އުއްމީދުކުރަނީ ކޮވިޑް-19 ގެ ސާޖް ދަށްކުރެވޭނެ ކަމަށް: އެޗްޕީއޭ

ކޮވިޑް-19 ގެ ސާޖް (ކުއްލި އިތުރުވުމެއް) އަންނަ މިންވަރު ކުރިން ލަފާކުރި ވަރަށް ވުރެ ދަށް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި "މިހާރު"ން ކުރި ސުވާލަކަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ބަލިފެތުރޭ މިންވަރު ކުރިން ލަފާކޮށްފައިވާ ވަރަށް އިތުރުވާތަން އަދި ނުފެންނަ ކަަމަށާއި އުއްމީދުކުރަނީ އިތުރުވިޔަސް އިތުރުވާނީ ވަރަށް ދަށްކޮށް ކަމަށެވެ. ސަބެބެއް ކަމަށް އޭނާ ވިދާޅުވީ ލޮކްޑައުންގެ ފިޔަވަޅު އޮތުމާއި އެ ފިޔަވަޅު ދިގުދެމިގެން ދިއުމުން މީހުންގެ ދިރިއުުޅުމުގެ ވައްޓަފާޅި އަށް ބަދަލު އައުމެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ސާޖް އަޔަސް އަންނާނީ ވަރަށް ލޯ ސާޖެއް ކަމަށް،" އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް މީގެ ކުރިން ވިދާޅުވެފައި ވަނީ ބަލި ފެތުރޭ މިންވަރު އިތުރުވާކަން ނުވަތަ ނޫންކަން އެނގޭނީ ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރެވޭ މިންވަރު އިތުރު ކުރެވުމުން ކަމަށެވެ. އެކަމަކު މިރޭ ވިދާޅުވީ ޓެސްޓް ކުރުމުގެ ގާބިލުކަން އިތުރު ނުކުރެވުނަސް ބަލި ފެތުރޭ މިންވަރު އިތުރުވާ ނަމަ އެކަން ފެންނާނެ ކަންތައްތަކެއް ނުވަތަ "ސަރޮގޭޓް އިންޑިކޭޓާތަކެއް" ހުންނަ ކަމަށެވެ. ބަލި ފެތުރޭ މިންވަރު އިތުރުވާނެ ކަަމަށް ކުރިން ލަފާކޮށްފައިވާ މުއްދަތު އަދި ހަމަ ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތައް ހާހެއްގައި އަޅުގަނޑުމެންގެ ޕްރޮޖެކްޝަންތައް ހުރީ އޭރުގައި އެންމެ ފުރަތަމަ ފެށްޓި އިރު. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އެބަަ އެ ޕްރޮޖެކްޝަންތައް ދަށްކޮށްްލެވޭ. އަދި ހަމަ މިހާރު މިކުރެވޭ މަސައްކަތުން، އެއީ ޕްރޮޖެކްޝަންތަކުގެ ވާހަކަ ދެއްކީމާ ވެސް އަންނާނެ ބަދަލެއް އިނގޭތޯ. އާއްމުންނަށް ވެސް މިވާހަކަ އިނގުނީމާ،" ޑރ.އަފްޒަލް

އެޗްޕީއޭ އިން ލަފާކޮށްފައި ވަނީ މިމަސް ނިމޭ އިރު ކޮވިޑް-19ގެ ޕީކެއް އައިސް، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 6،000 އަށް އަރާނެ ކަމަށެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ.އަފްޒަލް ވާހަކަ ދައްކަވަނީ.

"ސާޖެއް އަންނަ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެންގެ މި ޓެސްޓިން ކެޕޭސިޓީ ހަމަ މިގޮތަަށް ހުއްޓަސް އެހެން ދިމަ ދިމާލުން، އެއީ ސަރޮގޭޓް އިންޑިކޭޓާސް އޭ މިކިޔާ ދިމަ ދިމާލުން އަަޅުގަނޑުމެންނަށް އެނގޭ އެ އިތުރު ވަންޏާ. އެހެންވީމާ އެގޮތަށް އިތުރުވާކަމަށް ފެންނަންޏާ އަޅުގަނޑުމެންގެ ޓެސްޓިން ވެސް އިތުރަށް ފުޅާ ކުރެވިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރޭނެ ކަމަށް ކުރިން ލަފާކޮށްފައިވާ މިންވަރަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެއީ ފިޔަވަޅުތައް ތަންފީޒުކުރެވޭ މިންވަރުގެ މައްޗަށް ބިނާވާ ކަމެއް ކަމަށެވެ. އެގޮތުން ފިޔަވަޅުތަކަށް އާއްމުން އިހުތިރާމް ކުރާ މިންވަރު ކުރިން ލަފާކޮށްފައި އޮތަސް، އެކަން ކުރިއަށްދާ ގޮތް ރަނގަޅަށް ފެންނާނީ ހާލަތު އައުމުން ކަމަށާއި އެހެންވީމާ ލަފާކޮށްފައިވާ ކަންތައްތައް ބަދަލުވަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތައް ހާހެއްގައި އަޅުގަނޑުމެންގެ ޕްރޮޖެކްޝަންތައް ހުރީ އޭރުގައި އެންމެ ފުރަތަމަ ފެއްޓި އިރު. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އެބަަ އެ ޕްރޮޖެކްޝަންތައް ދަށްކޮށްްލެވޭ. އަދި ހަމަ މިހާރު މިކުރެވޭ މަސައްކަތުން، އެއީ ޕްރޮޖެކްޝަންތަކުގެ ވާހަކަ ދެއްކީމާ ވެސް އަންނާނެ ބަދަލެއް އިނގޭތޯ، އާއްމުންނަށް ވެސް މި ވާހަކަ އިނގުނީމާ،" އަފްޒަލް ވިދާޅުވި އެވެ.