ލުއިދެނީ ބަލީގެ ނުރައްކާ ކުޑަވެގެން ނޫން، ތައްޔާރުވެވުމުން: ޑރ. ޝީނާ

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާ ލުއި ދެނީ އާއްމުންގެ ތެރޭގައި ބަލީގެ ނުރައްކާ ކުޑަވެގެން ނޫން ކަމަށާއި ހާލަތު ގޯސްވެއްޖެ ނަމަ ވެސް ފަރުވާދެވޭނެ ވަސީލަތްތައް ގާއިމްކުރެވި ތައްޔާރުވެވުމުން ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.


މިދިޔަ އެޕްރީލް މަހުގެ 15 ގައި މާލެ އިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމުން އިއުލާންކުރި ލޮކްޑައުން އަށް ލުއިތަކެއް ދީ، ބައެއް ވިޔަފާރިތައް ހުޅުވައިލަން ވަނީ ނިންމައިފަ އެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއް ދޭ އިރު ފުރަތަމަ ލުއި ދެނީ ދެ ހަފުތާ އަށެވެ.

ރާއްޖެ އިން މި ބައްޔަށް މިހާތަނަށް 1،457 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ފަސް މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް އެ ބަލިން ރަނގަޅުވީ 242 މީހެކެވެ. ފަރުވާގައި 1،210 މީހަކު އެބަތިއްބެވެ.

ކޮވިޑް-19 އާ ގުޅޭ ފަންނީ ކަންކަމުގައި އެޗްޕީއޭ އަށް ލަފޭ ކޮންސަލްޓަންޓް ޑރ. ޝީނާގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑޮކްޓަރު އަލީ ލަތީފް ބައިވެރިވެވަޑައިގަތް މީޑިއާ ބްރީފިންގައި ޝީނާ ވިދާޅުވީ ކުރީގެ ޕްރޮޖެކްޝަން އިން ދެއްކި އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެ ލަފާކުރުންތަކުގައިވާ ބަލި ޖެހޭ ނިސްބަތް ދަށްވީ އޭނާ ވެސް ފާހަގަކުރެއްވި ގޮތުގައި، އެޗްޕީއޭގެ އިރުޝާދުތަކަށް އާއްމުން ކިޔަމަންތެރިކަމާ އެކު އަމަލުކުރުމުންނެވެ.

"މިހާތަނަށް ބަލާއިރު ބަލީގެ ރިސްކުގައި ތިބި މީހުން ކޮންމެވެސް ވަރަކަށް މަދުވެއްޖެ،" ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އިއުލާން ކޮށްފައިވާ ދޮޅުމަހެއްހާ ދުވަހުގެ ލޮކްޑައުން އަކަށް ފަހު ލުއިތަކެއް ދެނީ، ކޮވިޑް-19 ފެތުރެމުން ނުދާތީ ނުވަތަ އާއްމުންނަށް އޮތް ނުރައްކާ ވެސް ކުޑަވެގެން ނޫނެވެ. މި ލުޔާ އެކު ސޯޝަލް ޑިސްޓެންސިން އަށް ނުބެލުމާއި ދެން ވެސް ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް އަމަލުނުކޮށްފި ނަމަ އަދަދުތައް އިތުރުވާނެ ކަމަށާއި އެކަމަށް ވިސްނަން އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވީ ބަލި ޖެހި ބޮޑުވަރުވާ މީހުންގެ އަދަދު ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ދަށް ކަމަށެވެ. އެހެން އެގޮތަށް ދިމާވަނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އަދި މަސައްކަތް ކުރާ ބިދޭސީންނަކީ ވެސް ޒުވާން އާބާދީއަކަށް ވުމުން ކަމަށް ވިދާޅުވި އެވެ.

ޝީނާ ވިދާޅުވި ގޮތުގައި ކުރިން ޕޮޒިޓިވްވި މީހުންގެ ބޮޑު ނިސްބަތަކީ ބިދޭސީން ކަމަށް ވިޔަސް ފަހުން ފެންނަ ކޭސްތަކަށް ބަލާއިރު ބަލި ޖެހޭ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ލޮކްޑައުން ހުޅުވާލީމަ ކޭސް އިތުރުވި ކަމުގައި ވިޔަސް މިހާރު ހުރި ކެޕޭސިޓީން މެނޭޖްކުރެވޭނެ ކަމަށް ލަފާ ކުރެވެނީ. --ޝީނާ

އާއްމުންގެ ތެރޭގައި ބަލި ފެތުރެމުންދާއިރު ލޮކްޑައުން އަށް ލުއި ދޭން ވިސްނާ ސަބަބާ މެދު އާއްމުން އުފައްދާ ސުވާލާ ގުޅިގެން ޝީނާ ވިދާޅުވީ އެޗްޕީއޭގެ އިރުޝާދުތަކަށް އާއްމުން ވަރަށް ބޮޑަށް ކަމޭހިތުމުން އިންފެކްޝަން ރޭޓް ދަށްކުރެވިފައިވާ ކަމަށެވެ.

އަނެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެފައި އޮތުމެވެ. މާލޭގެ ކުދި ތަންތަންކޮޅުގައި އުޅުނު ބިދޭސީން ސަރުކާރުން ވަނީ ވަގުތީ ހިޔާތަކަކަށް ބަދަލުކޮށްފަ އެވެ.

މިނިސްޓަރު އަމީން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މާދަމާ އިން ފެށިގެން ލޮކްޑައުން ލުއިކޮށް ބައެއް ޚިދުމަތްތައް ހުޅުވާލާނެ.

ހެލްތު މިނިސްޓަރު އަމީނާއި ޑރ. އަލީ ލަތީފް ވެސް ވިދާޅުވީ ލުއި ދޭ މުއްދަތުގައި، ބައްޔަށް ސަމާލުނުވެ އުޅެފި ނަމަ ކުރިއެކޭ އެއްގޮތަށް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށެވެ. ފުރަތަމަ ދެ ހަފުތާ އަށް ލުއިދޭ އިރު ބައްޔަށް ޕޮޒިޓިވްވާ އަދަދުތަކުން ހާލަތު ވަރަށް ރަނގަޅަށް މޮނިޓަ ކުރާނެ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

ކޭސްތައް އިތުރުވާ ނަމަ ފުލް ލޮކްޑައުން އަކަށް އަނެއްކާ ވެސް ދާން ޖެހިދާނެ. --އަލީ

"އަލުން ލޮކްޑައުން އަކަށް ދާން ނުޖެހޭ ގޮތަށް އަމަލުތައް ބެހެއްޓުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް."

ހާލަތު ގޯސްވެއްޖެ ނަމަ ވެސް ފަރުވާ ދެވޭނެ

އަލީ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ އެކު ވަރަށް ގިނަ ދުވަހު ދިވެހިން ވެސް އުޅެން ޖެހޭނެ ކަމަށް ލަފާކުރެވޭތީ، މިކަމުން ރައްކާތެރިވުމުގެ ފަރުވާއަކަށް އޮތީ ރީތި އާދަތަކުގައި ހިފައިގެން ދިރިއުޅުމެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަލީ ލަތީފް ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ދަށް ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ބަލިން ރައްކާތެރިވުމުގައި އެންމެ ބޮޑު އިސްކަމެއް ދިން އެއް ކަމަކީ ހާލަތު ގޯސްވެއްޖެ ނަމަ ވެސް ފަރުވާދެވޭނެ މިންވަރަށް ތައްޔާރުވުން ކަމަށެވެ. ރާއްޖެ އިން މިކަމަށް ތައްޔާރުވާން ފެށީ މި ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް ވެސް ނެތި ކަމަށާއި އެކަމަކު ވޭތުވެދިޔަ ތަނުގައި ކުރި މަސައްކަތުން ފަރުވާ އަށް ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއަކާއި ޓްރީ ޓޮފް ޚާއްސަ ކުރެވިފައިވާ ކަމަށެވެ.

މި ދެ ތަނުގެ ޖާގަ އަކީ 300 އަށް ވުރެން ގިނަ އެނދު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ލޮކްޑައުން އިން ނުކުންނަ އިރު ކޭސްތަކުގެ އަދަދު އިތުރުވެއްޖިއްޔާ ފަރުވާ ދެވޭނެ ގާބިލްކަން އެބަހުރި. --އަލީ

ކަރަންޓީން ފެސިލިޓީގެ ގޮތުގައި 24 ރިސޯޓެއް ހަމަޖެހިފައިވާ އިރު އައިސޮލޭޝަން ފެސިލިޓީތަކުގެ ޖާގައަކީ 400 ކަމަށް އަލީ ވިދާޅުވި އެވެ.

"މި ކަހަލަ ކްރައިޓީރިއާތަކަކީ އަޅުގަނޑުމެން ލޮކްޑައުން އިން ނުކުންނަ އިރު ކޮންމެހެން ވެސް ހުންނަން ޖެހޭ ކަންތައްތަކެއް. އެހެންވީމަ ކޭސްތައް ފެނިއްޖިއްޔާ ވެސް އަޅުގަނޑުމެންނަށް އެޑްމިޓް ކުރެވޭނެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑަށް ފުރަތަމަ ޓެސްޓް ކުރަން ޖެހުނީ ބޭރަށް ފޮނުވައިގެންނެވެ. އެކަމަކު ޓެސްޓް ކިޑްތައް ރާއްޖެ އަށް ލިބުމުން ފުރަތަމަ ޓެސްޓްކުރީ ދުވާލަކު 200 ސާމްޕަލެވެ. މި އަދަދު މިހާރު 600 އަށް މަތިވެފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ލަތީފް ތަކުރާރުކޮށް ފާހަގަކުރެއްވީ ލޮކްޑައުން އަށް ދޭ ލުއިތަކުގައި ބައްޔަށް ފަރުވާ ކުޑަކޮށްފި ނަމަ މިހާރު ގާއިމްކުރެވިފައި ހުރި ވަސީލަތްތަކަށް ނުތަކާ ވަރަށް މީހުން ބަލިވުމުގެ ފުރުސަތުވެސް އޮވެދާނެ އެވެ. މުހިއްމީ، އޭނާ ވިދާޅުވި ގޮތުގައި، އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވުމެވެ.

އެއް ކަމަކަށް ފާހަގަކުރެއްވީ އާއްމުކޮށް ބޭރަށް ނުކުންނަ އިރު މާސްކް އެޅުމެވެ. އެއާ އެކު ދުރުދުރުގައި ތިބެން ހަނދާން ނައްތާނުލުމާއި ރަނގަޅަށް އަތް ދޮވުން ކަމަށް ވިދާޅުވި އެވެ.