އަލިވިލެން މިދަނީ ބާރުވެރިކަމާ އެކު ދިރިއުޅުން ބަދަލުވާނެ ފަތިހަކަށް: ނަޝީދު

އެމްޑީޕީން ރާއްޖެ އަށް ހޯދައިދިން ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައި، އަލިވިލެންމިދަނީ ހައްގު މިންވަރު ލިބި، ދިރިއުޅުން ބަދަލުވާނެ ފަތިހަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން "ރަށްވެހި ފަތިސް" މުޅި ރާއްޖޭގައި އިފްތިތާހްކުރަން އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ކޮށައިމަށައި ބާރުތައް ހަނިކޮށްފައިވާ ލާމަރުކަޒީ ގާނޫނު އަލުން ދިރުވައި މި ސަރުކާރުން ބާރުތައް ދޫކޮށްލާފައިވާ ކަމަށެވެ. ލާމަރުކަޒީ ނިޒާމް ރާއްޖެ އަށް އެމްޑީޕީން ހޯދީ ހިފަހައްޓައި އޮބަހައްޓައިގެން ކުރެވޭނެ ތަރައްގީއެއް ނޯންނާނެތީ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާ ގާއިމްކުރުމާއި ސްކޫލްތަކާއި ބޯޅަދަނޑުތައް އެޅުން ފަދަ ކަންކަން ކޮންމެ ސަރުކާރެއްގައި ވެސް ދައުލަތުގެ ބަޖެޓް ތަންދިން މިންވަރަކުން ހިނގަ އެވެ. އެމްޑީޕީން ގެނެސްދިން ޓެކްސްގެ ނިޒާމުން ދައުލަތަށް އާމްދަނީ ހޯދޭނެ މަގުފަހިކޮށްފައިވާ އިރު، ކުރިން އިޝާރާތް ކުރެއްވީ އާއްމު ވައުދުތަކެއް ކަމަށް ވިދާޅުވި އެވެ.

އަލިމަސްކާނިވަލުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މާލޭގެ މޭޔަރަށް ވާދަކުރައްވާ އަނަސް: ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް ނަޝީދު ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީން މިހާރު ނުކުމެ ތިބީ ތައުލީމީ ދަންމަރު އުފުލުން ކަމަށް ވިޔަސް ސިއްހީ ދުޅަހެޔޮކަމާއި އިޖުތިމާއީ ރައްކާތެރިކަމާއި އިގްތިސާދީ ކަންކަމުގެ ތެރޭގައި އެ ނިޒާމް ފަތުރައި، ފައްކާކުރަން ކަމަށް ވިދާޅުވި އެވެ.

"މި ނިޒާމަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ މުޅި ދިރިއުޅުން ބަދަލުކޮށްދޭނެ ނިޒާމެއް. ދިވެހި ރާއްޖެ އަލިވިލެން މިދަނީ ދިވެހިން އަދި ނުދެކޭ ތަނަކަށް. ހަގީގީ ބާރުވެރިކަން ތިމަންނާ އަށާއި ތިމަންނާގެ ރަށަށް އަތޮޅަށް ތިމަންނާގެ ސިޓީއަށް ލިބި އެ ބާރުވެރިކަމުގައި ތިމަންނާމެންގެ ދިރިއުޅުން ތަނަވަސްކުރެވޭނޭ ނިޒާމަކަށް،" ނަޝީދު ވިދާޅުވި އެވެ.

"ތަރައްގީގެ އެންމެ ބޮޑު ވަސީލަތް ދިވެހިންނަށް ލިއްބައިދޭ ފަތިހަށް އަޅުގަނޑުމެން މި އަލިވިލެނީ."

އެއީ، ރަން ރީނދޫކުލައިން ޖަރީވެފައިވާ ރަށްވެހި ކަމުގެ ފަތިހެއް ކަމަށާއި އެހެން ބައެއްގެ ހައްގެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ ހިންގަމުން އައީ ދިވެހިން ހިފަހައްޓައި އޮބަހައްޓައިގެންނެވެ. އެކަމަކު އެ މިންވަރު ހައްގުކަމުގައި ދެކި ވެރިންނަށް ކުރުނީސްކޮށް ފަހަތަށް ޖެހޭނެ ދިވެހިންނެއް މިހާރަކު ނެތް ކަމަށް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އޮބަހައްޓާ ނިޒާމެއް ނޫން ކަމަށާއި ކުރިއަރައި ދާން ދޫކޮށްލާ ނިޒާމެއް ކަމަށެވެ. ދިވެހިންނަށް ހައްގު މިންވަރާ ގުޅިފައި އޮތީ މި ނިޒާމް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އެމްޑީޕީގެ ވާދަވެރިން މި ނިޒާމަށް އިންކާރުކޮށް، ގަދަފައިވިއްދި ސަބަބު ރައްޔިތުން ހަނދާން ނުނެތޭ ކަމަށާއި މިހާރު ވެސް އިދިކޮޅުގެ ވިސްނުމަކީ އެއީ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ނިޒާމް ވުޖޫދުވީ، ރީނދޫ ލަޝްކަރުގެ ޖެހިލުންކުޑަކަމާއި ހިތްވަރުގަދަ ކަމުންނެވެ. އެ ހިސާބުން ވެސް ނުނިންމައި ގާނޫނު ރޫޅާލައި، ކައުންސިލްތަކުގެ ބާރުތައް އުވާލައި ރައީސްގެ މުށުތެރެއަށް ކައުންސިލްތަކުގެ ބާރު ޖަމާކުރި ކަމަށް ވިދާޅުވެ ޕީޕީއެމްގެ ވެރިކަމަށް ފާޑުވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިފްތިތާހްކުރަން ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ ހަލާކުކޮށްލުމުގެ އެންމެ އިސްކޮށް ހުންނެވި ކަމުގެ ތުހުމަތު އެޅުއްވީ މާލޭގެ މޭޔަރަކަށް ޕީޕީއެމުން ކުރިމަތިލައްވާފައިވާ ޑރ. މުހައްމަދު މުއިއްޒަށެވެ. ވަޒީރުކަމުގައި މުއިއްޒު ހުންނެވި އިރު މާލެ އަށް ހެދި ގޮތް ހަނދާން ނުނެތޭނެ ކަމަށާއި ފަސް އަހަރު ވަންދެން މާލޭ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލި ކަމަށް ވިދާޅުވި އެވެ.

"މާލެ ހަލާކުކޮށްލުމުގެ މޭސްތިރިއަކީ މި ދަންނަވާ ހޮޅި މުއިއްޒު، އޭނާ އަކަށް މާލޭ މީހުން ވޯޓެއް ނުދޭނެ،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ބްރިޖު އޯކޭ ނޫން ކަމަށް އެއް އިރެއްގައި ވެސް އެމްޑީޕީން ނުބުނާ ކަމަށާއި ގޯހޭ ބުނީ ވައްކަމަށް ކަމަށެވެ. މިފަހުން އެންމެ ހޫނުވި އެއް މައްސަަލަ ކަމަށްވާ، ވެލާނާ އެއާޕޯޓުގައި ހަދާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމާ ގުޅޭ ގޮތުން ވެސް ޕީޕީއެމަށް ބަހުގެ ހަމަލާތައް އަމާޒު ކުރެއްވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ މުޅި ޓީއެމްއޭ އަށް އެއާޕޯޓް ހިބައިން ދިނުން އޯކޭއެއް ނޫނޭ. ވަޒީރުންގެ މަޖިލީހުގައި ތިއްބަވާފައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގައިގެން މުޅި އެއާޕޯޓް ދިނުން އޯކޭއެއް ނޫނޭ،" ނަޝީދު ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗް ކުރަން އެމްޑީޕީން ބޭއްވި ޖަލްސާ: --ފޮޓޯ: ނިޝާން އަލީ/މިހާރު

އެޕްރީލް 4 ގައި އޮންނަ ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ގޮނޑިތައް ނުދޭން ގޮވާލައްވައި ވިދާޅުވީ އެގޮތަށް ހަދައިފި ނަމަ އެއީ ޑްރެކިއުލާއާ، ބްލަޑް ބޭންކް ހަވާލުކުރުން ފަދަ ކަމެއް ކަމަށެވެ. ކައުންސިލް އިންތިޚާބު އެމްޑީޕީގެ ކޮޅަށް ނިމިއްޖެ ކަމަށާއި ނ. ކުޑަފަރީ ފަދަ ރަށްތަކުގެ މެޖޯރިޓީ ލިބި ފެންނަނީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ބާރުތައް ދިނީ ބޮޑު ބަޖެޓަކުން ރައްޔިތުންނަށް މަޝްރޫއުތައް ހިންގައި ގުދުރަތީ ވަސީލަތްތަކުގެ ނަފާ ރަށުގައި ހިފަހައްޓަން ކަމަށެވެ. މިކަން މިގޮތަށް ހިންގަން އިދިކޮޅަށް ނޭނގޭނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެންމެ ކުޑަ އުޖޫރަވެސް ދޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން. ސާވިސް ޗާޖު ވެސް ރަނގަޅަށް ދޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން،" ނަޝީދު ވިދާޅުވި އެވެ.