ޔާމީންގެ އުފަން ދުވަހު ގައުމު ގޮވަނީ އެމަނިކުފާނުގެ ޚިދުމަތަށް: ޕީޕީއެމް/ޕީއެންސީ

މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 61 ވަނަ އުފަން ދުވަސް މިއަދު ފާހަގަކުރާއިރު ގައުމު އެދި ގޮވަނީ އެމަނިކުފާނުގެ ޚިދުމަތަށް ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.


ޔާމީންގެ އުފަން ދުވަސް ފާހަގަކޮށް އެ ދެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ އެ މަނިކުފާނުގެ އިސްތިއުފާނު ޝަރީއަތް އަވަސްކުރުމަށާއި ގެއަށް ބަަަދަލުކުރުމަށް ގޮވާލައި ގޮވާލުން ތަކުރާރުކޮށްފަ އެވެ.

ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށްލީ ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ. އެކަމަކު މީގެ ކުރިން ވެސް ޕީޕީއެމް-ޕީއެންސީ އިން ބުނަމުންދާ ގޮތަށް މިއަދުގެ ބަޔާނުގައި ވެސް ބުނީ ޔާމީނަށް ދެނީ ނުހައްގު އަދަބެއް ކަމަށެވެ.

ޔާމީނު ޖަލުން ސަލާމަތްކޮށް އެ މަނިކުފާނު ރާއްޖޭގެ ވެރިކަމަށް އަލުން ގެންނަން ކުރާ މަސައްކަތްް އިތުރަށް ވަރުގަދަކޮށް އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...ގިނިކަންްޏާ ޖަލުގައި އޮންނެވި ނަމަވެސް ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަަޑައިގަންނަވަނީ ގައުމު އިސްކޮށް ގައުމާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަަކައި ކެތްތެރިކަމާއި ސާބިތުކާ އެކު ގުޅިގެން މަސައްކަތް ކުރެއްވުމަށެވެ،" ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ބުނެފައިވަނީ ޔާމީންގެ ޚިދުމަތަށް ގައުމުން އެދި ގޮވާ ކަމަށާއި މިހާރު ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ކޮޅަށް ޖަހައި އާރާސްތުކުރެވޭނެ ހަމައެކަނި ލީޑަރަކީ ޔާމީން ކަމަށް ރައްޔިޔުން ގަބޫލުކުރާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ޔާމީންގެ ސިއްހީ ހާލަތު ވަރަށް ދަށް ކަމަށާއި ކޮޅަށް ހުންނަވައިގެން ނަމާދު ވެސް ނުކުރެއްވޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވަނީ ވިދާޅުވެފަ އެވެ.

ޗެނަލް 13ގެ ޕްރޮގްރާމެއްގައި އަދުރޭ ވިދާޅުވީ ޔާމީންގެ ހާލުކޮޅު ރަނގަޅު ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"އެމަނިކުފާނަކީ މައިބަދައިގެ މައްސަލައެއް ހުންނަ ބޭފުޅެއް. ހަމައެއާ އެކު ހިތުގެ އާލާސް ކަންފުޅެއް ހުރި ކަމަށް ޑޮކްޓަރުން ލިޔުން ދެއްވާފައިވާ ބޭފުޅެއް. މިވަގުތު ވެސް ރައީސް ޔާމީނަށް އަމިއްލަފުޅަށް ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ހާލަތުގައި ހުރީ. އަޅުގަނޑަށް އެކަން އެނގޭތީ މިދަންނަވަނީ،" އަދުރޭ ވިދާޅުވި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި އެ މަނިކުފާނު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރުމުން، ބައެއް އަޑުއެހުންތައް ހައި ކޯޓުން ކުރިއަށް ގެންދިޔަ ނަމަވެސް މައްސަލަ ނިމުމަކާ ގާތަށް އަދި ނުދެ އެވެ.