ސަރުކާރު ބަންދު ވިޔަސް، ބައެއް ޝަރީއަތްތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައި ވިޔަސް، ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތައް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ، ބަންދާ މެދު ގޮތެއް ނިންމުމާއި ކޯޓު އަމުރު ނެރެ ދިނުން ފިޔަވައި އިތުރު ޝަރީއަތްތަކެއް މިހާތަނަށް ކުރިއަކަށް ނުގެންދެ އެވެ. އެކަމަކު މައްސަލަ ހުށަހެޅުމާއި ބަލައިގަތުމުގެ އިންތިޒާމް އޮތީ ހަމަޖައްސައިފަ އެވެ.

ކްރިމިނަލް ކޯޓުން ނެެރުނު ބަޔާނެއްގައިވަނީ ސަރުކާރު ބަންދު ކޮށްފައި އޮތަސް، ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތައް ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށާއި އެހެންވެ، އެދުވަސްތަކުގެ ހެނދުނު 10 އިން ފެށިގެން މެންދުރު 3 އާ ހަމައަށް އެ ކޯޓު ހުޅުވަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެކަމަކު ޝަރީއަތްތައް ކުރިއަށް ގެންދާނީ ވީހާ ވެސް ބޮޑަށް މީހުން ކޯޓަށް ޖަމާ ނުވާނޭ ގޮތަށް ކަމަށާއި އަދި ޝަރީއަތްތަކާއި ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން އިސްކަން ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ޝަރީއަތްތައް ކުރިއަށް ގެންދަން ނެރޭނީ އެކަމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ކަމަށާއި ދިފާއި ވަކީލުންނަށް ވެސް ވީޑިއޯ ކޮޮންފަރެންސްކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޝަރީއަތްތަކާ ގުޅޭ ލިޔުންތައް މިދުވަސްވަރު ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި އީމެއިލް މެދުވެރިިކޮށް ފޮނުވަން އެދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކްރިމިނަލް ކޯޓުން ވަކި ވަގުތުތަކެއްގައި ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމިއިރު، ދާދިފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިދުވަސްވަރު ޚާއްސަ އުސޫލުތަކެއްގެ ދަށުން ޝަރީއަތްތައް ކުރިއަށް ގެންދަން ކޯޓުތަކަށް އެންގުމަށް ނިންމައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި ދެން ތިން އެންމެން ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު ބާކީ ތިބި ހަ މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކު ވެސް ހިމެނެ އެވެ.