އައްޑޫ ހޮސްޕިޓަލަށް ސުވާދިވް ކެފޭ އިން 300 މާސްކް ހަދިޔާކޮށްފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް، ހިތަދޫގެ ރެސްޓޯރަންޓަކުން ރޭ މާސްކް ހަދިޔާކޮށްފި އެވެ.


އައްޑޫގެ މަޝްހޫރު ރެސްޓޯރަންޓަތަކުގެ ތެރޭގައި ހިމެނޭ "ސުވާދިވް ކެފޭ" އިން ހޮސްޕިޓަލަށް ހަދިޔާކޮށްފައި ވަނީ 300 ސާޖިކަލް މާސްކެވެ. މި ތަކެއްޗާ ހޮސްޕިޓަލްގެ ފަރާތުން ހަވާލުވެވަޑައިގަތީ މެނޭޖަރު ޝަރަފުއް ސާދާތެވެ. ހޮސްޕިޓަލުން ވަނީ ސުވާދިވުން ދިން އެހީ އަށް ޝުކުރު ވެސް އަދާކޮށް، މިއީ މި ދަތި ދަނޑިވަޅުގައި ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށް ބުނެފަ އެވެ.

"ސުވާދިވް ކެފޭ" އިން އައްޑޫ ހޮސްޕިޓަލަށް މާސްކް ހަދިޔާ އިރު، މަޝްހޫރު ވިޔަފާރި ކުންފުނި، ހެޕީ މާކެޓުން ވަނީ ރެއިން ރެއަށް އެ ހޮސްޕިޓަލަށް ސެނިޓައިޒާ ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ކޮށްފަ އެެވެ.

އައްޑޫގައި ޕްރޮޓެކްޓިވް ޕާސަނަލް އިކުއިޕްމަންޓްސް (ޕީޕީއީ) ނެތް ކަމަށް ހޮސްޕިޓަލުން އިއްޔެ ބުނެފައި ވަނިކޮށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ތަކެތި އައްޑޫގައި އެކަށީގެންވާ ވަރަށް އެބަހުރި ކަމަށެވެ.

އެގޮތުން ހޮސްޕިޓަލްގައި 289 ގައުންސް (ރައްކާތެރި ވުމަށް އަޅާ ހެދުން)، 1،306 ސާޖިކަލް މާސްކް، 59 އެން-95 މާސްކް އަދި 133 ފުޅި ސެނިޓައިޒާ ހުރި ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި ޕީޕީއީ އެކަށީގެންވާ ވަރަށް ނެތް ކަމަށް ބުނެފައި މި ވަނީ އިއްޔެ ރޭ ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހަކު ފަރުވާ އަށް މާލެ ގެންގޮސް ކޮވިޑް-19 އަށް ޓެސްޓްކުރި އިރު ޕޮޒިޓިވްވުމާ ގުޅިގެން، ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބަލައި އިއްޔެ 14 ދުވަހުގެ ލޮކްޑައުނެއް ވެސް އިއުލާންކޮށްފައި ވަނިކޮށެވެ. ނަމަވެސް އެ މީހާ މިހާރު ބައްޔަށް ނެގެޓިވް ކަމަށް ރޭ ދަންވަރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ.

މަބުރޫކް ރޭ ވިދާޅުވީ އައްޑޫގައި އާއްމުންގެ ތެރޭގައި ހަލުވިކަމާ އެކު ބަލި ފެތުރޭ ހާލަތެއް އަޔަނުދިނުމަށްޓަކައި އެ ސިޓީގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށައި އުއްމީދަކީ އާއްމުންގެ ތެރެއަށް ހަލުވިކޮށް ބަލި ފެތުރޭ ހާލަތެއް ނައުން ކަމަށެވެ.