ބޭރުން އަންނަ ދިވެހިން ގޭގައި އެކަހެރި ކުރަނީ، އެމެރިކާ އިން އަންނަ ދިިވެހިން ކަރަންޓީން ކުރަނީ

ކޮރޯނާވައިރަސްއާ ގުޅިގެން، މިހާތަނަށް ރާއްޖެ އެތެރެވުން މަނާކޮށްފައިވާ ގައުމުތައް ނުވަތަ ސަރަހައްދުތައް ފިޔަވައި އެހެން ގައުމުތަކުން އެތެރެވާ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރި ކުރުމަށާއި އެމެރިކާ އިން އަންނަ ދިވެހިިން އެ މުއްދަތަށް ކަރަންޓީން ކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.


ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން ކުރިން އޮތީ މަނާކޮށްފަ އެވެ. އަދި އެ ގައުމުތަކުން ރާއްޖެ އަންނަ މީހުން 14 ދުވަހުގެ މުއްދަތަށް ދިޔައީ ކަރަންޓީން ކުރަމުންނެވެ. އެކަމަކު، އޭގެ ތެރޭގައި އެމެރިކާ ކުރިން ހިމަނާފައެއް ނުވެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިނޫނާ އަބޫބަކުރު މިއަދު ނެރުއްވި އެންގުމުގައި ވަނީ ރާއްޖެ އަށް މީހުން އައުން މިހާތަނަށް މަނާ ކޮށްފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމުތަކުން އަންނަ ދިވެހިިން ވެސް 14 ދުވަހަށް ގޭގައި އެކަހެރި ކުރުމަށާއި އަދި މިރޭ 12 އިން ފެށިގެން އެމެރިކާ އިން އަންނަ ދިވެހިން އެ މުއްދަތަށް ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރަން އަންގާ ކަމަށެވެ.

އެގޮތަށް އެންގިއިރު، ކަރަންޓީން ނުވަތަ އެކަހެރި ކުރުމުގެ އެންގުމާ ޚިލާފްވާ މީހުން ޖޫރިމަނާކޮށް، އެ މީހުންގެ ނަންތައް އާންމު ކުރަން ވެސް މިއަދު ވަނީ ނިންމައިފަ އެވެ.

ކޮރޯނާ ވައިރަސް ހުރި 13 މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ވިޔަސް، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމަށާއި ފަތުރުވެރިން ރަށްރަށަށް އެރުން މަނާކޮށް އަދި ސްކޫލްތަކާއި އޮފީސްތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.