ޓީއެމްއޭ އެކަނި އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް 2017 ގައި އެމްއޭސީއެލުން ފެށީ ވެސް އެތަން ހިންގުން އޮޕަރޭޓަރުންނަށް ދޫކޮށްލުމުގެ ވިސްނުމާ އެކުގައި ކަމަށާއި މި ވިސްނުމުގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބި، ޓީއެމްއޭ އަށް ފައިދާވާ ގޮތަށް ގިނަ ކަންކަން ހިންގާފައިވާ ކަން ފާހަގަކުރެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.


ޓީއެމްއޭ އަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ސީޕްލޭން ޓާމިނަލް ދޭން ކުރީގެ ސަރުކާރުގައި ގެންގުޅުނު ވިސްނުން މި ސަރުކާރުން ތަންފީޒުކުރަން އުޅުމުގެ ތުހުމަތުތަކާ އެކު އޭސީސީ އަށް ހުށަހެޅި މައްސަލަ ތަހުގީގުކޮށް ކަމާ ބެހޭ އިދާރާތަކަށް ފޮނުވި 23 ސޮފްހާގެ ރިޕޯޓުގައި އެމްއޭސީއެލުން ހެދި ބޮޑެތި ގޯސްތައް ދައްކާފައިވެ އެވެ. މި ރިޕޯޓް މަޖިލީހާއި އެމްއޭސީއެލާއި ފިނޭންސް މިނިސްޓްރީ އަށް އޭސީސީން ފޮނުވީ ސިއްރު ރިޕޯޓެއްގެ ގޮތުގަ އެވެ. އަދި އެއީ ސިއްރު ރިޕޯޓެއް ކަމަށް ވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އެ ތަހުގީގުގެ މުހިއްމު ހޯދުންތައް މިދިޔަ ބުރާސްފަތި ދުވަހު އޭސީސީގެ ނޫސް ބަޔާނަކުން ނެރެފައިވާތީއާ އެކު، އަދި އާންމުންގެ ފިއްތުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ވަނީ ރިޕޯޓު ވެސް އާއްމުކޮށްފަ އެވެ.

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިިލިއަން ރުފިޔާ) ހޭދަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭ އަށް ދޭން އަޑިއަޑިން ހިންގި، އާއްމުންނަށް ފެންމަތިވި ތުހުމަތުތައް އޭސީސީގެ ތަހުގީގުން ވަނީ ތިލަކޮށްދީފަ އެވެ. އާ ޓާމިނަލް 15 އަހަރަށް ދޫކުރަން އެއްބަސްވުމެއް އެމްއޭސީއެލުން ޑްރާފްޓްކޮށް ހަމައެކަނި ޓީއެމްއޭއާ ހިއްސާކޮށް، އެ ޑްރާފްޓް ފައިނަލް ވެސް ކުރި ކަމަށް އޭސީސީން ބުނެފައިވެ އެވެ. ގާނޫނީ ބުރަދަން ހުރި އެއްބަސްވުމެއްގެ ގޮތުގައި އެ ޑްރާފްޓް ހަދަން އެމްއޭސީއެލާއި ޓީއެމްއޭއާ ދެމެދު ފޯނާއި އީމެއިލުން މުއާމަލާތްތަކެއް ވެސް ހިންގާފައިވާ ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

އޭސީސީގެ ރައީސް ޝިއުނާ އާއި މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

މި މުއާމަލާތުގައި ހިމެނޭ ސިޓީއަކީ "އެއްބަސްވުމެއް" ކަމަށް ބަލައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭގެ ހައްގު ހޯދައިދޭން ވަކާލަތުކޮށްފައިވީ އެ ކުންފުންޏާއި އެމްއޭސީއެލާ ދެމެދު ހިންގި އެއްވެސް މުއާމަލާތަކުން އެއްބަސްވުމަކާ ހަމައަށް ބަދަލުވެފައި ނުވާ ކަން އޭސީސީން ޔަގީންކޮށްދެ އެވެ. މިފަދަ އެއްބަސްވުމުގައި ސޮއިކުރަން ހުރަސް އެޅުނީ އެމްއޭސީއެލްގެ ބޮޑު ހޭދައަކުން ހަދާ ޓާމިނަލް، ދިގު މުއްދަތަކަށް، ކުޑަ އަގެއްގައި ޓީއެމްއޭ ކޮންޓްރޯލްކޮށް، އެ ދާއިރާގެ ވާދަވެރިކަން ނައްތާލަން ކުރި މަސައްކަތާ ދެކޮޅަށް ކުރިމަތިކުރި ފިއްތުންތައް ކަމަށް ބެލެވެ އެވެ.

"އިސްވެ ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއް ޑްރާފްޓްކޮށްފައި ވަނީ ހަމައެކަނި ޓީއެމްއޭއާ އެކުގައި ކަމުގައިވާތީ މިކަމަކީ އެމްއޭސީއެލް އިން އިމާރާތްކުރާ އާ ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ އަށް ނުއަގުގައި ކުއްޔަށް ދީ ޓީއެމްއޭ އަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވެ އެވެ،" އޭސީސީގެ ރިޕޯޓުގައިވެ އެވެ.

ހަމައެކަނި ޓީއެމްއޭގެ ފައިދާ އަށް އެމްއޭސީއެލުން މަސައްކަތްކޮށްފައިވާ ކަމަށް އޭސީސީން ތުހުމަތުކޮށްފައިވާ އިރު، މާލިއްޔަތު ކޮމިޓީގައި އެ ކުންފުނިން އިއްޔެ ބުނެފައި ވަނީ، ސީޕްލޭން ޓާމިނަލް ދޫކުރުމާ ގުޅޭ ބޯޑުގެ މަޝްވަރާތައް ކުރިއަށް ދިޔައީ ޓީއެމްއޭގެ އިތުރުން މޯލްޑިވިއަން ވެސް އެއްބަސްވެވޭ ގޮތަށް ކަމަށެވެ.

ނަމަވެސް އެއްވެސް އިރެއްގައި މުޅި ޓާމިނަލް ޓީއެމްއޭއަށް ދޭކަށް ނުވަތަ ޓީއެމްއޭއަށް ޖާގަ ދޭނެ ވަރާއި މުއްދަތާ މެދު ވެސް، ބޯޑުގެ އެއްވެސް ބައްދަލުވުމެއްގައި މަޝްވަަރާކޮށް، ގޮތެއް ވެސް ނިންމާފައި ނުވާނެ ކަމަށް، ބޯޑު މެމްބަރު ޑރ. އިބްރާހިމް މަހްފޫޒް ވިދާޅުވި އެވެ.

އެކަމަކު އެއީ ދޮގެއް ކަން އޭސީސީގެ ރިޕޯޓުގައި އޮތީ ފެންނާށެވެ. ޖާގަ ދޫކުރާނެ އަގެއްގެ ގޮތުގައި އަކަ މީޓަރަކަށް 10:35 ޑޮލަރު ފުރަތަމަ ކަނޑައެޅި ނަމަވެސް ފަހުން މި އަދަދު ހަތް ޑޮލަރަށް ކުޑަކުރަން ޓީއެމްއޭ އިން ހުށަހެޅި އެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުގައި ނޮވެމްބަރު 28، 2017 ގައި ބޭއްވި އެމްއޭސީއެލްގެ ބޯޑު ބައްދަލުވުމުގައި ސީޕްލޭން ޓާމިނަލުން އޮޕަރޭޓަރުންނަށް ޖާގަ ކުއްޔަށް ދޭން މަޝްވަރާކުރީ އަކަމީޓަރަކަށް 10 ޑޮލަރު (154ރ.) އަށެވެ. މިއީ، އެއާޕޯޓުގެ އެކި ތަންތަނުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކާ އަޅާބަލާއިރު ވަަރަށް ކުޑަ އަގެއް ކަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ލަފާދިން ގޮތަށް، އޭސީސީން ވެސް އެމްއޭސީއެލަށް އަންގާފައިވެ އެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. މަހްފޫޒް، މާލިއްޔަތު ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޒަމް/މިހާރު

އެއާޕޯޓުގައި މީގެ ކުރިން އަދި މިހާރު ވެސް ތަންތަން ކުއްޔަށް ދޫކޮށްފައިވާ އަގުތައް އޭސީސީގެ ރިޕޯޓްގައި ހިމަނާފައިވާ އިރު، އެންމެ ކުޑަކޮށް ވެސް އަކަމީޓަރެއް ދޫކޮށްފައި ވަނީ 28 ޑޮލަރު (431ރ.) އަށެވެ. ވެލާނާ އިންޓަނޭޝަނަލް ޓާމިނަލްގެ އެކި އިމާރާތްތަކުން އޮފީސް ޖާގަ ދޫކޮށްފައިވާ އެވްރެޖް ރޭޓަކީ، އޭސީސީގެ ރިޕޯޓުގައިވާ ގޮތުން ނަމަ، އަކަމީޓަރަކަށް 48 ޑޮލަރު (740ރ.) އެވެ.

ޓީއެމްއޭ އިން އަކަމީޓަރަކަށް އެންމެ ބޮޑު އަގަކަށް 10:35 ޑޮލަރު ޑިމާންޑްކުރި އިރު އެއީ 2017 އިން ފެށިގެން އެމްއޭސީއެލް އިން ހުސް ބިން ކުއްޔަށް ދޫކޮށްފައިވާ ރޭޓު ކަމަށް އޭސީސީން ބުންޏެވެ.

ލައުންޖް ހެދުމަށް ޓާމިނަލުން ރިސޯޓްތަކަށް ޖާގަ ދޫކޮށްފައި ވަނީ އަކަމީޓަރަކަށް 174 ޑޮލަރާއި 314 ޑޮލަރާ ދެމެދުގައި ކަމަށް އޭސީސީގެ ރިޕޯޓުން އެނގެ އެވެ.

އެހެންކަމުން އެމްއޭސީއެލުން ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން މިހާރު ހުށަހަޅާ އަކަ މީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ޖާގަ ކުއްޔަށް ދޫކޮށްފި ނަމަ ކޮންމެ އަކަ މީޓަރަކުން 164 ޑޮލަރާއި 304 ޑޮލަރާ ދެމެދުގެ އަގެއް އެމްއޭސީއެލަށް މަހެއްގެ މައްޗަށް ގެއްލޭނެކަން ފާހަގަކުރެވެ އެެވެ.

އޭސީސީގެ ރިޕޯޓުގެ ތަފްސީލް:

- އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލް ތިން އަހަރަށް ކުއްޔަށް ދޭނެ އުސޫލެއް ބަޔާންކޮށް، އެ އުސޫލުން ޓާމިނަލާއި މެއިޓެނަންސް ރިޕެއާ އެންޑް އޯވަހޯލް (އެމްއާރުއޯ) ކޮމްޕްލެކްސް ދޫކުރަން ރައީސްގެ ލަފާފުޅަކަށް އެދި ޑިސެމްބަރު 24، 2019 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި.

- އެއާޕޯޓުން ކުރިން ޖާގަ ކުއްޔަށް ދޫކޮށްފައިވާ ރޭޓުތަކާ އަޅާބަލާއިރު މާ ކުޑަ އަގެއް ކަން ތަހުގީގަށް ފާހަގަވި.

- އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުން ޖާގަ ކުއްޔަށް ދޭ ރޭޓުގައި، ސީޕްލޭން އޮޕަރޭޝަން ހިންގާ ސަރަހައްދުން ޖާގަ ކުއްޔަށް ދޫނުކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނާ ވާހަކަ އޭސީސީން ގަބޫލެއް ނުކުރޭ. ސީޕްލޭން ޚިދުމަތް ވެސް ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާތީ، އިންޓަނޭޝަނަލް ޓާމިނަލްގެ އަގުތަކާ އެއް ހަމައެއްގައި ސީޕްލޭން ޓާމިނަލުން ވެސް ޖާގަ ކުއްޔަށް ދޫކުރެވޭނެ ކަމަށް ތަހުގީގަށް ބެލެވޭ ކަމަށް އޭސީސީން ބުނޭ.

- އާ ސީޕްލޭން ޓާމިނަލް ހިންގާނެ ގޮތަކާ މެދު ރިސޯޓުތަކުން ހިޔާލު ހޯދިއިރު ގިނަ ބައެއްގެ ތާއީދު އޮތީ އެމްއޭސީއެލުން އެތަން ހިންގަން ކަމަށް ރިޕޯޓުގައިވޭ. ސަބަބަކީ، ސީޕްލޭން އޮޕަރޭޓަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާ އެކު އެކަށީގެންވާ އަގުތަކެއްގައި ޚިދުމަތް ދެމެހެއްޓުން.

އެމްއާރުއޯ ފެސިލިޓީއާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ސިޓީއަކުން ފާހަގަވި ކަންބޮޑުވުންތައް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެ. ފަސް މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ އެތަން މިހާރު ބޭނުންވާ ހަމައެކަނި އޮޕަރޭޓަރަކީ ޓީއެމްއޭ ކަމަށް އެމްއޭސީއެލްގެ 2019 ގެ ސިޓީއެއްގައިވާ ކަމަށް އޭސީސީން ބުންޏެވެ. އެ ސިޓީގައި، އެ އިމާރާތުން އަކަމީޓަރެއް 10 ޑޮލަރުގައި ދޫކުރާނެ ކަމަށް ބުނެފައިވާ އިރު އެ އަގުގައި ދޫކުރުމުން އެމްއޭސީއެލް އަށް ލިބެން އޮތް ބޮޑު ފައިދާއެއް އުނިވެގެންދާ ކަން ފާހަގަކޮށްފައިވެ އެވެ.

އެމްއާރުއޯ ފެސިލިޓީ ކުޑަ އަގެއްގައި ޓީއެމްއޭ އަށް ކުއްޔަށް ދޭން އެމްއޭސީއެލުން އުޅުނީ ވެސް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކަމަށް އޭސީސީން ވަނީ ތުހުމަތުކޮށްފަ އެވެ.

ޓާމިނަލް އެމްއޭސީއެލަށް ހިންގޭނެ، ތައްޔާރުނުވީ!

ސީޕްލޭން ޓާމިނަލް ހިންގަން ދެކޮޅުހަދައި އެމްއޭސީއެލުން ދައްކާ އުޒުރުތަކަށް ވެސް އޭސީސީގެ ތަހުގީގު ރިޕޯޓުން ޖަވާބުތަކެއް ލިބެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުގެ ދަށުން ހާހެއްހާ މުވައްޒަފުން ތަމްރީންކޮށް ތައްޔާރުކުރަމުން އަންނަ ދަނޑިވަޅެއްގައި، ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަންތައް ނަގަންވާނީ އެއާޕޯޓް ތަރައްގީގެ މަޝްރޫ އަށް ހީނަރުކަމެއް ނާންނާނެ ގޮތަށް ކަމަށް އެމްއޭސީއެލުން 2019 ގެ ސިޓީއެއްގައި ބަޔާންކޮށްފައިވެ އެވެ. އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފެށީ 2017 ގައި ކަމަށް ވެފައި އެ ތާރީޚުން ފެށިގެން ވެސް މުވައްޒަފުން ތަމްރީން ކުރި ނަމަ އެތަން ހިންގަން އެމްއޭސީއެލަށް ތައްޔާރުވެވުނީސް ކަމަށް ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމްއޭސީއެލުން އެންމެ ކުރީއްސުރެ ވިސްނުން ގެންގުޅެފައި ވަނީ ސީޕްލޭން އޮޕަރޭޓަރުންނަށް އާ ޓާމިނަލް ހިންގުން ހަވާލުކުރަން ކަމަށް ބެލެވެ އެވެ.

އޭސީސީން ބުނީ އާ ޓާމިނަލް ހިންގަން އެމްއޭސީއެލް ފަދަ ތަޖުރިބާކާރު ބޮޑު ކުންފުންޏަކަށް ތިން އަހަރަށް ވުރެ ކުރު މުއްދަތެއްގައި ވެސް ތައްޔާރުވެވޭނެ ކަމަށެވެ.

އާ ޓާމިނަލުން ލައުންޖް ކުއްޔަށް ދޫކުރުމަކީ ވެސް، އޭސީސީން ބުނެފައިވާ ގޮތުގައި، އެމްއޭސީއެލަށް ފަސޭހަ އިން ކުރެވިދާނެ ކަމެކެވެ. އެކަމަށް ޚާއްސަ ހުނަރެއް ނުވަތަ ފަންނެއް ހުރި މުވައްޒަފުން ހޯދަން ނުޖެހޭނެ ކަމަށާއި ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ އެއްބަސްވުމެއް ހެދުން ކަމަށް އޭސީސީން ބުންޏެވެ.

"އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރާނެ މޮޑެލްއެއް އެމްއޭސީއެލުން މިހާތަނަށް ތައްޔާރުކޮށްފައި ނުވާތީ އާ ސީޕްލޭން ޓާމިނަލްގައި އެމްއޭސީއެލުން ތަންތަން ކުއްޔަށް ދޫކުރުން ފިޔަވައި އާ ޓާމިނަލްގެ އޮޕަރޭޝަންތައް އެމްއޭސީއެލްގެ ދަށުން ހިންގާނެ ގޮތަކާ މެދު އެ ކުންފުނީގެ ކަމާ ގުޅޭ ޑިޕާޓްމެންޓްތަކުން ރޯލް އައުޓް މޮޑެލްއެއް ތައްޔާރުކޮށް އެމްއޭސީއެލަށް އެންމެ ފައިދާ ބޮޑު ގޮތަކަށް އާ ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަންތައް ބައްޓަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އެމްއޭސީއެލަށް އެންގުމަށް ނިންމީ އެވެ،" އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އެމްއޭސީއެލުން ހެދި ގޯސްތައް ދައްކައި އޭސީސީން މިހާރު އަންނަނީ އެކަމުގައި ހިމެނުނު މީހުން ހޯދަން ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.