އޭޖީ ރިފްއަތު: ކައުންސިލްތަކުގެެ ދައުރު ދެމިގެންދާ ގޮތަށް ހުށަހެޅި ބިލާ މެދު އޭޖީގެ ލަފައަކަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައި -- ފޮޓޯ/މިހާރު
06 މެއި 2020 - 17:29
ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޚާއްސަ ގާނޫނެއް ފާސްކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލާ މެދު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ލަފައަކަށް އިދިކޮޅު ކޯލިޝަނުން އެދެފި އެވެ.
ކޮވިޑް-19 އާ ހެދި ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހޭތީ އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައި ވަނިކޮށް އެ ބިލުގެ ބަދަލުގައި އެކަމަށް ޚާއްސަ ގާނޫނެއް ގެނައުމުގެ ބިލެއް ސަރުކާރަށް ނިސްބަތްވާ މެމްބަރަކު ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ނުކޮށް، ގާނޫނަކުން އެފަދަ ބަދަލެއް ނުގެނެވޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް މިއަދު ފޮނުއްވި ސިޓީގައިި ވަނީ ކައުންސިލް މެމްބަރުންގެ ދައުރު ގާނޫނު އަސާސީގައި ކަނޑައެޅިފައި ވަނިކޮށް ގާނޫނަކުން އެއަށް ބަދަލު ގެނެވޭނެ ކަމަށް އެ ކޯލިޝަނުން ނުދެކޭ ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އިންތިޚާބު ފަސްކުރަން ޖެހުނަސް. ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމެއް ގާނޫނަކުން ބަދަލު ކުރުމަކީ ދުސްތޫރީ ނިޒާމަށް އެކަމުން އަސަރު ކުރާނެ ކަމެއް ކަމަށްވާތީ އެކަމުގައި ލަފާ ދިނުމަކީ އެޓާނީ ޖެނެރަލްގެ ޒިންމާއެއް ކަމަށް އެ ސިޓީގައިވެ އެވެ.
އެހެންވެ، މިހާރު މަޖިިލީހުގައި އޮތް ޚާއްސަ ގާނޫނުގެ ބިލާ މެދު ގާނޫނީ ލަފައެއް ދެއްވުމަށާއި ގާނޫނު އަސާސީގައި ބަޔާންކުރާ ކަމެއް ކުރަން ހުރަސް އެޅޭ ހާލަތުގައި ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ ގޮތުގެ ލަފައެއް ދެއްވަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން އެގޮތަށް ސިޓީ ފޮނުވިއިރު، އެ ބިލުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އެ ކޯލިޝަނުން އޮތީ ބުނެފަ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާ މަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްސަ ބިލުގެ ނަމުގައި ހުށަހެޅި އެ ބިލް މަޖިލީހަށް މިހާރު އޮތީ ބަލައިގެންފަ އެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާފައިި ވަނިކޮށް އޭގެ ބަދަލުގައި މި ބިލް ހުށަހެޅީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތުމުން ގާނޫނު އަސާސީ މިވަގުތު އިސްލާހު ނުކުރެވޭނެތީ ކަމަށް ބުނެ އެވެ. އެކަމަކު އެކަމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އެޓާނީ ޖެނެރަލް ވެސް އޮތީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންނާނު
06 May 2020
ތީގަވާނެ ގޮތަކީ ތިޔަސޮރަށް ރަނގަޅުގޮތެއްވަންޔާ އެގޮތަކަށް ކަންނިމޭނީ
12 ގަނޑު ޓިނު
06 May 2020
12 ގޮނޑި ގެއްލުވާލީބކޮންއެއްޗެއް އިސްލާހު ކޮށްގެން
ދަންނަ ނުދަންނަ
06 May 2020
ގާނޫނުއަސާސީއާ ޚިލާފުކަން އެންމެންނަށް ސާފުކޮށް އެނގެން އޮންނަ ކަންކަމުގައި ލަފާ ހޯދަންޖެހޭތަ؟ މަޖިލީހަށް ލަފާދެއްވަން ބޮޑު މުސާރަ ދެއްވާފައި ކަމަނާއެއް ބަހައްޓާފައި ހުންނާނެ. އެކަމަނާގެ ލަފާ ހޯދިންތަ. މިހާތަނަށް އެކަމަނާ ދިން ލަފައެއް ހާމަކޮށްފައެއް ނެތް. އޭޖީގެ ލަފައަކާ ހަމައަށް ދާންވާނީ އެކަމަށް ކަނޑައަޅާފައި ހުންނަ މީހާގެ ލަފާ ހޯދުމަށްފަހުގައި ނޫންތަ. ރައްޔިތުން ގުބޯ ހައްދަން ކުރާހައިކަންކަން.
ޢިބޫ
06 May 2020
ތި ކަމުގަ ދައުލަތުން ބަދަލު ދޭންޖެހޭނެތޯ؟ އާމުގޮތެއްގަ ބަދަލުދޭ ކަންކަމުގަ ލަފާދެއްވާ ބޭފުޅެއްކަމުގެ އަޑުތަށް އިވެނީ.
ޟާސް
06 May 2020
ޢޭނަގަ ލަފާ ވަރަށް ސާފް. ނުކެރޭނެ ދެކޮޅަށް އެކެއްޗެކޭ ބުނަންވެސް