ޗައިނާ އިން އައި ދެ ދިވެއްސަކު ކަރަންޓީން ކޮށްފި

ނުރައްކާތެރި ކޮރޯނާވައިރަސް ފެތުރެމުން ދާ ޗައިނާ އިން ރާއްޖެ އައި ދެ ދިވެހިން މިއަދު ކަރަންޓީނު ކޮށްފި އެވެ.


ޗައިނާ އިން އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީނު ކޮށްފައި ބެހެއްޓުމަށް ރާއްޖެ އާއި ގިނަ ގައުމުތަކުން ވަނީ ނިންމައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޗައިނާ އިން މިއަދު ރާއްޖެ އައި ދެ ދިވެހިންގެ ވެސް ކޮރޯނާ ވައިރަހުގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށެވެ. އެ ދެ މީހުން ކަރަންޓީން ކުރީ، ކޮރޯނާވައިރަހާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ އުސޫލަށް ތަބާވުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޗައިނާ އިން ރާއްޖެ އައި ބައެއް މީހުންގެ ތެރެއިން ކޮރޯނާވައިރަހަށް ޝައްކު ކުރެވުނު ހަތް މީހެއްގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރި އެވެ. ރާއްޖެ އިން އޭރު ޓެސްޓް ކުރެވެން ނެތިގެން އެ ޓެސްޓްތައް ކުރީ އިންޑިއާގެ ޕޫނޭ އަށް ފޮނުވައިގެންނެވެ. އެކަމަކު ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ ގޮތް މިހާރު ވަނީ އައިޖީއެމްއެޗްގައި ގާއިމްކޮށްފަ އެވެ. ޓެސްޓުގެ ނަތީޖާ 10-12 ގަޑިއިރުގެ ތެރޭގައި ލިބޭނެ އެވެ.

ރޯގާ އެންމެ ބޮޑަށް ފެތުރެން ފެށި ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެހިން، އިންޑިއާގައި ކަރަންޓީން ކުރުމަށްފަހު މިދިޔަ ހަފްތާގައި ވަނީ ރާއްޖެ ގެނެސްފަ އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ގައުމުތަކުގައި އިތުރުވެފައިވާ އިރު މި ބަލީގައި ޗައިނާ އިން މަރުވި މީހުންގެ އަދަދު ވަނީ 2,627 އަށް އަރައިފަ އެވެ.