ކޮވިޑް-19: އިގުތިސާދީ ޕެކޭޖްތަކުގެ ތަފްސީލަށް ސައީދު އެދިވަޑައިގެންފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރޭތީ ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އިިގުތިސާދީ ދަތިކަމަށް ލުޔެއް ހޯދައިދޭން ސަރުކާރުން ތައާރަފްކުރާ އިގްތިސާދީ ޕެކޭޖްތަކުގެ ތަފްސީލް، ރައްޔިތުންގެ މަޖިލީހަށް ހޯދައިދޭން މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެދިވަޑައިގެންފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އާދީއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި ސައީދު އެދިވަޑައިގެންފައިވަނީ ސަރުކާރުގެ އިގުތިސާދީ ޕެކޭޖްތަކާ ބެހޭ ތަފްސީލު ހޯދުމަށް، މާލީ ދާއިރާގެ އިސްފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށެވެ. ސިޓީގައި ސައީދު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ނިންމުންތަކުގެ ސަބަބުތަކާއި އެ ނިންމުންތަކުން، ވިޔަފާރިތަކަށާއި މާލީ ދާއިރާ އަދި ޖުމުލަ ގޮތެއްގައި މުޅި އިގުތިސާދަށް ކުރާނެ އަސަރު ދެނެގަތުން މުހިއްމެވެ.

ވިޔަފާރިތަކަށް 2.5 ބިލިޔަން ރުފިޔާގެ އެހީތެރިކަން ދޭނެ ކަމަށް ސަަރުކާރުންް ބުނި ނަމަވެސް އެކަމާ ގުޅޭ ތަފްސީލު އަދި ނުދޭ ކަަމަށް ވެސް ނަޝީދަށް ފޮނުއްވި ސިޓީގައި ސައީދު ވިދާޅުވެފައިވެ އެވެ.

"...އަދި އެ ފައިސާ ހޯދުމުގައި ސަރުކާރުން އަމަލުކުރާނެ ގޮތުގެ ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ،" ސިޓީގައިވެ އެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން އައުމުން ސަރުކާރުން ވަނީ ވިޔަފާރިތަކަށް ގިނަ ލުއިތަކެއް ދޭން ނިންމައިފަ އެވެ. އެގޮތުން، ރިސޯޓުތަކަށް ކުރިމަތިވި ދަތިކަން ހައްލުކުރަން 30 މިލިއަން ރުފިޔާއާ ހަމަ އަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

މީގެ އިތުރުން މަސްވެރިކަމުގެ އިންޑަސްޓްރީ އަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ދިނުމުގެ ގޮތުން ސްމޯލް އެންޑް މީޑިއަމް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ވެސް އިއުލާނުކޮށްފައިވެ އެވެ.

އެކަމަކު އެ އެހީތެރިކަމާ ބެހޭ ތަަފްސީލްތައް އަދި ހާމައެއް ނުކުރެ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރެމުން ދާތީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަރުގަދަ ފިޔަަވަޅުތައް ވަނީ އަޅައިފަ އެވެ. ބައެއް ގައުމުތަކުން ދަތުރުފަތުރު މުޅިން ހުއްޓައިލި އިރު ރާއްޖޭން ވެސް ވަނީ ގިނަ ސަރަހައްދުތަކަކުން ރާއްޖެ އަށް ދަތުރުކުރުން މަނާކޮށްފަ އެވެ. އެ ފިޔަވަޅުތަކާ އެކު ޓޫރިޒަމަށް ކުރިމަތިވަމުންދާ ހީނަރުކަން މިހާރު ކުރިއަށް ދާ ގޮތަށް ދެމިގެން ހިނގައްޖެ ނަމަ ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު (2.5 ބިލިޔަން ރުފިޔާ) އާއި 446.6 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ) އާ ދެމެދުގެ އަދަދަކަށް މަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.