މީޑިއާ ކައުންސިލުން އިންސާފުވެރި ވާން ޖެހޭ: ޕީޕީއެމް/ޕީއެންސީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ލިބިފައިވާ ބާރުތައް ބޭނުން ކުރާއިރު ޖަވާބުދާރީވުމުގެ ފުރުސަތު ދީގެން އިންސާފުވެރިކަމާ އެކު އަމަލު ކުރުމަށް އިދިކޮޅު ކޯލިޝަނުން މިރޭ ގޮވާލައިފި އެވެ.


އޮންލައިން ނޫސް "ދިޔަރެސް"ގައި ޖެހި ދެ ހަބަރެއް ނެގުމަށް އެމްއެމްސީން ރޭ އެންގުމުން އެކަން ކުށްވެރިކޮށް ޕީޕީއެމާއި ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެއީ މިނިވަން ނޫސްވެރިކަން ހުއްޓުވައި ނޫސްވެރިންގެ އަނގަ ބަންދު ކުރުމަށް ވަރަށް ބޭއިންސާފުން އެމްއެމްސީން ކުރި ކަމެއް ކަމަށެވެ.

"މިއީ މިނިވަން ނޫސްވެރި ކަމަށާއި ނޫސްވެރިކަމުގެ ދާއިރާގެ މުސްތަގުބަލަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،" އިދިކޮޅު ދެ ޕާޓީގެ ބަޔާނުގައި ވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށްވާއިރު ނޫސްވެރިންނަށް ބިރު ދެއްކުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށެވެ.

ބަޔާނުގައި ވަނީ ނޫސްވެރިކަން ކުރުމަށް ގާނޫނު އަސާސީ ލިބިދީފައިވާ މިނިވަންކަަން ކަށަވަރު ކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ގެނެސް ދިނުމަށް ނޫސްވެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަނިކޮށް ނޫސްވެރިންގެ އަގުވައްޓާލައި ފުރައްސާރަ ކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ އެކްޓްވިސްޓުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެމްއެމްސީން ގެންދަނީ ބައެއް ހަބަރުތައް ނަގާށާއި ބައެއް ހަބަރުތައް "އިސްލާހުކުރަން" އަންގަމުންނެވެ. އަދި ސުރުހީތައް "ކަމުނުދާ" ކަމަށް ބުނެ، އެ ބަދަލުކުރަން ވެސް އަންގަ އެވެ. އެމްއެމްސީގެ ކޮވިޑް-19 ގެ މީޑިއާ ވިލަރެސްކުރާ ކޮމެޓީން ވަނީ "ދިޔަރެސް"ގެ ދެ ހަބަރެއް ނަގަން ރޭ އަންގައިފަ އެވެ. އަދި ވީނިއުސްގެ ހަބަރެއް "އިސްލާހުކުރަން" ވެސް މީގެ ކުރިން އަންގާފައިވެ އެވެ.

އެމްއެމްސީން އެގޮތަށް އަމަލު ކުރާތީ ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ ނޫހެއްގެ ކޮންޓެންޓާ ގުޅުން ހުރި އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ކަންކުރަން އެމްއެމްސީ އަށް ނޭންގޭނެ ކަމަށެވެ. އެހެންކަމުން މިހާރު އެ ކުރަނީ ނޫސްތަކުގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމުގެ މަސައްކަތެއް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.