އެސްޓީއޯގެ ދެ އޮޕްޝަން އަގު ބޮޑު، އަގު ހެވީ ބޭނުންވާ ވެންޓިލޭޓަރެއް ނޫން: ހެލްތު

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހުޅުވައިލުމުން އެސްޓީއޯއިން ހުށަހެޅި ތިން އޮޕްޝަންގެ ތެރެއިން އަގުހެޔޮ ވެންޓިލޭޓަރުތަކަކީ، ޓެކްނިކަލް ރިކުއާމަންޓްތަކަށް ނުފެތޭ، ސަރުކާރުން ބޭނުންވާ ވައްތަރުގެ ވެންޓިލޭޓަރެއް ނޫން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެސްޓީއޯ އަށް ނުދީ އެ ޕްރޮޖެކްޓް ދިވެހި ދެ ކުންފުންޏެއް ކަމަށްވާ މެޑްޓެކާއި ނާޑް އަށް ދިން މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ ދެ ކުންފުނީގެ ތެރެއިން މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރުގެ ތެރެއިން 18 ވެންޓިލޭޓަރެއް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަވަސް ކުރުމުގެ ގޮތުން މި މަސައްކަތް ހަވާލުކުރީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ.

އެސްޓީއޯ އިން ރޭ ބުނެފައި ވަނީ އެ ކުންފުންޏަށް އެ ޕްރޮޖެކްޓް ނުދިނީ އެންމެ ހެޔޮ އަގު ހުށަހަޅާފައިވަނިކޮށް ކަމަށެވެ. އެސްޓީއޯ އިން ތިން އޮޕްޝަނެއް ސަރުކާރަށް ހުށަހެޅި އެވެ. އޭގެ ތެރެއިން ފުރަތަމަ އޮޕްޝަނަކީ ވެންޓިލޭޓަރެއް 878،475ރ. އަށް ގެނެސް ދިނުމެވެ. ދެވަނަ އޮޕްޝަނަކީ ވެންޓިލޭޓަރެއް 206،666ރ. އަށް ގެނެސް ދިނުމެވެ. އަދި ތިން ވަނަ އޮޕްޝަންއަކީ ވެންޓިލޭޓަރެއް 429،801ރ. އަށް ގެނެސް ދިނުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެސްޓީއޯއާ ހަވާލުނުކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، އެކަމުގެ ސަބަބު ބަޔާންކޮށް ހެލްތު މިނިސްޓްރީން އެސްޓީއޯ އަށް މިއަދު ފޮނުވި ސިޓީގައި ބުނީ، އެ ކުންފުނިން ހުށަހެޅި ތިން ހުށަހެޅުމުގެ ތެރެއިން އަގުހެޔޮ އޮޕްޝަންގައިވާ ވެންޓިލޭޓަރަކީ ނިއޯނޭޓަލް އޮޕްޝަން (އެންމެ ތުއްތު ކުދިންނަށް ބޭނުން ކުރެވޭ) ވެންޓިލޭޓަރު ނޫން ކަމަށެވެ. އެ އޮޕްޝަން ގަބޫލު ކުރެވެން ނެތީ އެހެންވެ ކަމަށް ހެލްތު މިނިސްޓްރީގެ ސިޓީގައި ވެ އެވެ.

ނިއޯނޭޓަލް އޮޕްޝަން ކޮންމެހެން ހިމަނަން ޖެހެނީ، ކޮވިޑް-19 ބަލީގައި އެންމެ ތުއްތުކުދިންނަށް ވެސް ފަރުވާދޭންޖެހޭ ހާލަތުގައި ނިއޯނޭޓަލް ވެންޓިލޭޓަތައް ކޮންމެހެން ބޭނުންކުރަން ޖެހޭނެތީ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

"އެހެންކަމުން އޮޕްޝަން 2 ގައި ހުށަހަޅުއްވާފައިވާ ތަކެއްޗަކީ މި މިނިސްޓްރީން ދީފައިވާ ޓެކްނިކަލް ރިކުއަމަންޓަށް ނުފެތޭ ތަކެތި ކަމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ވަނީ ނިންމާފަ އެވެ،" އެސްޓީއޯއާ ޕްރޮޖެކްޓް ހަވާލުނުކުރި ސަބަބު އޮޅުންފިލުވައިދީ ހެލްތު މިނިސްޓްރީން ބުންޏެވެ.

ދެން އެސްޓީއޯ އިން ހުށަހެޅި ދެ އޮޕްޝަން ބަލައިނުގަތީ ދެން އަގު ހުށަހެޅި ދެ ކުންފުންޏަށްވުރެ އަގު ބޮޑު ވުމުން ކަމަށް ވެސް ސިޓީގައިވެ އެވެ.

މެޑްޓެކުން ހުށަހަޅާފައިވަނީ ބެލަވިސްޓާ ބްރޭންޑްގެ ވެންޓިލޭޓަރެއް 288،914ރ. އަށް ގެނެސްދިނުމަށެވެ. އެ ތަކެތި ގެންނަން ނަގާނެ މުއްދަތަކަށް ހުށަހަޅާފައިވަނީ ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެކެވެ. އެއީ 50 ވެންޓިލޭޓަރެވެ.

ދެން އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ 20 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވާ ނާޑުންނެވެ. އީވްއިން ބްރޭންޑްގެ ވެންޓިލޭޓަރެއް 14 ދުވަސް ތެރޭ ގެނެސްދޭން އެ ކުންފުނިން ހުށަހަޅާފައިވަނީ 351،577ރ. އެވެ. އެހެންކަމުން 20 ވެންޓިލޭޓަރު ރާއްޖެ އަށް ގެންނަން ނާޑް ކުންފުނިން ނަގާ އަގަކީ 7،031،541ރ. އެވެ.

ހެލްތް މިނިސްޓްރީން އެސްޓީއޯ އަށް ފޮނުވި ސިޓީގައިވާ ގޮތުން، ހަތަރު ހޮސްޕިޓަލަކަށް ބޭނުންވާ 25 ވެންޓިލޭޓަރު ގެނައުމަށް 17 މިލިއަން ރުފިޔާ އަށް މި އަހަރުގެ ޖެނުއަރީ 22 ގައި ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެއީ ކޮވިޑް-19 ރާއްޖެ އަށް އައުމުގެ މާ ކުރިންނެވެ. އެކަމަކު ފަސް މަސް ވީއިރު ވެސް އެސްޓީއޯ އަށް ގެނެސްދެވުނީ އެންމެ 10 ވެންޓިލޭޓަރެވެ. އެއީ ނިއޯނޭޓަލް އޮޕްޝަން ނުހިމަނާ 10 ވެންޓިލޭޓަރެވެ.

ރަށްރަށުގެ ހަތަރު ހޮސްޕިޓަލަކަށް ބޭނުންވެގެން ގެނެސްދޭން އެސްޓީއޯއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 13 ވެންޓިލޭޓަރަކީ ނިއޯނެޓަލް އޮޕްޝަން ނުހިމަނާ އެއްޗިއްސެވެ. އެއިން އެއްޗެއް ގެނެސްދޭން އެސްޓީއޯ އިން އެއްބަސްވެ ހަވާލުވީ 757،000ރ. އަށެވެ. ނިއޯނެޓަލް އޮޕްޝަން ހިމެނޭ އަށް ވެންޓިލޭޓަރު ގެނައުމަށް އެސްޓީއޯއާ އޭރު ހަވާލު ކޮށްފައިވަނީ ވެންޓިލޭޓަރެއް 783،000ރ. ގެ ރޭޓުންނެވެ. ހަތަރު ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރެއް ގެންނަން ހަވާލުކޮށްފައިވަނީ އެއްޗެއް 322،216ރ. ގެ ރޭޓުންނެވެ. މި އަގުތަކަށް ބަލާއިރު ވެސް، ކޮވިޑް-19 އާ ގުޅިގެން ގެނެސްދޭން މެޑްޓެކާއި ނާޑް ކުންފުނިން ހުށަހެޅި އަގުތަކަށް ވުރެ ވެސް އެސްޓީއޯގެ އަގު ބޮޑެވެ.

ހެލްތް މިނިސްޓްރީން އެސްޓީއޯ އަށް ފޮނުވި ސިޓީގައިވާ ގޮތުން، ހަތަރު ހޮސްޕިޓަލަކަށް ބޭނުންވާ 25 ވެންޓިލޭޓަރު ގެނައުމަށް 17 މިލިއަން ރުފިޔާ އަށް މި އަހަރުގެ ޖެނުއަރީ 22 ގައި ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެއީ ކޮވިޑް-19 ރާއްޖެ އަށް އައުމުގެ މާ ކުރިންނެވެ. އެކަމަކު ފަސް މަސް ވީއިރު ވެސް އެސްޓީއޯ އަށް ގެނެސްދެވުނީ އެންމެ 10 ވެންޓިލޭޓަރެވެ. އެއީ ނިއޯނޭޓަލް އޮޕްޝަން ނުހިމަނާ 10 ވެންޓިލޭޓަރެވެ.

މެޑްޓެކުން މިހާތަނަށް 18 ވެންޓިލޭޓަރު ގެނައިއިރު 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވާ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން މި މަހުގެ ތެރޭގައި ރާއްޖެ އަށް 45 ވެންޓިލޭޓަރު ގެންނާނެ ކަމަށް ސަރުކާރުން ރޭ ވަނީ ބުނެފަ އެވެ. ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ސަރުކާރުގެ އިސްވެރިންނަށް ފައިދާ ވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.