އަލާމާތެއް ނުފެނޭ، އެކަމަކު ކޮވިޑް-19 އަށް ޓެސްޓްކުރަން އަޅުގަނޑު ތައްޔާރު: ނަޝީދު

މި ފަހުން އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފައި ވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައެޅި އުސޫލާ އެއްގޮތަށް ކޮވިޑް-19 އަށް ޓެސްޓްކުރަން ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 ފެތުރުނަ ނުދޭން ކުރާ މަސަައްކަތުގައި ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް ޓީމް) އިން ދިން ލަފަޔާ އެއްގޮތަށް އެޗުޕީއޭ އިން ނިންމާފައި ވަނީ މާޗް 14 އިން 19 އާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެއަށް އައި އެންމެންވެސް ޓެސްޓް ކުރުމަށެވެ. އެގޮތަށް ނިންމީ އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން ދިވެއްސަަކު، ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވުމުންނެވެ. އެކަމަކު އެ އެންމެން ތިބީ އައި ގޮތަށް، ކަރަންޓީންގަ އެވެ.

އެޗުޕީއޭ އިން ކަނޑައެޅި މުއްދަތު ދިމާވަނީ އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ނަޝީދު އެނބުރި ވަޑައިގެންނެވި ދުވަހާ އެވެ.

އާ އުސޫލާ އެއްގޮތަށް ނަޝީދުގެ ޓެސްޓް ކުރާނެތޯ، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ސުވާލު ކުރުމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެ މުއްދަތުގައި ރާއްޖެ އައި އެެންމެން ވެސް ޓެސްޓްކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް ފަށާފައިވާ ޖަލްސާގެ މިއަދުގެ ސެޝަންގައި ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ހުންނެވީ ޓެސްޓްކުރަން ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ.

އެކަމަކު މާޗް 14-19 އަށް އިނގިރޭސި ވިލާތުން ރާއްޖެ އައި މީހުން ޓެސްޓް ކުރަން ނިންމި ނިންމުން ބިނާކުރީ ސައިންސްޓިފިކްގެ ގޮތުން ކޮން ހަމަޔަކުންތޯ އެ މަނިކުފާނު ސުވާލުކުރެއްވި އެވެ.

"ޕަބްލިކް ހެލްތުން [ހެލްތު ޕްރޮޓެކްޝަން އެޖެންސީން] އެދޭ ނަމަ ޓެސްޓްކުރަން އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް ތައްޔާރަށް. އަޅުގަނޑު ޓެސްޓްކުރަން ތައްްޔާރަށް ހުރި އިރު ވެސް ޕަބްލިކް ހެލްތުގައި ޑޮކްޓަރުން ކައިރީގައި އަޅުގަނޑު އަހާލަން ބޭނުންވާނެ [މާޗް] 14 ވަނަ ދުވަހުގެ ތާރީހަށް ތިޔަ ބޭފުޅުން ތިޔަ ނިންމެވީ ކޮން ސައިންޓިފިކް ރޭޝަނާލެއްގެ މައްޗަށް ބިނާކޮށްފައިތޯ،" ނަޝީދު ވިދާާޅުވި އެވެ.

ރާއްޖެެ އިން މިހާތަނަށް ކޮވިޑް-19 އަަށް ޕޮޒިޓިވް ވީ 18 މީހެކެވެ. އޭގެ ތެރެއިން އިޓަލީގެ ދެ މީހަކު ވަނީ، ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިން ރާއްޖެއިން އެނބުރި ގޮހެވެ. ބާކީ ތިބި 16 މީހުންގެ ތެރެއިން ތިން ދިވެހިން ފިޔަވައި އެންމެން ވެސް މިހާރު ބަލިން ސަލާމަތްވެފަ އެވެ.

ތިން ދިވެހިންގެ ހާލު ވެސް ރަނގަޅެވެ.