މި ފަހަރު އީދު ނަމާދު ކުރާނީ ގޭގައި: އިސްލާމިކް މިނިސްޓްރީ

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވާތީ މި ފަހަރު އީދު ނަމާދު ވެސް ކުރާނީ ގޭގައި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


މިއީ ރާއްޖޭގައި އީދު ނަމާދު މިސްކިތްތަކުގައި ޖަމާއަތުގައި ނުކުރާ ފުރަތަމަ ފަހަރެވެ. ކަލަންޑަރު ބުނާގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އާދިއްތަ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަކީ އިސްލާމް ދީނުގެ ވަރަށް މަތިވެރި ޝިއާރެއް ކަމަށާއި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެކަން ކުރުން މިވަގުތު ރަނގަޅު ނޫން ކަމަށެވެ. މިފަދަ، ޝަރުއީ އުޒުރެއްގެ ސަބަބުން، އީދު ނަމާދުގެ އާންމު ބޮޑު ޖަމާއަތް ގާއިމު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ފަރުދީ ގޮތުން ގޭގައި ތިބެ އެ ނަމާދު ގާއިމު ކުރުން ޝަރުއުވެގެން ވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެ ނަމަ، އަނަސްގެފާނު ގޭގައި އަހުލުންނާއެކު ޖަމާއަތުގައި އީދު ނަމާދު ކުރައްވާ ކަމަށް ސައްހަ ރިވާޔަތްތަކުން ވާރިދުވެ އައިސްފައިވޭ،" މިނިސްޓްރީންގެ އިއުލާންގައި ވެ އެވެ.

އިސްލާމިކް މިިނިސްޓްރީގެ އިއުލާން

މިނިސްޓްރީން ބުނިގޮތުގައި. ގޭގައި ވެސް އީދު ނަމާދު ކުރާނީ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އެ ނަމާދު ކުރާ ގޮތަށެވެ. އެކަމަކު، އީދު ނަމާދުގެ ހުތުބާއަކީ ހާކިމާގެ އަމުރަށް ބޮޑު ޖަމާއަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ދިނުމެއް ނޯންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އީދު ނަމާދު ކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާ ނުލަ އެވެ. ގޭގައި އީދު ނަމާދު އެކަނި ވެސް ކުރެވޭނެ ކަމަށާއި ނަމަވެސް ގޭގެ މީހުންނާއެކު ޖަމާއަތުގައި ކުރުނު ހެޔޮކަން ބޮޑުވެގެންވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގޭގައި އީދު ނަމާދު ކުރާއިރު އަމަލުކުރަން މިނިސްޓްރީން އަންގާފައިވާ ކަންކަން

* އީދު ނަމާދަށް ނިޔަތްގަނެ ހަށަން ބަންނަ ތަކްބީރު ކިޔައި ހަށަން ބަނދެ، ދުއާއުލް އިފްތިތާހް ކިޔުން.

* ހަށަންބަންނަ ތަކްބީރު ފިޔަވައި ވިދިވިދިގެން ހަތް ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައި ވެސް ދެ އަތް ދެކޮނޑާ ހަމައަށް އުފުލުން.

* އެއަށް ފަހު ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އައުލާ ނުވަތަ އެ މީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.

* އެހެން ނަމާދުތަކެކޭ އެއްފަދައިން ފުރަތަމަ ރަކްޢަތް ފުރިހަމަކުރުމަށް ފަހު ދެވަނަ ރަކްއަތަށް ތެދުވުން.

* ދެ ވަނަ ރަކްއަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން ފަސް ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައި ވެސް ދެ އަތް ދެކޮނޑާ ހަމައަށް އުފުލުން.

* ދެ ވަނަ ރަކްއަތުގައި ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އާޝިޔާ ނުވަތަ އެ މީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.

* ދެވަނަ ރަކުއަތް ފުރިހަމަކޮށް، އައްތަހިއްޔާތު ކިޔުމަށް ފަހު ސަލާމްދިނުން.

ރާއްޖޭގައި އީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 7:30 އެވެ.

މިނިސްޓްރީން ބުނީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުހެދުނު ނަމަވެސް ގޭގައި އީދު ނަމާދު ކުރުމަށާއި، ގިނަގިނައިން ތަކުބީރު ކިޔައި، ޝަރުއީ ހަމަތަކުގެމަތިން ރައްކާތެރިކަމާ އެކު ގޭގެ މީހުންނާއެކު އީދު އުފާ ފާޅުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މާޗް 18 ވަނަ ދުވަހުން ފެށިގެން މާލޭގައި މެދުކަނޑާލާފައިވާއިރު މިދިޔަ މަހުގެ 19 އިން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލައިފަ އެވެ. އެ ބަލި އަދިވެސް ކޮންޓްރޯލް ނުވާތީ، ޖަމާއަތުގައި ނަމާދު ނުކުރުމުގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް އިތުރުކުރަން ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.