ހަރު މުދަލެއް ވިއްކައި ގެއްލުންވާ ކަމެއް ނުކުރަން: ސައީދު

އެމްޑީޕީގެ ވެރިކަމުގައި ހުޅުލޭ އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުން ފަދަ ދިވެހިންގެ މިލްކެއް ދިވެހިންނަށް ގެއްލިދާނެ ފަދަ އެއްވެސް ކަމެއް މިނިސްޓަރު ކަމުގައި ހުންނެވި އިރު ނުކުރައްވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލް، އެމެރިކާގެ ބެއިންގެ ބޮޑު ހިއްސާއެއް އޮންނަ ޓީއެމްއޭ އަށް ކުޑަ އަގެއްގައި ދިގު މުއްދަތަކަށް ކުއްޔަށް ދޭން އުޅުނު މައްސަލައިގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، ރޭގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ސައީދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިކުރަން ނިންމި އެއްބަސްވުން ޑްރާފްޓް ކުރަމުން ދިޔައީ އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ސައީދަށް ވެސް އެނގިވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ޓީއެމްއޭ އަށް ޓާމިނަލް ދޭން އުޅުނު މުއާމާލާތްތަކުގައި ވެސް ސައީދު ބައިވެރިވެވަޑައިގަތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލުން ބުނެފައި ވަނީ އާ ޓާމިނަލުން އަކަ ފޫޓަކަށް 10:35 ޑޮލަރުގެ ރޭޓުން 31،000 އަކަ ފޫޓު ޓީއެމްއޭ އަށް ދޫކުރަން އޭރުގެ ސަރުކާރުގެ އެއްވެސް އެންގުމެއް ނުވަތަ އިރުޝާދެއް ވެސް ބޯޑަށް ލިބިފައި ނުވާ ކަމަށެވެ.

އިލްޔާސްގެ ވާހަކަތަކާ ބެހޭ ގޮތުން ސައީދު "މިހާރު" އަށް ވިދާޅުވީ ޓީއެމްއޭ މައްސަލަ އޭނާއާ ގުޅުވުމުގައި ހަގީގަތެއް ނެތް ކަމަށެވެ. ޔާމީންގެ ސަރުކާރުގައި މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ރާއްޖެ އާއި ރައްޔިތުންނަށް ގެއްލުން ނުލިބޭނެ ގޮތަށް، ދިވެހިންގެ އެއްވެސް ހަރު މުދަލެއްގެ އެހެން ބަޔަކަށް ނުދީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު ސުވާލަކަށް ފުރުސަތެއް ނުދެއްވަ އެވެ. އެކަމަކު ސައީދަކީ، ކުރީ ސަރުކާރުގައި ކުންފުނިތައް ބަލަހައްޓަން ހަވާލުކުރި "ސުޕަ ސީއީއޯ"ގެ ތެރެއިން އެމްއޭސީއެލް އާއި އެޗުޑީސީގެ ޒިންމާތަކާ ހަވާލުވެ ހުންނެވި މިނިސްޓަރެވެ. އެެހެންކަމުން އެމްއޭސީއެލްގެ ވިޔަފާރިތަކާ ބެހޭ ކޮންމެ ކަމެއްގައި، ސައީދުގެ ބަހެއް ނެތި، ނުވަތަ އެނގިވަޑައިގަތުމެއް ނެތި، ކުރިއަށް ގޮސްފައި އޮވެދާނެ ކަމަށް، އޭނާއަށް ފާޑުކިޔާ މީހުން ގަބޫލެއް ނުކުރެ އެވެ.

ލަބީބުގެ ތުހުމަތުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ސައީދު ދެއްކެވީ، ކުރީ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް މުޅި ރާއްޖޭގައި ފަތުރާލީ ދިވެހިންގެ ކޮންމެ ހަރު މުދަލަކީ ވެސް ދިވެހިންގެ މިލްކެއްގެ ގޮތުގައި ބަހައްޓާނެ ކަމުގެ ޔަގީންކަމާ އެކުގަ ކަމަށެވެ.

ބްރިޖާއި ހައުސިން މަޝްރޫއުތަކާ އެކު ތަރައްގީގެ މަޝްރޫއުތައް ހިންގައި، އިގްތިސާދީ ދުވެލި ހަރުދަނާކޮށް އަމާޒު ހިފީ ބޮލަކަށް ޖެހޭ އާމްދަނީ 5،000 ޑޮލަރުން 12،000 ޑޮލަރަށް ޖެއްސުމަށް ކަަމަށް ސައީދު ވިދާޅުވި އެވެ. އަދި ޔާމީންގެ ސަރުކާރުން ހިންގި މަޝްރޫއުތައް ފިޔަވައި މިހާތަނަށް މި ސަރުކާރަށް ކުރެވުނު ކަމެއް ނެތް ކަމަށް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރީ ރާއްޖެ ތަރައްގީކުރަން. އަޅުގަނޑު 2013 އިން 2018 އަށް މިނިސްޓަރު ކަމުގައި ހުރި އިރު ރައްޔިތަކަށް އަދި ރާއްޖެ އަށް ގެއްލުންވާނެ ފަދަ ކުޑަ ކަމެއް ވެސް ކޮށްފައެއް ނުވާނެ،" ސައީދު ވިދާޅުވި އެވެ.

އިލްޔާސްގެ ތުހުމަތުތައް އަމާޒު ކުރެއްވުމުގެ ކުރިން ސައީދު ވިދާޅުވެފައި ވަނީ، އާ ސީޕްލޭން ޓާމިނަލް މައްސަލަ ނުނިމިގެން އުޅެނީ މި ސަރުކާރަށް ހިންގަން ނޭނގޭތީ އެވެ.

އާ ސީޕްލޭން ޓާމިނަލް މައްސަލައިގައި ސަރުކާރުގެ ނިންމުމަކީ ޓީއެމްއޭ އާއި މަންޓާއަށް ލައުންޖް ހަދަން މިހާރު ދީފައިވާ ޖާގައަށް ވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމެވެ. ބާކީ ޖާގަ ދޫކުރާނީ އޮންނަ އުސޫލުގެ ތެރެއިން މާކެޓު ރޭޓުގަ އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ނިންމުންތައް ނިންމުމުގައި ބަލާފައި ވާނީ އެމްއޭސީއެލަށް ލިބެން އޮތް އާމްދަނީ އިތުރު ކުރެވޭނެ ގޮތަކަށް އަމަލުކުރުމާ އެކު، ޓޫރިޒަމްގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރު ވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވާނެ ގޮތަކަށް އަމަލު ކުރުމަށް ކަމަށެވެ. މިގޮތުން ޓީއެމްއޭ އާއި މަންޓާ އަށް ޖާގަ ދިނުމަށް ފަހު، ބާކީ ހުރި ޖާގަތައް، ބީލަމުގެ އުސޫލުން އެމްއޭސީއެލުން ހުޅުވާލެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.