ޔާމީނާ ސުވާލުކުރީ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތާއި މަނީލޯންޑަރިންގެ ތުހުމަތުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ 1.4 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ސުވާލުކޮށް ބަޔާން ނަގަން ކަމަށާއި ޝަރީއަތުގައި އޮތް މައްސަލައެއްގައި ޔާމީނާ ސުވާލު ނުކުރާ ކަމަށް ބުނެ އެ މަނިކުފާނުގެ ވަކީލުންނަށް ފުލުހުން މިރޭ ރައްދު ދީފި އެވެ.


މިހާރުވެސް މަނީ ލޯންޑަރިންގެ ކުށެއް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުރި ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ތިން ގަޑިއެއްހާއިރު ސުވާލުކުރި އެވެ. އޭގެ ފަހުން ޔާމީންގެ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައި ވަނީ ޔާމީނާ ސުވާލުކުރީ އެ މަނިކުފާނަށް ސާބިތުވެ މިހާރު އިސްތިއުނާފު މަރުހަލާގައި އޮތް މަނީ ލޯންޑަރިންގެ ކުށާ ގުޅިގެން ކަމަށާއި އާ މައްސަލައެއްގައި ފުލުހުން ޔާމީނާ ސުވާލު ނުކުރާ ކަމަށެވެ.

މި ވާހަކަ ދޮގުކޮށް ފުލުހުން ނެރުނު ބަޔާނުގައި ތުހުމަތުތައް ވަނީ ހާމަކޮށްފަ އެވެ.

ޔާމީން ކުރާ އެއް ތުހުމަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރިސޯޓް ތަރައްގީކުރުމަށް ފަޅުތަކާއި ރަށްތައް ކޮރަޕްޝަން ހިމެނޭ ގޮތަށް އެކި ފަރާތްތަކަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 77،504،912 ޑޮލަރު (1 ބިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކުރުމެވެ. އަދި ޑޮލަރު ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން 220،704،546ރ. ހޯދައި އެ ފައިސާ އަށް ވެސް ޚިޔާނާތްތެރިވެ ލޯންޑަކުރި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީން 1،900،000ރ. އަމިއްލަ ފަރާތްތަކަށް ލޯނުގެ ގޮތުގައި ދޫކޮށް އެ ފައިސާ އަށް ވެސް ޚިޔާނާތްތެރިވެ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ވަނީ ސުވާލުކޮށްފަ އެވެ.

ޔާމީންގެ ވަކީލް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ފުލުހުން ބުނީ މިއީ މީގެ ކުރިން ވެސް ޔާމީނާ ސުވާލުކޮށް ތަހުގީގު ހިންގަމުން އަންނަ މައްސަލައެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު (17،239،560ރ.) ހޯދައި އެ ފައިސާ ލޯންޑަކުރި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ހުރިހާ ފައިސާއެއްގެ ޖުމްލަ 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް، ތުހުމަތުކުރެވޭ މީހާ އާއި އެ މީހެއްގެ ވަކީލުންނަށް، ތުހުމަތުތައް ބަޔާންކޮށްދީ ލިޔުމުން ފުލުހުން އެކަން އަންގަ އެވެ. މި އިޖުއަތު ޔާމީންގެ މައްސަލާގައި ވެސް ފުރިހަމަކުރިކަން ވަނީ އެނގިފަ އެވެ. ނަމަވެސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލް ނޫސްވެރިންނަށް ވިދާޅުވީ ޔާމީން ހާޒިރު ކުރީ މިހާރު ވެސް ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ.

"އާ މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ފާހައެއް ނުމެވޭ. މިހާރު ދައުވާކޮށް ޝަރީއަތުގެ، އިސްތިއުނާފްގެ މަރުހަލާގައި ކުރިއަށްދާ ކަންތައްތަކުގެ ހަވާސާގެ ތެރޭގައި މިއަދުގެ ވެސް ތަހުގީގު،" ޖަމީލް ވިދާޅުވި އެވެ.

ފުލުހުން ނެރުނު ބަޔާނުގައި އެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރާ ތަހުގީގުތަކާ ގުޅިގެން ހިންގޭ އިޖުރާއަތު ރައްޔިތުންނަށް އޮޅޭ ގޮތަށް އަދި ފުލުހުންގެ މަސައްކަތާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް އަމަލު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޔާމީން މިހާރު ޖަލުގައި ހުކުމް ތަންފީޒުކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ. މި ކުށުގެ އަދަބަކަށް ފަސް އަހަރަށް ޖަލަށް ލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.