ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް އަދި އެ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 މާޗް 2020 - 15:16
ކޮވިޑް-19 އާ ގުޅޭ ގޮތުން ނޫސްތަކުގައި (އޮންލައިން މީޑިއާތައް ވެސް ހިމެނޭ ގޮތަށް) ޝާއިއުކުރާ ހަބަރުތައް ގޯސް ކަމަށް ބުނެ ރަނގަޅުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގާ އެންގުންތަކަކީ ނުފޫޒު ފޯރުވުން ކަމަށް ބައެއް މީޑިއާތަކުން ތުހުމަތުކޮށްފި އެވެ.
އެމްއެމްސީން ގެންދަނީ ބައެއް ހަބަރުތައް ނަގާށާއި ބައެއް ހަބަރުތައް "އިސްލާހުކުރަން" އަންގަމުންނެވެ. އަދި ސުރުޚީތައް "ކަމުނުދާ" ކަމަށް ބުނެ، އެ ބަދަލުކުރަން ވެސް އަންގަ އެވެ.
މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް "މިހާރު" އާ ވާހަކަދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ ނޫހެއްގެ ކޮންޓެންޓާ ގުޅުން ހުރި އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ކަންކުރަން އެމްއެމްސީއަށް ނޭންގޭނެ ކަމަށެވެ. އެހެންކަމުން މިހާރު އެ ކުރަނީ ނޫސްތަކުގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމުގެ މަސައްކަތެއް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
އެމްއެމްސީގެ ކޮވިޑް-19 ގެ މީޑިއާ ވިލަރެސްކުރާ ކޮމެޓީން ވަނީ "ދިޔަރެސް"ގެ ދެ ހަބަރެއް ނަގަން ރޭ އަންގައިފަ އެވެ. އަދި ވީނިއުސްގެ ހަބަރެއް "އިސްލާހުކުރަން" ވެސް މީގެ ކުރިން އަންގާފައިވެ އެވެ.
ދިޔަރެސް ނޫހުގެ ވެބްސައިޓުން ނަގަން އެންގި އެއް ހަބަރަކީ، ކޮވިޑް-19އާ ގުޅޭ މައުލޫމާތު ފޯރުކޮށްދެއްވަން ކޮންމެ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ދޮގުހެއްދެވި ކަމަށް ބުނާ ހަބަރެކެވެ. އެ ހަބަރު ބިނާކޮށްފައިވަނީ އައިލެންޑް ސަފާރީ-1 ގައި ތިބި ޓޫރިސްޓުންގެ ތެރެއިން ފުރުވާލި ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ދެ މީހަން ފުރުވާލި ގޮތާ މެދުގަ އެވެ.
އެނގިފައިވާ ގޮތުގައި އެ ހަބަރު ނަގަން އެންގީ މަބްރޫކުގެ ބަހެއް އޭގައި ނެތުމުން ކަމަށް އެމްއެމްސީން ގުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ. ނަމަވެސް އެ ހަބަރުގެ ތެރޭގައި، މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި މަބްރޫކް ދެއްކެވި ވާހަކަތައް ހުރުމުން، އަލުން އޭނާއަށް ގުޅައިގެން ކޮމެންޓް ހޯދަން ނުޖެހޭނެ ކަމަށް، ދިޔަރެސްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
އެމްއެމްސީން ނަގަން ދެން އެންގީ އެ ދެ ޓޫރިސްޓުންގެ ކަރަންޓީންގެ މުއްދަތު ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެ ލިއުނު ހަބަރެވެ.
އެކަމަކު އެ ދެ ހަބަރު ވެސް ދިޔަރެސް އިން ނަގާފައެއް ނުވެ އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ އެކު އެމްއެމްސީން ވަނީ ނޫސްތަކުގެ ކޮންޓެންޓްސްއަށް ސަމާލުވުމަށާއި "ދޮގު" ހަބަރު ނުފެތުރުމަށް އަންގައިފަ އެވެ.
މި މައްސަލާގައި އެމްއެމްސީގެ ބަހެއް ލިބޭތޯ "މިހާރު"ން މަސައްކަތްކުރި އެވެ. އިސް ބައެއް ބޭފުޅުންނަށް މެސެޖްކުރުމުން ވެސް ޖަވާބެއް އަދި ނުލިބެ އެވެ.
އެމްއެމްސީއަކީ ޕްރިންޓް މީޑިއާ އާއި އޮންލައިން މީޑިއާތަކުގެ ކޮންޓެންޓްސްތަކާ ބެހެން ހަދާފައިވާ ކައުންސިލެއް ނޫނެވެ. އެކަމަކު އެއްވެސް ކޮންޓެންޓަކާ ގުޅޭ ގޮތުން މީހަކު މައްސަލައެއް ހުށައަޅައިފި ނަމަ އެކަން ތަހުގީގުކުރުމުގެ ބާރު ލިބިފައިވެ އެވެ. އޭގެ މާނައަކީ، ބައެއް ނޫސްވެރިން ބުނި ގޮތުގައި، މީޑިއާތަކުގައި ދުވަހުން ދުވަހަށް ޖަހާ ކޮންޓެންޓްސްގައި ހުރި "ކުށްތައް" ބަލައި، އެކަން "ރަނގަޅުކުރަން" އެންގުމެއް ނޫނެވެ.
After one of our journalists had asked two questions at tonight's press briefing, @mmc_mv contacted us and asked for the removal of 2 articles from our website. We have refused to do so.
— Dhiyares (@DhiyaresNews) March 28, 2020
މީޑިއާއެއްގެ އިސް ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ، ނޫހެއްގައި ޖަހާ ހަބަރެއް، އެއާ ބެހޭ ގޮތުން އެއްވެސް ތަހުގީގެއް ނުނިންމާ، ނަގަން އެމްއެމްސީން އެންގުމަކީ މައްސަލައެއް ކަމަށެވެ.
"ކަންބޮޑުވުންތައް ހުންނާނެ. އެކަމަކު އަޅުގަނޑުމެން ވެސް ހުރިހާ ކަމަކަށް ބަލާފައި، ވީހާ ވެސް އަވަހަކަށް ހަބަރު ޕަބްލިޝް ކުރަން ބޭނުންވާނީ. މީޑިއާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ހިތްހަމައެއް ނުޖެހޭ ލިޔުމެއް ނަގަން އަންގާކަށް،" އޭނާ ވިދާޅުވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ، އާއްމު ސިއްހަތުގެ ގާނޫނުގައި ވެސް، އެފަދަ ދަނޑިވަޅެއްގައި މީޑިއާއާ ބެހޭ ވަކި ހާއްސަ ކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ.
އެމްއެމްސީގެ ގާނޫނުގައި އެ ކައުންސިލަށް މަތިކޮށްފައި އޮތް އެއް ކަމަކީ މީޑިއާގައި ޝާއިއުކުރާ އެއްޗަކާ ބެހޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފާހަގަކުރެވޭ ނުކުތާތައް އާއްމުކޮށް އިއުލާންކުރުމެވެ. ހަބަރެއް ނަގަން ނުވަތަ އިސްލާހުކުރަން އަންގަން ޖެހޭނީ، އެ ކައުންސިލަށް ހުށަހަޅާ މައްސަލައެއް ބަލާ ނިންމައި، އެއީ އެފަދަ ފިޔަވަޅެއް އަޅަން ޖެހޭ ފަދަ އެއްޗެއް ނަމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސްކިޔަމީހެއް
29 March 2020
އެއްްވެސް ނޫހަކުން އާންމުންނަށް ދޮގު ހަބަރު ނުފެތުރުމަށް ވަރަށް އެދެން.
އަލިފުޅުބެ
29 March 2020
ޢެއްވެސް ޖެހިލުމެއްނެތި ވީހާވެސް ބޮޑަށް ކަންކަން ރައްޔިތިންނަށް ތިލަކޮށްދީ. ޢިންވެސްޓިގޭޓް ޖޯނިލަޒަމަކީ މިވަތު ވަރަށް މިހިއްމު ކަމެއް. ޢެއްވެސް ފަރާތަކަށް ކަންކަން ފޮރުވާ ސިއްރުކޮށް އޮމާންކުރަން ފުރުސަތު ދީގެން ނުވާނެ. ރައްޔިތުންނަށް ވާނުވާ އެގެން ޖެހޭ. ދެން ގޮތް ނިންމާނީ ރައްޔިތުން. މީ ސީރިއަސް ދުވަސްކޮޅެއް
ހިބަރުވަދު
29 March 2020
ފުރުވާލަންޖެހޭ މީހުން ފުރުވާލާނެގޮތެއް ކަނޑައެޅިފައޮތީ ކޮންޤާނޫނެއްގައި ހެއްޔެވެ؟ އައިލެންޑް ސަފާރީގެ ދެމީހަކު ފުރުވާލަންޖެހުނުގޮތާއި ކަންވީގޮތް މަބުރޫކު އޮތީ ނޫސްވެރިންނަށް ކިޔާދީފައެވެ. ދެން ބައެއް ނޫސްވެރިން އެވާހަކަ ދޮގޮކޮށް ލިޔާކަށް ނުޖެހެއެވެ. ނޫސްވެރިންވެސް ޤައުމުގައި ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ ރަނގަޅުކަމެއްނޫނެވެ. ކޮވިޑް19 އާގުޅޭގޮތުން ކޮންމެދުވަހަކު ދެފަހަރު ރައްޔިތުންނަށް މަޢުލޫމާތު އެބަލިބެއެވެ.
ރމަން
29 March 2020
ހިބަރު ތިއޮތީ ވަދުގަ ޖެހިފަ!
ރަދީފް
29 March 2020
ސެލްފް ޕްރޮކްލެއިމްޑް ޖާނަލިސްޓްސް.
Juhaa
29 March 2020
ނޫސްނޫހުގައި ބަހުގެ ލަފުޒުތަކާއި މީސްމީހުންގެ ނަމާ އެއްޗެހި ރަނގަޅަށް ނުލިޔަންޏާ، އަދި ބަހުގެ ހަމަތަކާ ޚިލާފަށް ލިޔަންޏާ އެކަންކަން އިސްލާހުކުރަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެންގޭނެ. ރަނގަޅަށް އެއްޗެއް ލިޔަން އެނގޭ އެއްވެސް ނޫހެއް މިހާރު މި ރާއްޖެއަކު ނެތް. ތިޔަ ނޫސްތަކާ ހެދި ދިވެހިބަސް މިހާރު ހަލާކުވަމުން އެދަނީ.
ބަކުރުބޭ
29 March 2020
ނޫސްތަކުގައި ލިޔާއެއްޗެއް އެނގޭނީ ލިޔާ މީހާއަށް. އޭނާ ލިޔަންވާނީ އެއްވެސް މޯީީހެއްގެ ނުފޫޒެއް ނެތި
ބުއްޅަބޭ
29 March 2020
އެހާރާއި މިހާރުގެ ތަފާތަކީ ކޮބާ؟!
ޖަވް
29 March 2020
ދޮގުހަބަރު ނުފެތުރޭނެ.
aann
29 March 2020
ޚާއްސަކޮށް މި ދަނޑިވަޅުގަ
ފުތު
29 March 2020
މި ސަރުކާރުގެ ޕަޕެޓުން ހުރިހާ މުއައްސަސާއެއްގަ. ވަރަށް މިނިވަކަމް ލިބިއްޖޭނުން ހުރިހާ ނޫހެއްގަ ޖެހޭނީ ސޯލިހު ސަރުކާރު ވަރަށް ބަރާބަރު ކަމަށް ލިޔަން
ވަމީން
29 March 2020
މީޑިއާ ކައުންސިލްގައި ތިބިމީހުނަށް ހުރިހާކަމެއް އެނގޭނެ...އެކަމު ގޮޑި ލިބުނީ ސިޔާސީގޮތުން ވީމަ ސިޔާސީގޮތުން އަންނަ ފިއްތުން އެއީ..މިނިވަން މުއައްސަސާތައް އޮންނާނީ ނަމުގެ ކުރިޔަށް މިނިވަން...
ހައްވަ
29 March 2020
ސިޔާސީ ގޮތުން ލިބުނު ގޮނޑިއެއް ނޫން. ނޫސްތަކުގެ ވެރިންނާއި ނޫސްވެރިން ވޯޓުލައިގެން ހޮވާފަ ތިބި މީހުން އެމްއެމްސީގައި ތިބޭނީ