އޯ ލެވެލް އިމްތިހާނު އަންނަ އަހަރުގެ މެއި/ޖޫންގައި ބާއްވަން މަޝްވަރާކުރަނީ

ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާން، އަންނަ އަހަރުގެ މެއި/ޖޫން ގައި ބާއްވަން މަޝްވަރާކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.


ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިިޕަލުންނާ އެކު މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފަ އެވެ.

އޭގެ އިތުރުން އަންނަ އޮކްޓޯބަރު/ނޮވެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ އޯ ލެވެލް އިމްތިހާނު ވެސް އަންނަ އަހަރުގެ މެއި/ޖޫން އިންޓޭކުގައި ބާއްވަން، ކެމްބްރިޖާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލަކު ވިދާޅުވި އެވެ.

"މިނިސްޓަރު ވިދާޅުވީ މެއި/ޖޫންގައި އޯ ލެވެލް އިމްތިހާނު ބާއްވަން ކެމްބްރިޖާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް. އެހެން ނޫނީ އަންނަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރު ގައި ކަމަށް ދެން ބޭއްވޭނީ. ގިނަ ޕްރިންސިޕަލުން ބޭނުންވަނީ މެއި/ޖޫންގައި އިމްތިހާން ބާއްވަން،" އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕްރިންސިޕަލަކު ވިދާޅުވި އެވެ.

އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނު ފަސްކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުގައި ސިލަބަސް ނިންމައި އިމްތިހާނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު އެ ދުވަސްވަރު ނުބާއްވަން ހަމަޖެއްސީ ކަމަށް ބުންޏެވެ.

"މި ނިންމުމާ ގުޅިގެން ދެން އިމްތިހާނު ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ވެސް ދެންނެވީމެވެ. މި ބަދަލު ގެނައުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަ ކުރުމަށެވެ،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި، ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުއްވި ސާކިއުލާގައިވެ އެވެ.

އޯ ލެވެލްގެ އިތުރުން މި މަހު ފަށަން ހަމަޖައްސާފައި އޮތް އޭ ލެވެލް އިމްތިހާނު ވެސް ވަނީ، އަންނަ އޮކްޓޯބަރު/ނޮވެމްބަރަށް ފަސްކޮށްފަ އެވެ. ނަމަވެސް އެ ދަރިވަރުންގެ އިމްތިހާނު ބާއްވަން ހަމަޖައްސާފައިވާ ތާރީހަށް އިތުރު ބަދަލެއް ގެންނާކަށް އަދި ނުނިންމަ އެވެ.