އެ ވަޒީރާ [މިކަމުގައި] ވަރަށް ގިނަ ބައްދަލުވުންތައް ބޭއްވުނު ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސިޓީތައް ބަދަލުކޮށް، ޓީއެމްއޭއާ އެކު އެއްބަސްވުމަކާ ހަމައަށް ދިޔައީ ވަޒީރުގެ ލަފައާ އެކުގަ އެވެ.

ސައީދަށް ނިސްބަތްކުރައްވައި މި ތުހުމަތު އެޅުއްވުމުން، އޭނާގެ ދިފާއުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މީދޫ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ތެދުވެވަޑައިގެން، އެ ވާހަކަތައް ދޮގު ކުރެއްވައި އެއީ އަގުވައްޓާލުމެއް ކަމަށް ވިދާޅުވި އެވެ.

ރައްދުގައި އިލްޔާސް ވިދާޅުވީ އެ މުއާމަލާތްތަކުގެ ލިޔެކިޔުންތަކާއި ސިޓީތައް އޭނާގެ އަތުގައި އެބަހުރި ކަމަށެވެ. އެ ތުހުމަތު އަޅުވަނީ ތާރީޚްތައް ވެސް ބައްލަވާފައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ 16 ސެޕްޓެމްބަރާ ހަމައަށް އައިއިރުގައި އެއްބަސްވުމުގައި ސޮއިކުރަން ވަރަށް ބޮޑަށް އުޅުނު ތަން މި ލިޔެކިޔުންތަކުން ފެނޭ.. މަސައްކަތް ކުރީ ރިޔާސީ އިންތިޚާބުގެ ކުރިން މި އެގްރިމެންޓުގައި ސޮއިކުރަން. ކަން ދިމާވި ގޮތުން ސޮއިނުކުރެވި އޮތީ،" އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ހުވާކުރެއްވުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވެގެން އޮކްޓޯބަރުމަހުގެ ތެރޭގައި ޓީއެމްއޭ އިން އީމެއިލެއް އެމްއެސީއެލަށް ފޮނުވި ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އޭރު އެއާޕޯޓްސް ކޮމްޕެނީއަށް މި އެގްރިމެންޓުގައި ސޮއިކުރަން ނުކުރުނު. [މި ސަރުކާރުން ހެދި] ޓްރާންސިޝަނަލް ކޮމިޓީގެ ފަރާތުން އަޅުގަނޑާއި މިހާރުގެ ގަވަރުނަރު އަލީ ހާޝިމް އެއާޕޯޓް ކުންފުންޏަށް ދިޔައިން. އޭރުގެ އެމްޑީ އާދިލްއާ ބައްދަލުކޮށް މުޅި ތަނުގެ ހުރިހާ އަޕްޑޭޓެއް އާދިލް ދެއްވި. އެ ހިސާބުން އަޅުގަނޑުމެން އޭރުގެ މޭނޭޖިން ޑިރެކްޓަރަށް ދެންނެވިން އެއްވެސް އެގްރީމެންޓެއްގައި އިތުރަށް ސޮއިނުކޮށް ކުރިއަށް ނުގެންދަވަން،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީއެމްއޭ އެއްބަސްވުމުގައި ވެސް ސޮއި ނުކުރެވޭނެ ކަން އެންގީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭރު ދެއްވި ލަފާފުޅަށެވެ. އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރަން އެމަނިކުފާނު އެންގެވި ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އެ ހިސާބުން އޭރުގެ މެނޭޖިން ޑިރެކްޓަރު [އާދިލް] އޭގައި ސޮއި ކުރެއްވުން ހުއްޓާލެއްވީ،" އިލްޔާސް ވިދާޅުވި އެވެ.

ރައްޔިތުންގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅައި ހޫނު ބަހުސްތަކެއް ކުރި ސީޕްލޭން ޓާމިނަލް މައްސަލައިގައި މަސްލަހަތު ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ވާހަކަތަކާއި ރަސްމީ ލިޔެކިޔުންތަކާ ހަވާލާ ދެއްވައި އިލްޔާސް ތުހުމަތު ކުރެއްވި ގޮތުގައި އެއީ ކުރީގެ ސަރުކާރުން ހިންގަން އުޅުނު ކޮރަޕްޝަނެކެވެ. ކުރީގެ ސަރުކާރުން އެއްބަސްވި ގޮތަށް ޓާމިނަލް ދޭން މި ސަރުކާރުން ދީލައިލި ކަމުގެ ތުހުމަތާ މެދު އިލްޔާސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޓީއެމްއޭއާ އެކު މުއާމާލާތްތައް ހިނގައިދިޔަ ގޮތުގެ ތަފްސީލް ވެސް އިލްޔާސް ވަނީ ހިއްސާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ ޓާމިނަލްއާ ގުޅޭ ގުޅޭ ގޮތުން އެތަނުގައި ވިޔަފާރިކުރާ ކުންފުނިތަކާ ޖޫން، 2015 ގައި އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި އާދިލް އެދިވަޑައިގަތީ، އިލްޔާސް ވިދާޅުވި ގޮތުގައި މާސްޓަޕްލޭނެއް އެކުލަވާލައި މަސައްކަތް ފަށާ އެ މަޝްރޫއަށް އެއްބާރުލުން ދެއްވާށެވެ.

އޭގެ ފަހުން ވެސް މި މަޝްރޫއުގެ މައުލޫމާތު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވިޔަފާރިކުރާ އެކި ކުންފުނިތަކަށް ދޭން ބައްދަލުވުންތއް ބޭއްވި ކަމަށް އިލްޔާސް ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި އިލްޔާސް ވާހަކަ ދައްކަަވަނީ. --ފޮޓޯ/މިހާރު

އިލްޔާސް ވިދާޅުވީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހުސެއިން ފަޒީލް ސޮއިކުރައްވައި، އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ފުރަތަމަ ޕްރޮޕޯސަލެއް ޓީއެމްއޭ އަށް ފޮނުވީ ސެޕްޓެމްބަރު، 18، 2017، ގަ އެވެ. ޓީއެމްއޭ އަށް ކޮންޓްރޯލް ކުރެވޭ ގޮތަށް އެއާޕޯޓުން ބޮޑު ޖާގައެއް 15 އަހަރަށް ކުއްޔަށް ދިނުމުގެ ވާހަކަ އެ ޕްރޮޕޯސަލްގައި ހިމަނާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އެމްއޭސީއެލާއި ޓީއެމްއޭ ވާހަކަ ދައްކައިގެން ކުލި ކަނޑައަޅާނެ ގޮތާއި ޖާގަ ދޭނެ މިންވަރަށް އޮތީ ގޮތެއް ނުނިމި އެވެ. ފަހުން އެމްއޭސީއެލަށް ފޮނުވި ސިޓީއެއްގައި، ޓީއެމްއޭ އިން އެދުނީ އާ ޓާމިނަލުން 31،000 އަކަ މީޓަރު ހަމަޖައްސައިދޭށެވެ.

ޓީއެމްއޭގެ އެ ހުށަހެޅުން ގަބޫލުކޮށް، އެމްއޭސީއެލުން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އޭގައި ޓީއެމްއޭ އިން އެދުނީ އަކަ މީޓަރަކަށް މަހަކު 10 ޑޮލަރު ދައްކާށެވެ. އަދި ޕެސެންޖަރެއްގެ އަތުން ފަސް ޑޮލަރު ނަގައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އަށް މިލިއަން ޑޮލަރު އެމްއޭސީއެލަށް ދޭން ޖެހޭނެ ކަމަށް ސިޓީގައިވެ އެވެ.

މިގޮތަށް އެއްބަސްނުވެ، ޓީއެމްއޭ އިން ފަހުން ހުށަހެޅީ އަކަ މީޓަރަކަށް ހަތް ޑޮލަރު އަދި ޕެސެންޖަރެއްގެ އަތުން ވެސް ހަތް ޑޮލަރު ދައްކާގޮތަށެވެ. މި ޕްރޮޕޯސަލް އެމްއޭސީއެލްގެ ބޯޑަށް ގެންދިއުމުން، ބޯޑުގެ ނިންމުމަކަށް ވީ އަކަ މީޓަރަކަށް 10 ޑޮލަރު ހަމަޖެއްސުމެވެ.

"މި ބޯޑު މީޓިން ބޭއްވި ކަަމަށް އެމްއޭސީއެލުން ފޮނުވި ސިޓީގައި އެބައޮވޭ ބުނެފައި. އޭސީސީގެ ތަހުގީގުގައި ވެސް ބުނެފައި އޮވޭ ބޯޑު މީޓިން ބޭއްވި ކަަމަށް، އޭގެ މިނިޓްސްގެ 255 ގައި އެ ވާހަކަ އޮތް ކަަމަށް. ބޯޑުން އެކަން ނިންމާފައި އޮތީ. އެކަމަކު ބޯޑުގެ ރިޒޮލިއުޝަނެއް ނެތް،" އިލްޔާސް ވިދާޅުވި އެވެ.

ޓީއެމްއޭއާ އެކު އެމްއޭސީއެލުން ހިންގި މުއާމަލާތްތަކުގެ ތެރޭގައި ހިމެނޭ ސިޓީއަކީ އެއްބަސްވުމެއްގެ ގޮތުގައި ޓީއެމްއޭ އިން ގަބޫލުކުރި ނަމަވެސް ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި އެއީ އެއްބަސްވުމެއް ނޫނެވެ. ސަރުކާރުގެ ނިންމުމަކީ، ޓީއެމްއޭ އިން މިހާރު ބޭނުންކުރާ ވަރުގެ ޖާގައެއް އެ ކުންފުންޏަށް ދޫކުރުމެވެ. އެހެންކަމުން މިހާރު އޮތީ، ޓީއެމްއޭ އިން ބޭނުންވި ގޮތަށް ދިގު މުއްދަތަކަށް ބޮޑު ޖާގަދީ، އެތަން ކޮންޓްރޯލްކުރަން ފުރުސަތު ނުލިބޭ ގޮތަށެވެ.