ބާތިލް ވޯޓު މަދުކުރާ އިސްލާހު ތަސްދީގު ކުރައްވައިފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ބާތިލްވާ ވޯޓު މަދުކުރަން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.


ކައުންސިލް އިންތިޚާބުގެ ގާނޫނު ކުރިން އޮންނަ ގޮތުން އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ އިތުރަށް ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާގަ ޖަހާފައިވާ ނަމަ، މުޅި ވޯޓު ކަރުދާސް އެއްކޮށް ބާތިލް ކުރަން ޖެހެ އެވެ. އެހެންވެ، އަންނަ ކައުންސިލް އިންތިޚާބުގައި ބާތިލް ވޯޓު ގިނަވުމުގެ ބިރު އެބައޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ކުރިން އޮތީ ބުނެފަ އެވެ. ސަބަބަކީ ކޮންމެ ވޯޓު ކަރުދާހެއްގައި ވެސް ކައުންސިލްތަކުގެ އެކި މަގާމުތަކަށް ވަކިވަކިން މީހުން އިންތިޚާބު ކުރަން ޖެހޭތީ އެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް އިސްލާހު ގެނައީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ އިތުރަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައިވާ ނަމަ، ބާތިލްވާނީ އެ މަގާމަކަށް ދީފައިވާ ވޯޓު އެކަންޏެވެ. އަދިި އެހެން ވޯޓުތައް ރަނގަޅަށް ދީފައިވާ ނަމަ، މުޅި ވޯޓު ކަރުދާސް އެއްކޮށް ބާތިލް ނުވާ ގޮތަށެވެ.

އެ ބިލް ރައީސް ތަސްދީގު ކުރެއްވީ އިއްޔެ އެވެ.

ގާނޫނުއަސާސީ އާއި ލާ މަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރާ ބައެއް އުސޫލުތަކަށް އޮތީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ކައުންސިލްތަކުގެ ރައީސާއި މޭޔަރުންނަކީ ސީދާ ރައްޔިތުންގެ ވަކި ވޯޓަކުން އިންތިޚާބު ކުރާ ބަޔަކަށް ހެދުމާއި އަންހެން މެމްބަރުންނަށް ވަކިން އިންތިޚާބު ކުރަންޖެހެ އެވެ.

ކައުންސިލް އިންތިޚާބުގައި ބާތިލް ވޯޓު މަދުކުރަން ގެނައި އިސްލާހު ތަސްދީގު ކުރެއްވިއިރު، ކޮރޯނާ ވައިރަސްއާ ގުޅިގެން ކައުންސިލް އިންތިޚާބު ފަސްކުރަން ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ. އެ އިންތިޚާބު ފަސްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް މަޖިލީހުގެ އެދުމުގެ މަތިން ކޮމިޝަނުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.