ކޮވިޑް-19: އެންމެ އިސް އަދި ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން: ރައީސް

ރާއްޖެ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ އިސް އަދި ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަމަށާއި ސަރުކާރުގެ ކަމަކީ އެ މީހުންގެ ލަފަ އާއި އިރުޝާދުތައް ތަންފީޒު ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖެ އަށް ކޮރޯނާވައިރަސް އައި ފަހުން ފުރަތަަ ފަހަރަށް ބޭއްވެވި މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވީ، ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު، ޖެހިގެން އައި ޖެނުއަރީ 6 އިން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފައާ އެކު ފިޔަވަޅުތައް އަޅަން ފެށި ކަމަށެވެ. އަދި ރާއްޖެ އަށް އަސަރު ކުރާނެ މިންވަރު ދައްކުވައިދޭ ރިޕޯޓެއް އޭރު ވެސް އެކުލާވަލައި އެ ރިޕޯޓު މިހާތަނަށް ތިން ފަހަރަށް ރިވައިޒް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އިން ވެސް ކޮވިޑް-19 ބަލީގެ 13 މީހަކު ފެނި މިހާތަނަށް އަށް މީހަކު ރަނގަޅުވެފައިވާއިރު، ދިވެހި ރައްޔިތުން ވެސް ކުރަންވީ ކަމަކީ ސިއްހީ ތަޖުރިބާކާރުންގެ ލަފައާ އެއްގޮތަށް އަމަލު ކުރުން ކަމަށެވެ.

"އެ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ ތިޔަ ބޭފުޅުންނަށްޓަކައި. ތިޔަ ބޭފުޅުން ކޮށްދެއްވަންވީ ކަމަކީ ބޭރަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްދެއްވުން. މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަަބަބުން އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ހުރަސްއެޅޭ ކަން އަޅުގަނޑު ވެސް ގަބޫލުކުރަން،" ކޮވިޑާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި އޮތް މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވި އެވެ.

"ނަމަވެސް ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރައްވަންވީ މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަން. އަދި ހާލަތާ ގުޅޭ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް މިހާރު ވެސް މި އަންނަނީ އަޅުގަނޑުމެން އަޅަމުން."

"އެ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ ތިޔަ ބޭފުޅުންނަށްޓަކައި. ތިޔަ ބޭފުޅުން ކޮށްދެއްވަންވީ ކަމަކީ ބޭރަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްދެއްވުން: ރައީސް

ރައީސް ވިދާޅުވި ގޮތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) ގެ އިތުރުން 47 ދާއިރާއެއް، ކޮވިޑާ ގުޅޭ ތަފާތު މަސައްކަތައް ކުރެ އެވެ. އެ ހުރިހާ ފަރާތްތަކަށް ޖުމްލަ ގޮތެއްގައި އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އެންމެންނަށް އޮންނާނެ ކަމަށެވެ. އެހެންވެ، ސަރުކާރުން ވަކި ކުލައަކަށް، ވަކި ޖަމާއަތަކަށް މި ކަމުގައި ނުބަލާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެއް. މި ތަނުގައި މިހާރު ވެސް ވޮލަންޓިއަރުންނަށް ހުޅުވާލާފައި ވެސް އެބަ އޮތް. ހަމަ ނޯޓު ކުރައްވަމުން ގެންދަވަންވީ. އަޅުގަނޑުމެން ސަރުކާރުގެ ތެރެއިން ވެސް މި އުޅެނީ ވޮލަންޓިއަރުން ނަގައިގެން. އެހެންވީމާ ނޯޓު ކުރައްވައިގެން އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުން އަޅުގަނޑުމެންނަށް އަންގާލީމާ އެކަމުގައި ބައިވެރިވެވޭނެ،" ރައީސް ވިދާޅުވި އެވެ.

މިއީ ބަލި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން

ރާއްޖެ އިން ފެނުނު ކޮވިޑް-19ގެ 13 މީހުންގެ ތެރެއިން މިހާރު ފަރުވާގައި ތިިބީ ފަސް މީހުން ކަމަށް ވާއިރު، ރައީސް ވިދާޅުވީ، އަށް މީހަކު ރަނގަޅުވުމަކީ އެ ބަލި ނުފެތުރޭނެ ކަމަށް ގަބޫލުކުރަންވީ ކަމެއް ނޫން ކަމަށެވެ. ޚާއްސަކޮށް، މުޅި ދުނިޔެ އިން އެ ބަލި ކޮންޓްރޯލް ނުކުރެވެނީސް ރާއްޖެ އަށް އެ ބަލި ނާންނާނެ ކަމަށް އަދިވެސް ދެންނެވެން ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމުގައި އަޅުގަނޑުމެން މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅު،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ މީޑިއާ ބްރީފިން އަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ވާހަކަ ދައްކަވަން ވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ކޮވިޑް ބަލި ފެތުރިދާނެ އެންމެހައި ދޮރުތައް ބަންދު ކުރުމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި އާންމު ވިޔަފާރި އާއި އިގްތިސޯދަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އެ ގެއްލުން ވީ ވަރަކުން ކުޑަކުރާށެވެ.

ރައީސް މިއަދު އިއުލާން ކުރެއްވި ގޮތުން ނަމަ، ވިސާގައި އަންނަ އެއްވެސް ބަޔަކަށް އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އެތެރެއެއް ނުވެވޭނެ އެވެ. ނަމަވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެތެރެކުރުމަށް އޮތް ހުރަސް ނައްތާލުމަށްޓަކައި ޗާޓަރު ފްލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.