ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދަރުބާރު ގޭގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
07 އެޕްރީލް 2020 - 20:10
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާންކުރި ސްޓިމިއުލަސް ޕެކޭޖުން ރިސޯޓަކަށް ގިނަވެގެން ދޫކުރާނީ 7.7 މިލިއަން ރުފިޔާ އަދި އެހެނިހެން ކޮންމެ ވިޔަފާރިއަކަށް އެއް މިލިއަން ރުފިޔާ ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ވަނީ ސަރުކާރުގެ މި ޕެކޭޖާ ބެހޭ މައުލޫމާތުތައް އާންމުކޮށްފަ އެވެ. އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށާއި އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަތީގެ އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި، ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި މުވައްޒަފުންގެ ތެރޭގައި ދިވެހި މުވައްޒަފުންގެ ނިސްބަތަށް ބަލާނެ އެވެ. އެގޮތުން 45 ޕަސެންޓް ނުވަތަ އެއަށްވުރެ މަތިން ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ ލޯނު ދޫކުރުމުގައި އިސްކަން ދޭނެ ކަމަށް ބަޔާނުގައި ވެ އެވެ.
މީގެ އިތުރުން ރިސޯޓް ނުވަތަ ވިޔަފާރީގެ ނޮން-ފާފޯމިން އެސެޓްސް ނެތްތޯ އާއި، މިދިޔަ އަހަރު ވިޔަފާރިއަށް ފައިދާވުން ވެސް ޝަރުތެއްގެ ގޮތުގައި ހިމަނާފައި ވެ އެވެ ހަމަ އެހެންމެ، ކުރިއަށް އޮތް ތިން އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯ ބަލައި، އެކަންތައްތަކަށް ވެސް ލޯނު ދޫކުރާއިރު އިސްކަން އިސްކަންދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ލޯނު ދޫކުރާއިރު އެންމެ އިސްކަމެއް ދޭނީ، މުވައްޒަފުން ގެންގުޅުމުގަ އެވެ. މި ކާރިސާގެ ތެރޭގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، ނުވަތަ ނޯޕޭ ލީވްއަށް ދާން މަޖުބޫރުކޮށްފައި ވާނަމަ އެ ފަރާތަކަށް ލޯނެއް ނުލިބެ އެވެ.
ރިސޯޓުތަކަށް ދޫކުރާ ލޯނާއި 10 މިލިއަން ރުފިޔާ އަށް ވުރެ މަތީގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން ލޯނަށް ހުށަހަޅަން ޖެހެނީ ބީއެމްއެލް އަށެވެ. މިއީ ހަ ޕަސެންޓް އިންޓްރެސްޓްގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ތިން އަހަރުން ދައްކަން ޖެހޭ ލޯނެކެވެ. އެހެންނަމަވެސް ހަ މަސް ދުވަހުގެ އިންޓްރަސްޓް އަދި ޕްރިންސިޕަލް ވެސް އަނބުރާ ދައްކާކަށް ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަމިއްލަ ކުދި ވިޔަފާރިތައް ނުވަތަ 10 މިލިއަނުން ދަށުގެ އާމްދަނީގެ ވިޔަފާރިތަކަށް ލޯނުތައް ދޫކުރުމަށް ހަމަޖައްސާފައި ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. އެ ފަރާތްތަކަށް ލޯނު ދޫކުރާއިރު، މުވައްޒަފުން ވަޒީފާއިން ވަކިނުކުރުން ވެސް ޝަރުތެއްގެ ގޮތުގައި ހިމަނާފައި ވެ އެވެ.
މި ހުރިހާ ލޯނަކަށް ވެސް މާދަމާ ހުށަހެޅޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެ އަށް ވެސް އިގްތިސޯދީ އަޑިގަނޑަކާ ކުރިމަތިވެފައިވާއިރު، މި އަޑިގަނޑުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން ބޭންކުތަކުގެ ލޯނުތައް ދެއްކުން ފަސްކޮށްދިނުމާއި، ފެނާއި ކަރަންޓު ބިލުން ބައެއް ކުޑަކޮށްދިނުމުގެ އިތުރަށް، ވަޒީފާ ނުގެއްލޭނެކަން ކަށަވަރު ކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
08 April 2020
ތިޔަ ސަރުތު ހަމަވާ ކިތަށް ރިސޯޓް ނޫނީ ކުންފުނި މިގައުމުގައި ހުރިތޯ ބަލައިދީބަލަ؟ %45 މަތިން ދިވެހީން ގެންގުޅޭ 50 ކުންފުނި މިގައުމުގައި ހުރުންވެސް ނާޒިރު ދެވަނަ ސަރުތު ވިޔަފާރީގެ ނޮން-ފާފޯމިން އެސެޓްސް ނެތް ކުންފުނިވެސް ބަލައިބަލަ 50 ތަން ހަމަވޭތޯ، ތިންވަނަ ސަރުތު މިދިޔަ އަހަރު ވިޔަފާރިއަށް ފައިދާވީ 50 ކުންފުނި ހަމަވޭތޯ ވެސް ބަލައިބަލަ، އޯވަރޯލް 1 މިލިއަން ލޯނު ނަގައިގެން މެދުފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުން ފުލެއްނުބެއްދޭނެ، އިތުރަށް ދަރާ
ދަނބުކުޅިމާ
08 April 2020
ކުދި ވިޔަފާރިތަކަށް 1 މިލިއަން ދެން ބޮޑެތި ވިޔަފާރިތައް އިނދަޖެހުނަސް ކުރާނެ ކަމެއް ނެއް ދޯ!!!!
މުށި
08 April 2020
އިކޮނޮމިކް ޕެކޭޖް ދޭންޖެހެނީ ވަޒީފާ ގެއްލުނު މީހުންނާއި، މުސާރައިން އުނިކުރި މީހުންނާއި، ޓެކްސީ ޑްރައިވަރުންނާ މަސްވެރިން ފަދަ އާމްދަނީ ގެއްލުނު މީހުންނާ، ދަނޑުވެރިންނަށް. ރިސޯޓުތަކާއި ވިޔަފާރިވެރިން އަމިއްލަޔަށް ގޮތް ހޯދާނެ.
ޢީދުގެ
08 April 2020
ބަރާބަރު ވާހަކައެއް
ާއުނިމާ
08 April 2020
ތިޔައީ އިންސާފެއްނޫން! ބޮޑުންނަށް މޮޅުގޮތް!
ބޮޑު ވަޒީރު
08 April 2020
1 މިލިޔަން ރުފިޔާއައް ކުރެވޭނެ ކަމެއް އަމީރު ބުނެބަލަ
އިބުރާ1
08 April 2020
ކުދި ވިޔަފާރި ތަކަށް 1 މިލިއަން؟ މީ އަޅެ ޖޯކެއްތަ؟ 1 މިލިއަނުން މިޒަމާނުގަ ކުރެވޭނީ ކޮން ކަމެއް. 1 މިލިއަން ރަނގަޅު ވާނެ ކުރުނބާ ގާޑިޔަލެއް ހިންގާ މީހަކަށް ދޭން. އަހަރުމެން ގެ މަސްދުވަހުގެ މުސާރަ ޚަރަދުވެސް ތީގެން ނުފުދޭނެ! ޥަރަށް ސަލާމް. އަހަރުމެން ތިޔެއްބޭނުމެއް ނޫން. މުސާރަ ނުދެވޭނަމަ މުއައްޒަފުން މަދުކުރާނީ.
ހަބީބާ
08 April 2020
ކެ ކެ ކެ. ރަނގަޅު. ނުނަގާތި. މަހަކު 1 މިލިއަން މުސާރައަށް ޚަރަދު ކުރަންޏާ ތީކީ ކުދި ވިޔަފާރިއެއް ނޫން. ތީ ބޮޑެތި ވިޔަފާރި.
އަހުމަދު ނަސީރު ރ.މީދޫ
08 April 2020
ތިޔަދޭ 7 މިލިއަން ރުފިޔާއަކީ ރިސޯޓުތަކަށް ހުވަނދަކަށްވެސް ނުވާނެ. 15 ދުވަހުގެ އަންދާ ތެލަށް އެކަނިވެސް ތިވަރު ނުފުދޭނޭ
އެހެންތޯ
08 April 2020
މި ޕެކެޖުގެ ބޭނުމަކީ ހަމައެކަނި އޭގެން ޚަރަދު ބެލެހެއްޓުމެއް ނޫން. މުސާރަ ދިނުން އޭގެ ޓާގެޓަކީ. ވަޒީފާ ހިފެހެއްޓުން.
ފަލްސާން
08 April 2020
ކުދި ވިޔަފާރިތަކަށް ތިޔަ ލޯން ނުދޭނެ...ކުދި ވިޔަފާރި ތަކުގައި ގިނައިން ގެންގުޅެނީ ބޭރު މީހުން..ރިސޯޓްތަކަށް ލިބޭނެ އެ މީހުން ބޭރު މީހުން ގެންގުޅެނީ އޮޅުވާލައިގެން..ހުރިހާ ރިސޯޓެއްގައި ބޭރު މީހުންގިނަ އެކަ މު ލޯން ދޭނެ..ރިސޯޓްތަކުގެ ހަގީގަތް އާއް މުންނަށް ނުފެންނާނެ...ސަރުކާރަށް އެނގޭ ކަ މަކަށް ނުހަދާ...ބޭރު މީހުން ދިވެހިން ގެންގުޅޭ ޕަސެންޓަށް ބަލާފަ ލޯނު ދޭނަ މަ ކުދި ވިޔާފަރިތައް ލޯން މަތިން ހަނދާން ނައްތާލާ..
އަބުޖީ
08 April 2020
ފަސޭހައިން އަވަސްކޮށް ލިބެން ޖެހޭ. އެތައް ބަޔަކަށް ވަޒީފާ ގެއްލުމުގެ ފުރުސަތު ބޮޑު
ބޮޑުމީހާ
08 April 2020
ބަލަ ގިނަ ރިސޯޓުތަކުގަ ތިބި ސްޓާފުން ނޯޕޭއަށް ފޮނުވާފަ ހުރިހާ ރިސޯޓެއް ބަންދުކޮށްފަ އެއޮތީ. ދެން ރިސޯޓަށް ތިހާ ބޮޑު އަދަދުތަކެއް ދޭންޖެހޭ ސަބަބެއް ނެތް. ކުދި ވިޔަފާރިތަކަށް އެންމެ ބޮޑު އަސަރެއްކުރާނީ