ކޮވިޑް-19: އެސްޓީއޯ މެދުވެރިކޮށް ހަރަދުކުރި ގޮތް ބަލަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް 814 މިލިއަން ރުފިޔާ ހަރަދު ކުރެވުނު އިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް. މެޑިކަލް ކޮންސިއުމަބަލްސްގެ ތެރެއިން ގާތްގަނޑަކަށް 86 ޕަސެންޓް ޕްރޮކިއުއާ ކުރަނީ އެސްޓީއޯ އިން ކަމަށް އަމީރު ވިދާޅުވެފައިވޭ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ގަތުމުގައި އެސްޓީއޯ މެދުވެރިކޮށް ހަރަދުކުރި ގޮތުގެ ހާއްސަ އޮޑިޓެއް ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.


ކޮވިޑް-19 ފެތުރޭ ހާލަތާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓެއް ކުރަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް އަންގަން އެ ކޮމިޓީ އަށް ހުށަހެޅުއްވީ ކޮމިޓީގެ މެމްބަރު، ދާންދޫ ދާއިރާގެ ޔައުގޫބް އަބްދުﷲ އެވެ. އޭނާ ހުށަހަޅުއްވައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްކުރީ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.

ޔައުގޫބްގެ ހުށަހެޅުއްވުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން އެކިއެކި މުއައްސަސާތަކުން ކޮށްފައިވާ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކޮށް، ރިޕޯޓް ފޮނުވަން އޮޑިޓާ ޖެނެރަލް ހަސަނަށް ސިޓީއަކުން ދެންނެވުމަށެވެ. އެ ސިޓީ އޮޑިޓާ ޖެނެރަލަށް ލިބިވަޑައިގަންނަވާތާ 45 ދުވަހުގެ ތެރޭގައި އެ މަސަައްކަތް ނިންމަން ވެސް އެ ހުށަހެޅުމުގައި ވެ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ޔައުގޫބް ވިދާޅުވީ، ކޮވިޑް-19 އާ ގުޅޭ އެކި ކަންތައްތައްތަކަށް ފިނޭންސް މިނިސްޓްރީން ކުރި ހަރަދުގެ 72 ޕަސެންޓް ހޭދަ ކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ކަން ކޮށްފައި ވަނީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިންތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެސްޓީއޯ އަކީ ސަރުކާރުގެ ކުންފުންޏަކަށް ވާތީވެ އެސްޓީއޯގެ ތެރެއިން ހަރަދު ކުރެވުނީ އުސޫލުގެ ތެރެއިންތޯ ބެލުމަށް ހާއްސަ އޮޑިޓެއް ކުރަން އަޅުގަނޑު މި ހުށަހަޅަނީ،" އޭނާ ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވި ގޮތުގައި، މީގެ ކުރިން ކޮށްފައިވާ އެފަދަ އޮޑިޓް ތަކުގައި އޮޑިޓާ ޖެނެރަލްގެ އޮފީހަށް އެކިއެކި ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. އެހެންވީމާ މި ފަހަރުގެ އޮޑިޓަށް ކުރިމަތިވާ އެފަދަ މައްސަލަތަކުގެ މައުލޫމާތު ވެސް ކޮމިޓީއާ ހިއްސާ ކުރަން އެދެން އޭނާ ހުށަހެޅުއްވި އެވެ.

"ހަމަ މީގެ ތެރޭގައި އަޅުގަނޑު ހިމަނަން ބޭނުންވޭ، މި އޮޑިޓް ކުރަމުން ދާއިރު އެސްްޓީއޯ އިން ލިބެންވާ އެއްބާރުލުން ލިބޭތޯ ނުލިބޭތޯ ނުލިބެންޏާ އަޅުގަނޑުމެންނާ އެ މައުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް އެ މުއްދަތުގެ ތެރޭގައި،" ޔައުގޫބް ވިދާޅުވި އެވެ.