އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ވެސް ބޭރަށް ދެވޭނެ

ލޮކްޑައުން އަށް ދިން ލުއިތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ވެސް ބޭރަށް ދިއުމުގެ ހުއްދަ އޮންނާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ކޮވިޑް-19 ފެތުރޭތީ އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ދީފައިވާ ލުއިތަކުގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފަތިހު 5:00 އާއި 8:00 އާ ދެމެދު ފުލުހުންގެ ހުއްދައާއެކު ބޭރަށް ނުކުތުމުގެ ފުރުސަތު ދޭއިރު ކޮންމެ މީހަކަށް ވެސް ދުވާލަކު ދޮޅު ގަޑިއިރު ބޭރުގައި އުޅުމަށް ހުއްދަ ދޭން ނިންމައިފައިވާ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެހެން މީހެއްގެ އެހީތެރިކަމާ އެކު ނޫނީ ބޭރަށް ނުކުމެ ނޫޅެވޭ މީހުންނާ ހަވާލުވެގެން އިތުރު މީހަކަށް ބޭރަށް ނުކުމެވޭނެ ކަމަށް ވެސް ފައިރޫޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަހަކާއި އަށަކާ ދޭތެރޭގަ، އެދިވަޑައިގަންނަވާ ބޭފުޅުންނަށް ދޮޅުގަޑިއިރު ދޭނަން، ހަމަ ކޮންމެ ދުވަހަކު ވެސް ވަކި ދުވަހެއްގައެއް ނޫން"

މާލެއިން ކޮވިޑް-19 ފެނުމާއެކު އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުންކޮށް އަތޮޅުތެރޭގައި ވެސް ދަތުރުފަތުރު ހުއްޓާލާފައިވާއިރު، ލޮކްޑައުންގެ މުއްދަތަށް މިހާރު ވަނީ އެއް މަހަށް ވުރެ ގިނަ ދުވަސްވެފަ އެވެ.

މިހާރު މާޅޭގެ ހާލަތު އޮތް ގޮތަށް ބަލައި ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ކުޑަކުދިންނަށް ވެސް ވަކި ވަގުތެއްގައި ބޭރަށް ދާން އަންނަ ހަފުތާގައި ހުއްދަ ދޭން ފަށާނެ އެވެ.

ފުލުހުންގެ ހުއްދައާ އެކު ބޭރަށް ދެވުނަސް އެހެން ގޭގެޔަށް ދިއުން މަނަލެވެ. ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެހެންކަމުން އެ އުމުރުގެ މީހުންގެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން، އެޗުޕީއޭ އިން ތަކުރާރުތައް އަންނަނީ އެދެމުންނެވެ.