"ސޭފް ޓޫރިޒަމް" ގެންނަން އުޅެނީ ދާއިރާއާ މަޝްވަރާ ނުކޮށް، އޭގެ ގެއްލުންވާނެ: ސައީދު

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށްޓަކައި ސަރުކާރުން ތައްޔާރުކުރި ސޭފް ޓޫރިޒަމްގެ ޑްރާފްޓް އެކުލަވާލީ އެ ދާއިރާއާ މަޝްވަރާ ނުކޮށް ކަމަށާއި އޭގެ ސަބަބުން ގެއްލުން ވާނީ ޓޫރިޒަމް ދާއިރާ އަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 ފެތުރުން ނުހުއްޓުނަސް، ޚާއްސަ ފިޔަވަޅުތަކާ އެކު ޓޫރިޒަމް ފެށުމާ ބެހޭ ޑްރާފްޓް ރިޕޯޓެއް ސަރުކާރުން އެކުލަވައިލައި، މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އެ ރިޕޯޓް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.

އެކަމާ ގުޅިގެން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ މަޝްވަރާ ކުރުމެއް ނެތި އެފަދަ ރިޕޯޓެއް މަޖިލީހަށް ފޮނުވުމުން ގެއްލުން ވާނީ އެ ދާއިރާއަށް ކަމަށާއި މަޖިލީހާއި ސަރުކާރުން ވެސް ކަންކަން ކުރަނީ އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކޮށް އެކުލަވައިލި އެ ރިޕޯޓުގެ މައްޗަށް ކަމަށެވެ. މިހާރު ރާއްޖޭގައި ދެ ސަރުކާރެއްގެ ސިފަ ޖެހިފައިވާ ކަމަށާއި މިހާރު ފެންނަމުންދަނީ ބަރުލަމާނީ ބާރެއްގެ ދަށުވެފައިވާ ރިޔާސީ ހަރަކާތެއް ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ހުރިހާ ގެއްލުމެއް ލިބެނީ ވިޔަފާރިތަކާއި ރައްޔިތުންނަށް ކަމަށް ވެސް ސައީދުގެ ޓްވީޓްގައިވެ އެވެ.

ސައީދުގެ ޓްވީޓް

ސޭފް ޓޫރިޒަމްގެ ޑްރާފްޓް ރިޕޯޓު އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެ ރިޕޯޓުގައި ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް ޓޫރިސްޓުން ގެނައުމާއި އަނބުރާ ގެންދިއުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި އަގުތައް ނަގާނެ ގޮތްތައް ބަޔާން ކޮށްފައިވެ އެވެ.